މާމަ މިއަދު އުޅެމުންދަނީ މުސްކުޅިން ބަލަހައްޓާ ތަނެއްގައެވެ. މިއަދު މާމަ އެންމެ ކުރާހިއްވާ ކަމަކީ ކުރީގެ ފޮޓޯތައް ލާފައިވާ އަލްބަމް ނަގައިގެން ބެލުމެވެ. ފޮޓޯތައް ބަލަމުން ދާއިރު، މިހާރު އެއްގޮތަކަށްވެސް މާމަ ދެކިލަން ނާންނަ މޫނުތަކާ ދިމާލަށް ހިނިތުންވަމުން ގެންދެއެވެ.
އަލްބަމްގައިވާ ގިނަ ފޮޓޯތަކުގެ ކުލަ މިއަދު ފަނޑު ވެފައިވީނަމަވެސް އެހަންދާންތައް މިއަދުވެސް އެއްގޮތަކަށްވެސް ފަނޑެއް ނުވެއެވެ. މާމައަށް ފުރަތަމަ ލިބުނު ދަރިފުޅު އުރާލައިގެން އުފަލުން ހެވިލާފައިހުރެ ނަގާފައިވާ ފޮޓޯއަށް މާމަ ވަރަށް ބަލާހިތް ވެއެވެ. އަނެއްފޮޓޯގައިވަނީ އޭނާގެ ހުރިހާ ކުދިން ކުޑައިރު އެކުގައި ގޯތިތެރޭގައި ކުޅެން އުޅެނިކޮށެވެ.އުފަލުން ދުވެދުވެފައެވެ.
ކުދިން ބޮޑެތިވީފަހުން މުޅިއާއިލާ އެކުގައި ކޮންމެވެސް އީދެއްގައި ނަގާފައިވާ ފޮޓޯއަކީވެސް މާމަ ބަލާ ފޫހިނުވާ ފޮޓޯއެކެވެ.އޭރު އެންމެންވެސް ތިބީ އެކަކު އަނެކަކު ގައިގައި ބައްދާ،ހީހީ،އުފަލުންނެވެ. މުޅި ގޭތެރޭގައިވަނީ ހުނުމާއި މަޖާކުރުމުގެ އަޑެވެ.އެއަޑުތައް މިއަދުވެސް އިވޭ ކަހަލައެވެ.
މާމަ އަލްބަމް ބަލަމުން ދިޔަވަރަކަށް މޫނުމަތީގައިވާ ހިނިތުންވުން މަޑުމަޑުން ފިލަމުން ދިޔައެވެ. ދަރިން ބޮޑެތިވެ، މާމަ ދަރިން ލިބި، ހުރިހާ މާމަ ދަރިންވެސް މިއަދުވަނީ ބޮޑެތިވެފައެވެ. ހަފްތާބަންދުގައި މާމަ ކައިރިޔަށް އައިސްލެވޭ ވަރަށް ވުރެ އެމީހުންގެ ހަޔާތް މާ ”ބިޒީ“ އެވެ. ލޯތްބާއި ހުނުމާއި މަޖަލުން ފުރިފައިވި މާމަގެ ގެ ފަހުން ހުރީ ފަޅުވެފައެވެ.އެކިކުދިން އެކިތަނަށް ގޮސް އަމިއްލަ ދިރިއުޅުން ފެށުމުންނެވެ.
އެކިފޮޓޯ ތަކުގަ މަޑުމަޑުން އިގިލި ޖައްސާލަމުން މާމަ ބުނެލިއެވެ. އެކުދިން މާމަ މަތިން މިއަދު ހަނދާން ހުރޭބާވައެވެ؟
އެރޭ އަލްބަމް ބަލާ ނިމުމަށްފަހު އެނދުކައިރީގައިވާ ކުޑަ މޭޒުމަތީގައި އަލްބަމް ބާއްވާލިއެވެ. ކޮންމެވެސް އެއްދަރިއަކުއައިސް މާމަގެ އެނދު ކައިރީ އިނދެ، މާމަޔަށް ފޮޓޯތައް ދައްކަމުން އަލްބަމް ބަލާނެ ދުވަހަކަށް އުންމީދު ކޮށް، އިންތިޒާރު ކުރަމުންނެވެ. ނަމަވެސް އެރެޔަކީ މާމަ އަލްބަމް ބަލާނެ އެންމެ ފަހު ރޭކަމެއް މާމަ އަކަށް ނޭގެއެވެ.
ހިތުގައި ހަރުލާފައި ހުންނަ ހަނދާންތަކަކީ ފޮޓޯތައް ފަޑުވިނަމަވެސް ފަޑުވާނެއެއްޗެއް ނޫނެވެ.އަހަރުމެންނަށް ލޯބިދީގެން ބަލާބޮޑު ކުރި މައިންބަފައިންނަކީ ހަމައެކަނި އަލްބަމެއްގައިވާ ފޮޓޯ ގަނޑަކަށް ނުހަދަމާތޯއެވެ. އެމީހުން ދުނިޔޭގައި ތިއްބާ އެމީހުން އިންތިޒާރުކުރާ ލޯތްބާއި އޯގާތެރިކަން އެމީހުންނަށް ދެމާތޯއެވެ. ފެންނަން އޮތީ ހަމައެކަނި ފޮޓޯ ގަނޑަކަށް ވުމުގެ ކުރިންނެވެ.