ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދަވާފައިވަނީ އެމަނިކުފާނު އެމެރިކާގެ ރިޔާސަތާ ހަވާލުވުމަށްފަހު ފުރަތަމަ 24 ގަޑިއިރުތެރޭގައި ރަޝިޔާއާއި ޔޫކްރެއިނުން ކުރަމުންގެންދާ ހަނގުރާމަ ނިމުމަކަށް ގެނުވާނެ ކަމަށެވެ. އޭފަހުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު ވިދާޅުވަމުންގެންދެވީ “ އަހަރެން ވައިޓް ހައުސް އަށް ވަނުމުގެ ކުރިން ރަޝިޔާއާއި ޔޫކްރެއިނުން ކުރަމުންގެންދާ އަނިޔާވެރި ހަނގުރާމަ ހުއްޓުވާނެ ކަމަށެވެ. ދެން ނޭޝަނަލް ގާރޑް ކޮންފަރެންސުގައި ވިދާޅުވެފައި ވަނީ ”އެ ހަނގުރާމަ ހުއްޓުވުމާބެހޭ އެއްވެސް ކަމެއް ކަލޭމެނަށް ނުޖައްސާނެ ކަމަށާއި އަހަރެން އަމިއްލައަށް އެ ހަނގުރާމަ ނިންމާލާނެ ކަމަށެވެ.“
އެހެންނަމަވެސް އެ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ އެންމެ އިސް އޮފިޝަލުން މިހާތަނަށް ކުރިމަސައްކަތުގައި އެއްވެސް ކުރިއެރުމެއް ލިބިވައެއް ނުވެއެވެ. އެންމެފަހުން މިދިޔަ ހުކުރު ދުވަހު ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓުވަން އެމެރިކާއިން ކުރި މަސައްކަތުން މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނެތުމުގެ ސަބަބުން އެމެރިކާއިން ކައިރި މުސްތަގްބަލެއްގައި އެ މަޝްވަރާތަކުން ބޭރުވެ ގަންނާނެ ކަމަށެވެ.
އާންމުގޮތެއްގައި ކެމްޕޭން ތަކުގައި ދައްކާވާހަކައާއި ކުރަމުންގެންދާ ވައުދުތަކުގެ މުއްދަތު ހަމަވާދުވަހަކީ އިންތިޚާބު ކާމިޔާބުކުރެވޭ ދުވަހެވެ. މިއީ ވޯޓުލާމީހުންނަށް ރަނގަޅަށް އެނގޭއިރުވެސް އޮޅިފައި އޮންނަ ހަގީގަތެކެވެ. ރައީސް ޓްރަމްޕްގެ އަހުދުތަކުގައި ކުލަ ޖެހިދާނެ ކަމަށް ދުނިޔެ ގަބޫލު ކުރީ އެމަނިކުފާނާއި ރައީސް ޕޫޓިން އަދި ރައީސް ޒެލެންސްކީއާ ދެމެދު އޮންނަ ގާތް ރަޙްމަތްތެރިކަމުގެ ސަބަބުންނެވެ. ރައީސް ޓްރަމްޕްގެ ކެމްޕޭންގެ ވައުދު ތަކަށް ބަލާލާއިރު ފާހަގަ ކުރެވޭ ބައެއް ނުކުތާތަކަށް ބަލާލުން ރަނަގަޅެވެ.
2023 މާރޗްގައި “ ފޮކްސް ނިއުސް ޗެނަލްގެ ހޯސްޓް ސީން ހެނިޓީއަށް ވިދާޅުވެފައިވަނީ ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާ ތަކަކީ ވަރަށް ފަސޭހައިން ނިންމާލެވިދާނެ ކަމެކެވެ. އަހަރެން ވައިޓް ހައުސްގައި ހޭދަކުރާ ފުރަތަމަ 24 ގަޑިއިރު ތެރޭގައި އެ ހަނގުރާމަ ނިންމާލާނަމެވެ. “ އޭރުވެސް ރަޝިޔާއިން ގެންދިޔައީ އެއްވެސް ޝުމާރެއް ނެތި ޔޫކްރެއިން ވީރާނާ ކުރަމުންނެވެ.
2023 މޭ ގައި ސީއެން އެން އަށް ވިދާޅުވެފައިވަނީ “ ރަޝިޔާއިންނާއި ޔޫކްރެއިންގެ އެތައް ބަޔަކު މަރުވެގެންދާތަން ބައްލަވަން ނުހުންނަވާނެ ކަމަށާއި އަހަރެން ވައިޓް ހައުސްގައި ހޭދަކުރާ ފުރަތަމަ 24 ގަޑިއިރު ތެރޭގައި އެ ހަނގުރާމަ ނިންމާލާނަމެވެ. “
2024 އޯގަސްޓް މަހު ނޭޝަނަލް ގާރޑް ކޮންފަރެންސްގައި ވިދާޅުވެފައިވަނީ ”އަހަރެން ވައިޓް ހައުސް އަށް ވަނުމުގެ ކުރިން ރަޝިޔާއާއި ޔޫކްރެއިނުން ކުރަމުންގެންދާ އަނިޔާވެރި ހަނގުރާމަ ހުއްޓުވާނެ ކަމަށެވެ. އަދި އެއީ އަހަރެންގެ ރިޔާސަތުގެ އެންމެ ފުރަތަމަ ސަފްހާގައި އެންމެ ފުރަތަމަ ލިއެވިފައިވާކަންތަކެވެ”.
2024 ޑިސެމްބަރ 16 ގައި އެ މަނިކުފާނުގެ އަމިއްލަފުޅު ރެސޯރޓް މާރް އަ ލޭގޯ ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ވިދާޅުވެފައިވަނީ ރައީސް ޕޫޓިން އާއި ރައީސް ޒެލެންސްކީ އާ ވާހަކަދައްކައިގެން ހަނގުރާމަ ހުއްޓުވޭތޯ ބައްލަވަމުން ގެންދަވާކަމަށެވެ.
2025 ޖެނުއަރީ 8 ގައި ފޮކްސް ނިއުސް ޗެނަލްގެ އިންޓަރވިއު ގައި ރިޓަޔާރޑް ލެފްޓިނަންޓް ޖެނެރަލް ކީތު ކެލޯގް ( ފަހުން ޔޫކްރެއިނަށް ޚާއްސަކުރެއްވި ރައީސް ޓްރަމްޕްގެ މަންދޫބް ) ވިދާޅުވެފައިވަނީ ޓްތަމްޕްގެ ރިޔާސަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހަނގުރާމަ ހުއްޓުވާނެ ކަމަށެވެ.
2025 ޖެނުއަރީ 31 ގައި ވިދާޅުވެފައިވަނީ ރައީސް ޕޫޓިން އާއެކު އެމަނިކުފާނު ކުރެއްވި މަޝްވަރާތަކުގެ އަލީގައި ވަރަށް އަވަހަށް ހަނގުރާމަ ހުއްޓުވުގެ ފިޔަވަޅުތަކެއް އެޅިގެން ދާނެ ކަމަށެވެ.
2025 ފެބްރުއަރީ 12 ގައި ރައީސް ޕޫޓިން އާއި ރައީސް ޒެލެންސްކީ އާއެކު އެތައް އިރަކު ވާހަކަފުޅު ދެއްކެވުމަށްފަހު ޓްރަމްޕް ވިދާޅުވެފައިވަނީ އަހަރެމެންނަށް މިދެވެނީ ހަނގުރާމަހުއްޓާލައި ސުލްހަ ގާއިމްކުރުމުގެ މަގުން ކަމަށެވެ.
2025 ފެބްރުއަރީ 19 ގައި ވިދާޅުވެފައިވަނީ ރައީސް ޒެލެންސްކީއަކީ އިންތިޚާބަކާ ނުލައި ވެރިކަމަށް އަރާހުރި ޑިކްޓޭޓަރެއް ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމަށްޓަކައި ރަޝިޔާއާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރެވެމުންދާކަމަށެވެ.
2025 ފެބްރުއަރީ 28 ވަނަދުވަހު ރައީސް ޒެލެންސްކީއާއެކު އޯވަލް އޮފީސް ގައި އޮތް ކޯޅުންގަނޑާއި އަދި އޭގެ ފަހުން ރައީސް ޒެލެންސކީ އޯވަލް އޮފީހުން ބޭރުކޮށްލެވުނުގޮތް ފާހަގަވެގެން ދިޔައެވެ. އަދި އެމަނިކުފާނަކީ ވަކި ފަރާތަކަށް ބުރަވެގެންހުރެ މަޝްވަރާކުރާނެ މީހެއް ނޫންކަން އިއުލާން ކުރެއްވިއެވެ. އެކަމަކު ރައީސް ޒެލެންސްކީގެ ހިތްޕުޅުގައި ރައީސް ޕޫޓިން އާމެދު އޮތް ރުޅިވެރިކަމާއި ނަފުރަތުގެ ބޮޑުކަމުން އެ ދެމެދަށް ސުލްހަ ވަނުމަށް ޖާގައެއް ނެތްކަމަށް ވިދާޅުވިއެވެ.
2025 މާރޗް 3 ވަނަ ދުވަހު އޭގެކުރިން އެމެރިކާއިން ޔޫކްރެއިނަށް ދެމުންގެންދިޔަ އެހީތައް ވަގުތީ ގޮތުން ހުއްޓުވާލިއެވެ.
2025 މާރޗް 14 ވަނަ ދުވަހު ވިދާޅުވީ ވައިޓް ހައުސްގައި ހޭދަކުރާ ފުރަތަމަ 24 ގަޑިއިރު ތެރޭގައި ހަނގުރާމަ ހުއްޓުވާނެ ކަމަށް ވިދާޅުވުމަކީ ސަމާސާއެއް ކަމަށެވެ. އަހަރެންގެ މަގްސަދަކީ ވީހާވެސް އަވަހަށް އެ ހަގުރާމަ ހުއްޓުވުމެވެ.
2025 މާރޗް 18 އަދި 19 ގައި ރައީސް ޕޫޓިން އާއިއެކު ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅުގައި ޔޫކްރެއިންގެ ހަކަތައި ވަސީލަތްތތަކަށް ހަމަލާ ނުދެއްވާނެ ކަމަށާއި އެކަމަކު 30 ދުވަސްވާންދެން ހަނގުރާމަ ހުއްޓާނުލައްވާނެ ކަމަށް ޕޫޓިން ދެންނެވި ކަމަށް ވެއެވެ. ހަމަ އެ ދުވަހު ރައީސް ޒެލެންސްކީއާއެކު ދެއްކެވި ވާހަކަފުޅުގައި ޔޫކްރެއިންގެ ހަކަތައިގެ ވަސީލަތްތައް ރަނގަޅަށް ބެލެހެއްޓުމަށްޓަކައި އެމެރިކާއަށް ހިބަކޮށް ދިނުމަށް ރައީސް ޓްރަމްޕް އެދިވަޑައިގެންނެވިއެވެ.
2025 އޭޕްރިލް 14 ގައި ހަގުރާމަ ފެށުމާއި އަދި ނުހުއްޓުވުމުގެ އިލްޒާމް ރައީސް ޕޫޓިން އާއި ރައީސް ޒެލެންސްކީ އާއި އަދި ރައީސް ބައިޑްން ގެ އިސްތަށި ފުޅަށް ކަނޑާލެއްވިއެވެ.
2025 އޭޕްރިލް 18 ވަނަދުވަހު އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ ވިދާޅުވެފައިވަނީ ކުރިއަށްއޮތް ދުވްސްކޮޅުގައި ކުރިއެރުމެއް ނުލިބިއްޖެނަމަ ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ޝައުގުވެރިކަން ވއސް ނިމިގެންދާނެއެވެ. ކޮންމެގޮތެއްގައިވެސް އެއީ އަހަރެމެންގެ ހަނގުރާމައެއް ނޫނެވެ. އަހަރެމެން އިސްކަންދޭންޖެހޭ ބައިވަރު އެހެންކަންތައް އެބަހުއްޓެވެ. ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމެރިކާއިން ގޮތެއް ނިންމާނެއެވެ. ހަމަ އެދުވަހު ރައީސް ޓްރަމްޕް ވަނީ ޚާރިޖީ ވަޒީރު ރޫބިއޯއަށް ތާއިދު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ވިދާޅުވެފައިވަނީ އެ ހަނގުރާމަ ހުއްޓުވަންޖެހޭ ވަގުތު މާބޮޑަށް ލަސްވެއްޖެ ކަމަށެވެ.