އަންޒަމާނުއްސުރެން ފަރޝިއަން ގަލްފްގެ ނުމުގައި ދުނިޔެއަށް އެނގިފައިވާ ޕާރޝިއަން ގަލްފުގެ ނަން އަރަބިއަން ގަލްފް ނުވަތަ ގަލްފް އޮފް އެރޭބިއާއަށް ބަދަލުކޮށްދިނުމަށް އަރަބި ގައުމުތަކުން އެމެރިކާގެ ރައީސަށް ފިއްތުންތައް ކުރިމަތި ކުރަމުން ގެންދާ ކަމަށްބުނެ ޕާރޝަން ގަލްފްގެ ނަން އެރޭބިއަން ގަލްފް ނުވަތަ ގަލްފް އޮފް އެރޭބިއާއަށް ބަދަލުކުރަން އެމަނިކުފާނު ނިންމަވައިފިއެވެ. ވަނަވަރު ހާމަނުކުރުން ޝަރުތުކޮށް އެމެރިކާގެ 2 އއޮފިޝަލަކު އެސޯޝިއޭޓެޑް ޕްރެސްއަށް އެކަމުގެ މައުލޫމާތު ހިއްސާ ކޮށްފައިވާ ނަމަވެސް ވައިޓް ހައުސް އިން ނުވަތަ އެމެރިކާގެ ސެކިއުރިޓީ ކައުންސިލުން އެކަމާބެހޭގޮތުން މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެއެވެ. އެހެންނަމަވެސް އެމެރިކާގެ މިލިޓްރީން އެ ކަނޑަށް އެރޭބިއަން ގަލްފް ކިޔާތާ ދުވަސްތަކެއް ވެއްޖެއެވެ.
ސަންދާނުގެ ކިއުންތެރިންނަށް މި ގެނެސްދެނީ ކުރީ ޒަމާނުގެ ތާރީޚުން ޕަރޝިއަން ގަލްފްގެ ވަރަށް ކުރު ޚުލާސާއެކެވެ.
ފާރިސް ކަރަ (މިހާރުގެ އިސްލާމިކް ރިޕަބްލިކް އޮފް އީރާން) އާއި އަރަބި ޕެނިންސުލާއާއި ދޭތެރޭ އޮންނަ ކަނޑަށް ޕާރޝިއަން ގަލްފްގެ ނަން ދީފައިވަނީ 16 ވަނަ ގަރުނުގައެވެ. އެހެންނަމަވެސް މާޒީގެ ތާރީޚުން އެނގޭ ގޮތުގައި ސައިރަސް ދަ ގްރޭޓްގެ ދަރިފަސްކޮޅުގެ ރަސްކަލުންގެ ތެރޭގައި ހިމެނޭ އަޚްމުނިދުންގެ އެމްޕަޔަރ ގެދުވަސްވަރު ( 559 ބީ ސީ އީ އިން 331 ބީ ސީ އީ އަށް ) ފާރިސް ކަރައިގެ ބާރުގެ ދަށުގައި މިސްރާއި ތުރުކީއާއި އަދި ޕާކިސްތާނާއި އަފްގާނިސްތާނުގެ ބައެއް ސަރަހައްދުތައް ހިމެނިގެން ދިޔަ ޒަމާނުގައި އެ ކަނޑަކީ ޕަރޝިއާއަށް ނިސްބަތްކުރެވޭ ތަނެއްކަމުގައި ބުނެފައި ވެއެވެ. އަޚްމުނިދު އެމްޕަޔަރަކީ ޕަރޝިއަން އެމްޕަޔަރ ކަމަށް ތާރީޚުން އެނގެއެވެ.
މިހާރަކަށްއައިސް އެ ސަރަހައްދުގެ އަރަބި ގައުމުތަކުން އެރޭބިއަން ގަލްފް ނުވަތަ ގަލްފް އޮފް އެރޭބިއާ މި ނަން ބޭނުންކުރެއެވެ. ގޫގުލްގެ މެޕްގައި ޕާރޝިއަން ގަލްފް ހިމެނުމަށް 2012 ވަނަ އަހަރު އިއުތިރާޒްކުރުމުން އީރާނުން ވަނީ ގޫގުލްސްއަށް އިންޒާރުވެސް ދީފައެވެ. ނަތީޖާއެއްގެ ގޮތުން ގޫގުލް މެޕްގައި ޕަރޝިއަން ގަލްފް އާއި އަދި އެރޭބިއަން ގަލްފްވެސް ވަނީ ބޭނުންކޮށްފައެވެ. އެހެންނަމަވެސް އެޕަލްގެ މެޕްގައި ބޭނުންކޮށްފައިވަނީ ޕަރޝިއަން ގަލްފް މި ނަމެވެ. ޕަރޝިއަން އެމްޕަޔަރގެ ދިގު ޒަމާންތަކުގައިވެސް އެ ކަނޑު ފާރިސް ކަރައަށް ނިސްބަތްކޮށް ބޭނުން ކުރެވެމުން ގޮސްފައިވުމާއެކު ޕަރޝިއަން ގަލްފް މި ނަމަކީ އީރާނުގެ ރައްޔިތުންގެ ގައުމިއްޔަތާ ގުޅިފައި އޮތް އެއްޗެކެވެ. ރައީސް ޓްރަމްޕްގެ ފުރަތަމަ ރިޔާސަތުގައިވެސް ޕާރޝިއަން ގަލްފުގެ ނަން ތާރީޚަށް ނިސްބަތްކޮށް އެރޭބިއަން ގަލްފް މި ނަމަށް ބަދަލުކުރަން ނިންމެވުމް އީރާނުގެ އޭރުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެފައިވަނީ ރައީސް ޓްރަމްޕް ދުނިޔޭގެ ތާރީޚް ދަސްކުރައްވަން ޖެހިވަޑައިގަންނަވާކަމަށެވެ. އަދި ޓްރަމްޕް ދެނެވަޑައިގަންނަވާ ދުނިޔޭގެ ތާރީޚަކީ އެންމެ ބޮޑު އަގެއްދޭމީހަކަށް ކޮންމެ އެއްޗެއްވެސް ވިއްކާލުން ކަމަށް އެދުވަސްވަރު އީރާނުގެ ޚާރިޖީ ވަޒީރު މުހަންމަދު ޖަވާދު ޒަރީފް އޮންލައިންގައި ލިއުއްވާފައި ވެއެވެ.
އީރާނުގެ މިހާރުގެ ޚާރިޖީ ވަޒީރު މިދިޔަ ހަފުތާގެ ބުދަ ދުވަހު އެކްސް ގައި ވިދާޅުވެފައިވަނީ މެދުއިރުމަތީގެ ކަނޑުއޮޅި ތަކުގެ ނަމަކީ ވަކި ގައުމަކަށް ނިސްބަތް ކުރެވޭ ތަރިކައެއް ނޫން ކަމަށާއި އެއީ ކުރިއްސުރެން އެ ތަންތަނަށް ދެވިފައިނަންތަކެއް ކަމަށެވެ. ސިޔާސީގޮތުން އެ ނަންތައް ނަގައިގެން އުޅުމުން ދޭހަކޮށްދެނީ ދެކޮޅުވެރި ވިސްނުން އަށަގެންފައިވާ މިންވަރެވެ. ޓްރަމްޕް ބޭނުންފުޅުގޮތަކަށް އެމެރިކާގެ ބޭނުމަށްޓަކައި ނަން ބަދަލު ކުރެވިދާނެއެވެ. އެކަމަކު ދުނިޔެއަށް އެ ކަނޑު އެނގިފައިވަނީ ޕަރޝިއަން ގަލްފް ގެ ނަމުގައެވެ. އެކަން ބަދަލެއް ނުކުރެވޭނެއެވެ. މި ހުރިހާ ވާހަކަތަކެއް ފެންމަތި ވެފައިމިވަނީ ރައީސް ޓްރަމްޕް ސައޫދީ އެރޭބިޔާއާއި އެމިރެޓްސް އާއި ގަތަރަށް ކުރައްވަން ގަސްދު ކުރައްވާފައިވާ ދަތުރުފުޅުގައި އެ ގައުމުތަކުން އެމެރިކާގައި އިތުރު އިންވެސްޓްމެންޓްތައް ހޯދުމަށާއި އަދި ޚާއްސަކޮށް އީރާން އެކަހެރި ކުރުމުގެ ވިސްނުމުގައިކަން އެނގިވަޑައިގަންނަވާކަމަށްވެސް ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެފައި ވެއެވެ.
ގަލްފް އޮފް މެކްސިކޯގެ ނަން ގަލްފް އޮފް އެމެރިކާއަށް ބަދަލުކުރަން މިއަހަރުގެ ކުރީކޮޅު އެމެރިކާގެ ރައީސް އިއުލާންކުރެއްވުމުން އެސޯޝިއޭޓެޑް ޕްރެސް އިން އެ ޚަބަރު ޝާއިއުކުރަން ވަނީ ދެކޮޅު ހަދާފައެވެ. ނަތީޖާއެއްގެ ގޮތުން ވައިޓް ހައުސްގެ ޚަބަރުތައް ޝާއިއުކުރުން އެސޯޝިއޭޓެޑް ޕްރެސް އަށް މަނާކުރެވިގެން ދިޔައެވެ.
އެސޯޝިއޭޓެޑް ޕްރެސް އިން އެ މައްސަލަ އެމެރިކާގެ ކޯޓަށް ހުށައެޅުމުން ދިސްޓްރިކްޓް ކޯޓަށް ރައީސް ޓްރަމްޕް އައްޔަންކުރައްވާފައިވާ ފަނޑިޔާރު ޓެރެވޯރ އެން މެކް ފަޑެން ނިންމަވާފައިވަނީ ގާނޫނު އަސާސީގެ ފަސްޓް އެމެންޑްމެންޓްގެ ދަށުން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.