ޢަދުލު އިންސާފު ޤާއިމްކުރުމުގައި ރައީސް ޖަވާބުދާރީވާންޖެހޭ ފަރާތަކީ ދިވެހި ރައްޔިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުޑަ ވަގުތުކޮޅެއް ކުރީން ދެއްވި ބަސްދީގަތުމެއްގައެވެ.
ރައީސް ވިދާޅުވީ ހުރިހާ ހާލަތެއްގައިވެސް ޢަދުލު އިންސާފު ޤާޢިމްކުރައްވާނޭ ކަމަށާއި، ވަކި ފަރާތަކަށް ހިމާޔަތް ދިނުމަކީ މި ސަރުކާރުން ކުރާނޭ ކަމެއް ނޫން ކަމަށެވެ.
ައެ މަނިކުފާނު ވަނީ މިހާރު ޤައުމުގައި އުފެދިފައިވާ ސުވާލުތަކަކީ ޖަވާބު ލިބެންޖެހޭ ސުވާލުތަކެއްކަމަށް ޤަބޫލު ކުރައްވާ ކަމަށާއި، އެސުވާލުތަކަށް ޖަވާބު ހޯދުމަށް މިހާރު އެކުލަވާލައްވާފައިވާ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަހުގީގުން އެ ސުވާލުތަކަށް ޖަވާބު ލިބި، އަޅަންޖެހޭ ތަންފީޒީ ފިޔަވަޅުތައް އަޅުއްވާނޭކަން ފާހަަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ ޤައުމުގައި ޢަދުލު އިންސާފު ޤާއިމް ކުރުމުގައި ވަކި ފަރާތެއް އިސްތިސްނާވެގެން ނުވާކަމަށެވެ.
ޤައުމުގެ ޙައްޤުގައި އަޅުއްވަންޖެހިވަޑައިގެންނެވި ފިޔަވަޅުތައް މިހާރުވެސް ވާނީ އަޅުއްވާފައި ކަމަށާއި، އެ ފިޔަވަޅުތަކަކީ ޤައުމުގެ ސަލާމަތާއި، އަމާންކަމާއި، ތަރައްޤީއަށްޓަކައި އަޅުއްވާފައިވާ ފިޔަވަޅުތަކެއް ކަމަށާއި މިހާލަތުގައިވެސް އެފަދަ ފިޔަވަޅުތައް އަޅުއްވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.