ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2025 ގައި ވާދަކުރި ރާއްޖޭގެ ޖޫނިއާ ޓީޓީ ޓީމުން ތިން މެޑަލް ހޯދައިފި ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފިއެވެ.
ނޭޕާލުގެ ކަތުމަންޑޫގައި މި މަހުގެ 24 އިން 27 އަށް ކުރިއަށް ދިޔަ މި މުބާރާތުގައި ރާއްޖޭގެ ޓީމުން ތިން މެޑަލް ހޯދިއެވެ. އެއީ އެއް ރިހި މެޑައްޔާއި ދެ ލޯ މެޑަލްއެވެ.
ރާއްޖެއަށް ރިހި މެޑަލް ހޯދައިދިނީ 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް ކެޓަގަރީގައި އިން ޒީކް ހަސަން ލަތީފް އާއި މަލާކް ބިންތި މުއިއްޒުއެވެ.
މީގެ އިތުރުން ސްޕޯޓްސް މިނިސްޓްރީން ބުނީ 15 އަހަރުން ދަށުގެ ކެޓަގަރީގެ ޓީމް އިވެންޓުގައި ވާދަކޮށް އަންހެން ޓީމުން ލޯ މެޑަލް ހޯދާފައިވާ ކަމަށެވެ. މި ޓީމްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އައިޝަތު އަލްސާ ނާފިޒު ވަނީ 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް ކެޓަގަރީގައި ވާދަކޮށް ލޯ މެޑަލް ހޯދާފައެވެ. އަލްސާއާއިއެކު މިކްސް ޑަބަލްސް ހޯދި ކުޅުންތެރިޔަކީ މުޙައްމަދު ހަލަފް ރާފިޢުއެވެ.