ޔޫކްރެއިން ހަނގުރާމަ ހުއްޓުވަން އެމެރިކާއިން ކުރާ މަސައްކަތް ރަޝިޔާގެ ކޮޅަށް ބުރަވެފައި

Loading

May 4, 2025
profile
Facebook
Twitter
WhatsApp

މިފަހަރު މަޝްވަރާތައް ކުރެވިފައިވަނީ އެއްކޮޅުން ސެއިންޓް ޕީޓަރސްގެ ޝަރަފްވެރި ބެސިލިކާގައެވެ. އަނެއްކޮޅުން ދުނިޔޭގެ ސުޕަރޕަވަރ ރަމްޒުކޮށްދޭ ވައިޓްހައުސްގެ އޯވަލް އޮފީހުގައެވެ. ޔޫކްރެއިންގެ ހަނގުރާމަ ހުއްޓުވޭނެ މަގެއް ހޯދުމަށް ކުރެވެމުންދާ މި މަޝްވަރާތައް ފެންނަ ފެނުމުގައި ރަޝިޔާގެ ކޮޅަށް މާބޮޑަށް އޮންނަނީ ބުރަވެފައެވެ. މިހާތަނަށް ކުރެވުނު މަޝްވަރާތަކުގައި ކަންތައްތައް ގޯސްކުރައްވަނީ ރައީސް ޒެލެންސްކީ ކަމަށް ވިދާޅުވެ ރައީސް ޓްރަމްޕް ގެންދަވަނީ ތުހުމަތުގެ އިނގިލި ދިއްކުރައްވަމުންނެވެ. އަދި ހަނގުރާމަ ހުއްޓުވައި ސުލްހަވެރި ކަން ކަށަވަރު ކުރުމަށްޓަކައި ޔޫކްރެއިންގެ ބައެއް ސަރަހައްދުތައް ރަޝިޔާއަށް ދޫކޮށްލަން ޖެހޭނެ ކަމަށާއި އަދި ނޭޓޯގެ މެމްބަރކަން ނުލިބޭނެކަމަށްވެސް ރައީސް ޓްރަމްޕް ގެންދަނީ ތަކުރާރު ކުރައްވަމުންނެވެ.  

އެންމެ ފަހުން ރައީސް ޓްރަމްޕް މިހާރު ހުންނެވީ ކުރިން ނުގެންގުޅުއްވާ ވިސްނުންތަކެއްގެ މައްޗަށް ބުރަވެ ވަޑައިގެން ރަޝިޔާއަށް މޮޅުވާގޮތަށް މަޝްވަރާތައް ނިންމަވަންކަން ވެސް ދޭހަވެއެވެ. މިފަހަރުގެ މަޝްވަރާތައް ބިނާވެފައި އޮންނާނީ 2014 ގައި ރަޝިޔާއިން އެނެކްސް ކުރި ކްރީމިއާ ޕެނިންސޫލާއާއި އަދި މިހާރު ހިނގަމުންދާ ހަނގުރާމައިގާ މިހާތަނަށް ރަޝިޔާގެ ބާރުގެ ދަށަށް ގެނެއްސާހުރި ޔޫކްރެއިންގެ ސަރަހައްދު ތަކަކީ ރަޝިޔާގެ ބިންތަކެއް ކަމުގެ މައްޗަށެވެ.                                                   

ނިއު ޔުރޭޝިއާ ސްޓްރާޓެޖީސް ސެންޓަރުގެ އިސް ރިސާރޗް ފެލޯ ނިކޮލައި ޕެޓްރޯގެ ނަޒަރުގައި 2022 ވަނަ އަހަރު ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ހަނގުރާމަކުރަންފެށުމުން ވޯޝިންގްޓަނުން އައި ރުޅި މައިތިރިވެ ރަޝިޔާއާއި އެކުގައި މަޝްވަރާގެ މޭޒު އިޚްތިޔާރުކުރުމަކީވެސް މޮސްކޯއަށް ލިބުނު ކާމިޔާބީއެކެވެ. އަދިހަމަމިމޭރުމުން ރަޝިޔާގެ މައި ޓީ ވީ ޗެނަލުންވެސް ވަނީ ވާހަކަ ދައްކާފައެވެ. އެ ޓީ ވީ ޗެނަލުން ބުނެފައިވާގޮތުގައި ރައީސް ޓްރަމްޕްގެ ޚާއްސަ މުޝީރު ސްޓީވް ވިޓްކޯފް އާއި ރައީސް ޕޫޓިންގެ ބައްދަލުކުރެއްވުމަކީ މި 2 ސުޕަރޕަވަރުން ގުޅިގެން މުޅިން އާ ދުނިޔެއެއް އުފެއްދުމުގެ ފެށުން ކަމުގައެވެ.                 

ރައީސް ޓްރަމްޕްގެ ވިސްނުންފުޅު ރަޝިޔާގެ ކޮޅަށް ލެނބިފައިވާއިރު ޔޫކްރެއިނުންވެސް ލިބެން އޮތް ފައިދާއެއް ދޫކޮށްލައްވަން ގަސްދެއް ނުކުރައްވައެވެ. މިދިޔަ ބުދަދުވަހު ކީވް އާއިއެކު  ވޯޝިންގްޓަނުން ޔޫކްރެއިންގެ އަގުބޮޑު މައުދަންގެ ވަސީލަތްތައް އެމެރިކާއަށް ލިބިލިބި ހުންނަގޮތަށް އެއްބަސްވުމެއް ގާއިމް ކޮށްފިއެވެ. އޭގެ ބަދަލުގައި އެ ގައުމުން ރަޝިޔާއާއި ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައަށް ބޭނުންވާ މިލިޓްރީ އެހީތައް އެމެރިކާއިން ފޯރުކޮށްދޭނެއެވެ. ހުރިހާގޮތަކުންވެސް އެމެރިކާއަށް މޮޅު ގޮތެވެ.                               

މި އެއްބަސްވުމާބެހޭގޮތުން މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ އެއީ ފާދިރީ ޕޯޕް ފްރާންސިސްގެ ޖަނާޒާގައި ބައިވެރިވުމަށް ވެޓިކަންއަށް ވަޑައިގެން ހުންނެވުމުގައި ރައީސް ޓްރަމްޕް އާއި ބައްދަލުވުމުގެ ނަތީޖާއެވެ. އަދި އެއީ ވަރަށް  ތާރީޚީ ބައްދަލުވުމެއް ކަމަށް ވިދާޅުވިއެވެ.              

ހަނގުރާމަ ހުއްޓާލައި ސުލްހައިގެ ވާހަކަތަކުގައި ރަޝިޔާގެ ބާރުގެ ދަށުގައި މިހާރު ހުރި ޔޫކްރެއިންގެ ސަރަހައްދު ތަކަކީ ރަޝިޔާގެ ބައެއް ކަމުގައި ބައިނަލް އަގްވާމީގޮތުން ބަލައިގަތުން  ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރޖީ ލަވްރޯ ވަނީ ޝަރުތު ކަނޑައަޅުއްވާފައެވެ. ޔޫކްރެއިނުގެ އެއްވެސް ސަރަހައްދެއް ރަޝިޔާއަށް ދިނުމަށް ޔޫކްރެއިނުން އިންކާރު ކުރަމުން ގެންދާއިރު އަދި ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުން ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފްކަމަށް ބައެއް ގައުމުތަކުން ބުނަމުންދާއިރު ޚާރިޖީ ވަޒީރުގެ ޝަރުތު ފުރިހަމަކުރުމަކީ ދުރުކަމެއް ކަމުގައި ބައެއް ސިޔާސީ ތަޖްރިބާކާރުން ގެންދަނީ ބުނަމުންނެވެ.                                              

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަސައްކަތުގައި މިހާތަނަށް ދެކެވިފައިވަނީ ހުސް ވާހަކަތަކެއް ކަމަށާއި ކުރިމަގު އަލި ނުވާނަމަ އެމެރިކާގެ ނައިބު ރައީސް  ޖޭ ޑީ ވޭންސް އާއި ޚާރިޖީ ވަޒީރު ރޫބިއޯ އާއި ދެބޭފުޅުން އިތުރަށް އެ މަސައްކަތުގައި ވަގުތު ބޭކާރު ނުކުރައްވާނެ ކަމަށްވެސް ވިދާޅު ވެއްޖެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް