ވަރަށް މުއްސަނދި އަންހެނަކު އެއްދުވަހަކު ކުޑަކުޑަ ފޮއްޓެއް ހިފައިގެން އައިސް ސަލާން ޖަހަން ޕޭވްމަންޓް މަތީ އިން މީހެއްގެ ކައިރީގައި ބެހެއްޓިއެވެ.އަދި ބުންޏެވެ. ތިބާގެ ކިބައިން އަހަރެން ވަރަށް ބޮޑު ކަމަކު އެދެން އެބަޖެހެއެވެ. މިހެންކިޔާފަ ފޮށި ހުޅުވާ ބަލާލިއިރު އޭގައިވަނީ ކުޑަކުޑަ ބުޅަލެކެވެ.ބުޅާ ސަލާން ޖަހާމީހާ އަށް ދިނުމަށްފަހު ތެދުވެގެން ދަމުން އަންހެންމީހާ ބައެއްކަހަލަ ކާއެއްޗެތިވެސް ފޮށިކައިރިޔަށް އަޅާލުމަށްފަހު ދާން ހިނގައިގަތެވެ.
ސަލާންޖަހާމީހާ ކުއްލިއަކަށް ތެދުވެފަ ބުންޏެވެ. މަޑުކޮށްބަލާށެވެ. މިއީ ކޮންބުޅަލެއް ހެއްޔެވެ. އަހަރެން މީ ބުޅާ ޝެލްޓަރ އެއް ހިންގާ މީހެއް ނޫނެވެ.އަންހެން މީހާ ފަހަތަށް އެބުރި ގޮވާލިއެވެ. މިހާރު ތިޔައީ އޭގެ މީހެކެވެ. އިތުރު އެއްޗެއްނުބުނެ އަންހެން މީހާ އޭނާގެ އަގުބޮޑު ކާރަށް އަރައިގެން ދުއްވާލައިފިއެވެ.
ސަލާންޖަހާމީހާ ބުޅަލާ ދިމާލަށް ބަލަހައްޓައިގެން އިދެފަ ހިތަށް އެރިއެވެ. ބުޅަލަށްވެސް މިޖެހުނީ މަށަށް ޖެހިފައި މިވާހާލެވެ.ފުން ނޭވާއެއް ލުމަށްފަހު އޭނާ ނިންމީ ބުޅާ ދޫކޮށްނުލާ ގޮވައިގެން އުޅުމަށެވެ.
އެރޭ ބުޅަލަށް ކާންދޭން އުޅެނިކޮށް ބުޅާ ވަރަށް ބާރަށް ގޮވާ ލުމަށްފަހު ކުއްލިއަކަށް ދުއްވައިގަތެވެ. އަދި ބިއްލޫރި ޖަހާފަހުރި ދޮރެއްފެނި އެދޮރުން އެތެރެ ބަލަން މަސައްކަތް ކުރިއެވެ. އެތަނުންވެސް އެސޮރު ބަލަން ބޭނުންވި އެއްޗެއް ނުފެނުމުން މަގުން ކުރިޔަށް ހިނގަން ފެށިއެވެ. ސަލާންޖަހާމީހާވެސް ބުޅަލުގެ ފަހަތުން އާދެއެވެ. އެންމެ ފަހުން ވަރަށް ރީތި ބޮޑު ގެޔަކާ ހަމަޔަށް އާދެވުނެވެ. ސަލާންޖަހާމީހާ ކުޑަދޮރަކުން އެތެރެ ބަލާލިއިރު ފެނުނީ އޭނަޔާ ބުޅާ ހަވާލުކުރި އަންހެން މީހާއެވެ. އަންހެންމީހާ އިނީ ތަޅުން ގަނޑުމަތީގައި އިށީދެގެންނެވެ. އަދި އަތުގައި ފިސްތޯލައެއް އޮތެވެ. އަދި ފިސްތޯލަ ވަނީ އޭނަގެ އަމިއްލަ ބޮލުގައި ޖައްސާފައެވެ.އަންހެން މީހާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމާ ހިތާމައެވެ. އޭރު ބުޅާ ބޭރުގައި އޮވެ ބާރަށް ގޮވަމުން ގެންދެއެވެ.
ގޭބުޑުން ބުޅާ ގޮވާއަޑުއިވިގެން އަންހެންމީހާއަށް ހުއްޓުން އެރިއެވެ.އަދި ފިސްތޯލަ ތިރިކޮށްލުމަށްފަހު ބާރަށް ރޯން ފެށިއެވެ. އަދި ބުނަމުން ގެންދިޔައެވެ. ތިޔައައީ ކީއްކުރަން ހެއްޔެވެ. އަހަރެން ކަލޭ ދުރަށް ފޮނުވާލީ މިމަންޒަރު ނުދެއްކުމަށެވެ.
އެވަގުތު ސަލާންޖަހާމީހާ ދުވެފަ ގޭތެރެޔަށް ވަދެގެން ދިޔައެވެ.އަދި ބުންޏެވެ. ތިޔައުޅުނީ އަމިއްލަޔަށް މަރުވާން ހެއްޔެވެ. މޮޔަވީ ހެއްޔެވެ. އަމިއްލަޔަށް މަރުވާން ތިޔައުޅުނީ ކީއްވެގެން ހެއްޔެވެ. ނިކަން ކިޔާދީބަލާށެވެ.
ތުރުތުރު އަޅާ އަޑަކުން އަންހެންމީހާ ބުނަމުން ގެންދިޔައެވެ.އަހަރެންނަށް ވަނީ ސީރިއަސް ބައްޔެއް ޖެހިފައެވެ. ޑޮކްޓަރުން ބުނަނީ އަހަރެން ދެން ދުނިޔޭގައި ހުންނާނީ އެއްހަފްތާ ވަންދެން ކަމުގައެވެ. އަހަރެން މަރުވުމަށްފަހު އަހަރެންގެ ލޯބިވާ ބުޅާ ހާލުގައި އުޅެން އަހަރެން ބޭނުމެއް ނޫނެވެ.ބުޅާ ކަލެޔާ ހަވާލުކުރީ އެހެންވީމައެވެ.އަހަރެން ނެތުމުން ބުޅާ ރަގަޅަށް ބަލާދެއްޗެވެ.
ސަލާންޖަހާމީހާ އިނީ ޝޮކެއްގައެވެ. ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. އިރުގަނޑަކުން ހޭވެރިކަން އައިސް ވާހަކަ ދައްކަން ފެށިއެވެ.އަންހެންމީހާއަށް ހިއްވަރު ދިނުމުގެ ގޮތުންނެވެ.އޭނާއަކީވެސް ފަގީރު މީހެއް ނޫންކަމަށާ ބަޔަކު ލަނޑު ދިނުމުގެ ސަބަބުން ފިޔަފާރި ހުއްޓި ގެދޮރު ވިއްކާހަމަޔަށް ދިޔައީ ކަމަށް ބުންޏެވެ.ހަޔާތުގެ ދަތުރުގައި ކަންތައްތައް ދިމާވާނެ ކަމަށާ އެހެން ނަމަވެސް އެއްގޮތަކަށްވެސް އުންމީދު ކަނޑާލައިގެން ނުވާނެ ކަމަށްބުނެ ނަސޭހަތް ދެމުން ގެންދިޔައެވެ.
ދެމީހުން އެގޮތަށް ވާހަކަދައްކަން ތަޅުގަނޑުމަތީ ތިއްބާ ކުއްލިއަކަށް ފިރިހެންމީހާގެ މޫނުމައްޗަށް އަނދިރިވާގޮތް ވިއެވެ. އަދި ޚަބަރުހުސްވެގެން ވެއްޓިއްޖެއެވެ.
އަންހެންމީހާ ހަދާނެ ގޮތެއް ނޭގިގެން އެމްބިއުލައިންސް އަށް ގުޅައިގެން އޭނާ ހޮސްޕިޓަލް އަށް ގެންދިޔައެވެ. ބަލިމީހާ އެތެރެޔަށް ވައްދާފަ އިރުގަނޑެއްވުމަށްފަހު ޑޮކްޓަރަކު ނިކުމެފަ ބުންޏެވެ. އޭނާގެ ހާލު މިހާރު ރަގަޅެވެ. އޭގެ އިތުރުން ވަރަށް އުފާވެރި އެހެން ޚަބަރެއްވެސް އެބައޮތެވެ. އެނާގެ ބޯންމެރޯ އާއި ތިބާގެ ބޯންމެރޯ ދިމާވެއެވެ. އޭގެ މާނަޔަކީ އޭނާގެ ބޯންމެރޯ ބޭނުންކޮށްގެން ތިބާއަށް ޖެހިފައިވާ ބައްޔަށް ފުރިހަމަ ފަރުވާ ލިބޭނެއެވެ.
އޭގެ ދެތިންމަސް ފަހުން އެދެމީހުން ވަނީ ކައިވެނި ކޮށްފައެވެ.އަދި އެރީތި ބޮޑުގޭގައި އެމީހުންގެ ބުޅަލާއެކު އުފާވެރިކަމާއެކު ދިރިއުޅެމުން ގެންދިޔައެވެ.