ފަހަކަށް އައިސް ހޫތީ މުޖާހިދުންގެ އަމާޒުތަކަށް ހަމަލާދިނުމުގައި އެމެރިކާ ނޭވީން ބޭނުންކުރަމުން ގެންދާ އެގައުމުގެ އެންމެ ފަހުގެ އުފެއްދުން ”ސްޓޯރމްބްރޭކަރ“ ގްލައިޑް ބޮމުގެ ނުގޮވާއޮތް ބޮމެއް ޔަމަނުގެ ވެލިފުންޏެއްގެ ތެރެއިން މިހަފުތާގައި ފެނިއްޖެއެވެ. ވެލި ފުނީގެ ތެރޭގައި ދެބައިކުޅަ އެއްބައި ވަޅުޖަހާފައިވާ އެ ބޮމުގެ ފޮޓޯތައް މިހާރު މީޑިއާތަކުގައިވެސް ދައުރު ވަމުން އެބަ ދެއެވެ.
މި ބޮން އީރާނަށް ލިބި އޭގެ ފުރިހަމަ ތަހްލީލެއް އީރާނުން ކުރާނެކަމަށް ބެލެވޭތީ އެމެރިކާގެ ދެބުމަ މިހާރު ހުރީ ގޮށްޖެހިފައެވެ. އެމެރިކާ ނޭވީގައި ކުރިން މަސައްކަތްކޮށްފައިވާ ތަޖްރިބާކާރު ޓެކްނީޝަނެއް ކަމުގައިވާ ޓްރެވޯރ ބޯލް ބުނެފައިވަނީ އެއީ އެމެރިކާގެ ޖީބީޔޫ-53/ބީ މަރުކާގެ ސްޓޯރމް ބްރޭކަރެއް ކަމަށެވެ.
ފަހަކަށް އައިސް ހޫތީ މުޖާހިދުންގެ އަމާޒުތަކަށް އެމެރިކާ ނޭވީން ގެންދަނީ ސްޓޯރމްބްރޭކަރ ގްލައިޑްބޮމް ބޭނުންކޮށްގެން ވަރަށް ގިނައިން ހަމަލާ ދެމުންނެވެ.
ޖީބީޔޫ-53/ބީ މަރުކާގެ ސްޓޯރމް ބްރޭކަރ ބޮމަކީ އެމެރިކާގެ ޑިފެންސް ކޮޏްޓްރެކްޓަރ ރޭތޯން ގެ އުފެއްދުމެކެވެ. އެ ހަތިޔާރު ހުއްޓި ހުންނަ އަދި ދުވެދުވެ ހުންނަ މިސްރާބުޔަކަށްވެސް ސީދާ އަމާޒު ކުރެވޭނެއެވެ.
މި ހުސްވިމަހުގެތެރޭގައި ޔޫ އެސް އެސް ހެރީ އެސް ޓްރޫމަން ގައި ސްޓޯރމްބްރޭކަރ ފޫޓޭޖް ތަކެއް ވަނީ މީޑިއާއަށް ދައްކާލާފައެވެ. ޔޫ އެސް އެސް ހެރީ އެސް ޓްރޫމަން އަކީ ހޫތީ މުޖާހިދުންނާ ދެކޮޅަށް އެންމެ ބޮޑަށް ހަރަކާތްތެރިވަމުން ގެންދާ އެމެރިކާގެ އެއާރކްރާފްޓް ކެރިއަރ އެވެ.
އެމެރިކާ ނޭވީގައި ކުރިން މަސައްކަތްކޮށްފައިވާ ތަޖްރިބާކާރު ޓެކްނީޝަން ޓްރެވޯރ ބޯލް ބުނެފައިވަނީ އީރާނަކީ ނުރައްކާތެރި ހަތިޔާރު ތަކުގެ ރިވާރސް އެންޖިނިއަރިންގ ފަންނުގައި ވަރަށް ކުރިއަރާފައިވާ ނުރައްކާތެރި ގައުމަކަށްވުމާއެކު ޖީބީޔޫ-53/ބީ މަރުކާގެ ސްޓޯރމް ބްރޭކަރ ލިބިއްޖެނަމަ އޭގައި ބޭނުންކޮށްފާހުރި ޓެކްނޯލޮޖީ ބޭނުންކޮށްގެން އަމިއްލަ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ހޯދުމަކީ ވަރަށް ގެއްލުންހުރި ކަމެއް ކަމަށެވެ. އަދި އޭގައި ބޭނުންކޮށްފައިހުރި ޓެކްނޯލޮޖީ ރަޝިޔާއަށް ލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ޓެކްނީޝަން ބޯލް ކިޔާދީފައިވާ ގޮތުގައި ހޫތީ މުޖާހިދުންގެ ސަރަހައްދަށް ހަމަލާދިނުމުގައި އޭޖީއެމް-158 ވެސް އެމެރިކާއިން ބޭނުންކުރަމުންގެންދާއިރު އެ ހަތިޔާރަށްވެސް މިގޮތް ދިމާ ނުވާނެކަމަށް ހީކޮށްގެން ނުވާނެއެވެ.
އޭޖީއެމް-158 ( ޖާސިމް ) އަކީ ލޮކްހީޑް މާރޓިންގެ އުފެއްދުމެކެވެ. އޭޖީއެމް-158 ( ޖާސިމް ) އާއި ޖީބީޔޫ-53/ބީ މަރުކާގެ ސްޓޯރމް ބްރޭކަރ އާއި މި ދެ މަރުކާގެ ބޮމަކީ ވެސް ކޮންވެންޝަނަލް ބޮމާއި ޚިލާފަށް ހޫތީ މުޖާހިދުންގެ އެއާރޑިފެންސަށް ނާރާ ދުރުމިނުގައި ތިބެގެން ހަމަލާ ދެވިދާނެ ހަތިޔާރު ތަކެކެވެ. ކޮންވެންޝަނަލް ބޮމް އަކީ މަތީގައި އޮވެފާ އަމާޒާ ދިމާލަށް ސީދާ އޮއްސާލާ ވައްތަރެވެ.
މިހާތަނަށް ހޫތީ މުޖާހިދުންގެ އަމާޒުތަކަށް އެތަށްސަތޭކަ ފަހަރު އެމެރިކާއިން ހަމަލާދީފައިވާނެ ކަމަށާއި ހޫތީ މުޖާހިދުންގެ ލީޑަރޝިޕް މިހާރު އޮންނާނީ ބަލިކޮށްލާފައި ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު މިދިޔަ ބުރާސްފަތިދުވަހު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މުހައްލިލިން ދެކޭގޮތުގައި އެމެރިކާގެ ހަމަލާތަކުން ހޫތީ މުޖާހިދުން ބަލިކޮށްލެވިފާކަމަށް ޝައްކު އުފެދެއެވެ. ދާދި މިދާކަށް ދުވަހުވެސް ހޫތީ މުޖާހިދުންގެ މިސައިލް ހަމަލާއެއް ސީދާ އިސްރާއީލަށް ވަނީ އަމާޒުކޮށްފައެވެ.