އީރާންގެ މައި ބަނދަރެއްގައި ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުން މަދުވެގެން 25 މީހުން މަރުވެ އިތުރު 800އެއްހާމީހުންނަށް އެކި އަނިޔާތައް ލިބިއްޖެއެވެ.
މިގޮވުން ހިނގާފައިވަނީ އެގައުމުގެ އެންމެ ބޮޑު ވިޔަފާރި ބަނދަރު ކަމަށްވާ ޝާހިދު ރަޖާއީގައި، ހޮނިހިރު ދުވަހު ހެނދުނު ކަމަށް ވެއެވެ. ގޮވުމުގެ ބާރު ގަދަ ކަމުން ކައިރީގައިވާ ބައެއް އިމާރާތްތަކުގެ ކުޑަދޮރުތަކާ ފުރާޅުވެސް ނެއްޓިގެން ގޮސް އަދި ކައިރީގައި ހުރި ވެހިކަލްތައްވެސް ހަލާކުވި ކަމަށް ޚަބަރިލިބެއެވެ.ބައެއް އާންމު ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ގޮވުމުގެ އަސަރު 50 ކިލޯމީޓަރު ދުރުގައިވާ ހިސާބުތަކަށްވެސް ކޮށްފައިވެއެވެ. ގޮވުން ހިނގުމަށްފަހު 6 މީހުން އަދިވެސް ހޯދާ ނުފެނިފައިވާ ކަމަށް ސްޓޭޓް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
ބީބީސީ އިން ”ވެރިފައި“ ކޮށްފައިވާ ވީޑިއޯ އަކާއި ހަވާލާދީ އެފަރާތުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބާރުގަދަ ގޮވުމެއް ހިނގުމުގެ ކުރިން އަލިފާންގަނޑެއް ރޯވެ ބާރަށް ފެތުރެމުން ދާތަން ފެނެއެވެ.އަދި ގޮވުން ހިނގުމާއިއެކު މީހުން ދުވާތަނާއި އަދި މަރު ނުވަތަ ޒަޚަމްވެގެން މީހުން މަގުމައްޗަށް ވެއްޓިފައި ތިބޭތަންފެނެއެވެ.
މަތިން ނަގާފައިވާ ފުޓޭޖުތަކުން ފެންނަ ގޮތުގައި ދެތިންތަނެއްގައި ރޯވެ ދަނީ އަނދަމުންނެވެ.އަދި އީރާންގެ އިންޓީރިއަރ މިނިސްޓްރީއިންވެސް ޔަގީން ކޮށްދީފައިވާ ގޮތުގައި އަލިފާންގަނޑުދަނީ އެއްކޮންޓެއިނަރުން އަނެއް ކޮންޓެއިނަރަށް ބާރަށް ފެތުރެމުންނެވެ.
މިހާދިސާއާއި ގުޅިގެން އެހިސާބުގައިވާ ސްކޫލްތަކާއި އޮފީސްތައްވެސް އާދީއްތަދުވަހު ވަނީ ބަންދު ކޮށްފައެވެ.
”މެރިޓައިމް ރިސްކް ކޮންސަލްޓަންސީ“ގެ މަސައްކަތް ކުރާ އަމިއްލަ ފަރާތަކުން ބުނެފައިވާ ގޮތުގައި ޕޯޓްގައި ހުރި ކޮންޓެއިނަރުތަކުގައި ހުރިކަމަށް ގަބޫލް ކުރެވެނީ ބެލިސްޓިކް މިސައިލްގައި ބޭނުން ކުރުމަށް އުފައްދާފައިވާ ”ސޮލިޑް ފިއުލް“ ނުވަތަ ހަރުކަމަށް ބަދަލު ކޮށްފައިވާ ފިއުލް އެވެ.
ހާދިސާ ހިނގާފައިވަނީ ތަންކޮޅެއް ދުރުގައި ރޯވި އަލިފާންގަނޑެއް ފެތުރެމުން އައިސް ”ސޮލިޑް ފިއުލް“ ހުރި ކޮންޓެއިނަރތަކަށް ފޯރުމުންނެވެ.
ޝާހިދް ރަޖާއީ ޕޯޓް އަކީ އީރާންގެ އެންމެ ބޮޑު އަދި އެންމެ ތަރައްގީކުރެވިފައިވާ ޓަރމިނަލް އެވެ. އެގައުމަށް ދަތުރު ކުރާ އެންމެ ގިނަ ކޮމާޝަލް އުޅަދުތައް ބަނދަރު ކުރަނީ މިތަނުގައެވެ.
އީރާންގެ ގައުމީ އޮއިލް ޕްރޮޑަކްޝަން ކޮމްޕެނީއިން ބުނެފައިވާގޮތުގައި މިހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާއި އެގައުމުގެ އޮއިލް ރިފައިނަރީ ތަކާއި، ތެޔޮ ރައްކާކުރާ ޓޭންކް ތަކާއި އަދި ތެޔޮހޮޅީގެ ނެޓްވަރކް އާއިވެސް އެއްވެސް ގުޅުމެއް ނުވެއެވެ.
މިހާދިސާ ހިނގުމަށްފަހު ރައީސް މައްސޫދް ޕެޒެޝްކިއާން ވަނީ ހިތާމަ ފާޅުކުރައްވާ، އަދި މަރުވި މީހުންގެ އާއިލާތަކަށް ތައުޒީޔާ ރައްދު ކުރައްވާފައެވެ. އަދި މިކަން ހިނގި ގޮތް ބެލުމަށް ސަރުކާރުން ޚާއްސަ ތަހުގީގެއް ކުރިޔަށް ގެންވާނެކަމަށް ވިދާޅުވެ މިކަމުގައި އިސްކޮށް ހުންނެވުމަށް އިންޓީރިއަރ މިނިސްޓަރ އެސަރަހައްދަށް ފޮނުއްވާފައި ވެއެވެ.