އީރާނުގެ ނިއުކްލިއަރ މަޝްވަރާތަކާބެހޭގޮތުން ރަޝިޔާއާއި އޮމާނުގެ ވެރިން ވާހަކަ ދައްކަވައިފި

Loading

April 27, 2025
profile
Facebook
Twitter
WhatsApp

މޮސްކޯއަށް މިހާރު ވަޑައިގެން އުޅުއްވާ އޮމާނުގެ ރަސްގެފާނު ސުލްތާން ހައިތާމް ބިން ތާރިގް އަލް ސައީދު އާއެކު ރައީސް ޕޫޓިން ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމެރިކާއާއި އީރާނާ ދެމެދު ފެށިފައިވާ ނިއުކްލިއަރ މަޝްވަރާތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވައިފިއެވެ. އޮމާނުން ގެންދަނީ އެމެރިކާއާއި އީރާނުން ކުރަމުންގެންދާ މަޝްވަރާތަކުގެ މެދުވެރިއެއްގެ ބައި އަދާކުރަމުންނެވެ. އެމެރިކާއިން ދެކެމުންދަނީ އީރާނުގެ މަޝްރޫއަކީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށްޓަކައި ހިންގަމުންގެންދާ މަޝްރޫއެއް ކަމަށެވެ.  

                   

ކްރެމްލިންގެ ފޮރިންޕޮލިސީ އެއިޑް ޔޫރީ އުޝާކޯވް އިންޓަރފެކްސްގައި ބުނެފައިވަނީ ދެ ލީޑަރުންގެ ވާހަކަތައް ބިނާކޮށްފައިއޮތީ އެމެރިކާއާއި އީރާނުގެ މަޝްވަރާތައް ކުރިއަށްދާ ގޮތަކާ ބެހޭގޮތުން ކަމަށެވެ. އަހަރެމެން މިގެންދަނީ އެ މަޝްވަރާތައް ވަރަށް ކައިރިން ބަލަމުންނެވެ. އަދި އަހަރެމެންގެ އެކުވެރި އީރާން އެކަނިވެރިކޮށް ނުލާނެކަމަށް ބުނެފައި ވެއެވެ. މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ރަޝިޔާއިން ވަނީ އީރާނާއެކު ސްޓްރާޓީޖިކް އެއްބަސަވުމެއް ގާއިމް ކޮށްފައެވެ. އަދި ރަޝިޔާއިން ގެންދަނީ އެމެރިކާއެކުވެސް ގުޅުން ރަނގަޅުކުރެވޭތޯ ބަލަމުންނެވެ. 

މޮސްކޯއަކީ  2018  ގައި އީރާނުގެ ނިއުކްލިއަރ މަޝްރޫއާ ގުޅެގޮތުން ދުނިޔޭގެ ބާރުގަދަ 5 ގައުމަކުން އެކުލަވާލި އެއްބަސްވުމުގެ ބައިވެރިއެކެވެ. މި ހައިސިއްޔަތުން ރަޝިޔާއިން އަދާކުރަންޖެހޭ ޒިންމާތަކެއް މިހާރުގެ މަޝްވަރާތަކުގައިވެސް އޮތް ކަމަށް މޮސްކޯ އިން ދެކެއެވެ.                                 

އޮމާންގެ ރަސްގެފާނާއެކު ރައީސް ޕޫޓިންގެ މިބައްދަލު ކުރެއްވުމަކީ ހަފުތާއެއްގެ ތެރޭގައި މެދުއިރުމަތީގެ އިތުރު 2 ލީޑަރުންނާ ބައްދަލު ކުރައްވާފައެވެ. މީގެ ކުރިން އޭޕްރިލް 17 ގައ ރައީސް ޕޫޓިން ވަނީ ގަތަރުގެ އަމީރާއި އަދި  އޭގެފަހުން އީރާނުގެ ޚާރިޖީ ވަޒީރާވެސް ބައްދަލު ކުރައްވާފައެވެ.                          

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް ރަނގަޅަށް ނުފެށި އުޅެނިކޮށް އެމެރިކާއިން ބޭނުންވާގޮތް މިހާރުވެސް ދަނީ ފެންމަތި ވަމުންނެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މިއަދު ވިދާޅުވެފައިވަނީ އީރާނުން ޔުރޭނިއަމް ފައްކާ ނުކުރެވޭނެ ކަމަށާއި މަދަނީ ބޭނުންތަކަށްވެސް އީރާނުން ޖެހޭނީ އެހެންގައުމަކުން ޔުރޭނިއަމް ގަންނަން ކަމަށެވެ. އެހެންނަމަވެސް އީރާނުން ތަކުރާރުކޮށް ބުނަމުން ގެންދަނީ އީރާނުން ޔުރޭނިއަމް ފައްކާކުރުމާބެހޭގޮތުން މަޝްވަރާ ނުކުރާނެ ކަމަށާއި އެކަން އަބަދުވެސް އޮންނާނީ އެ ގައުމުގެ އިޚްތިޔާރުގައި ކަމަށެވެ.                 

އެމެރިކާއާއި އިސްރާއީލުން ދީފާނެ ހަމަލާއަކާހުރެ އީރާނުގެ ނިއުކްލިއަރ މައި މަރުކަޒު އާދަޔާ ޚިލާފް ފުންމިނެއްގެ ޓަނެލަކަށް އިތުރު ސެކިއުރިޓީ ވަސީލަތްތަކާއެކު ބަދަލު ކޮށްފިކަމަށް ވޯޝިންގްޓަނުން އިއްޔެ ރޮއިޓާރސް އަށް މައުލޫމާތު ދީފައި ވެއެވެ. ދި އިންސްޓިޓިއުޓް ފޯރ ސައެންސް އެންޑް އިންޓަރނޭޝަނަލް ސެކިއުރިޓީގެ ރައީސް ޑޭވިޑް އޯލްބްރައިޓް ބުނެފައިވަނީ މައުންޓް ކޮލާންގ ގަޒް ލާ ގެ އަޑީގައި އީރާނުން އެ ޓަނެލް ކޮމްޕްލެކްސް ބިނާކުރަމުންގެންދާތާ އަހަރު ތަކެއް ފާއިތު ވެގެން ހިނގައްޖެ ކަމަށެވެ. އަދި މިހާރު އެ ޓަނެލް ކޮމްޕްލެކްސް އަކީ ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ފުރިހަމައަށް ބޭނުން ކުރަންފެށިދާނެ ތަނެކެވެ.                     

ޔޫ އެން އިން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ފާރަލަން ހަވާލުކޮށްފައިވާ “ ފާރަ ކުއްތާ “ ގެ މެމްބަރުންނަށް އެތަނަށް ވަނުމުގެ ހުއްދަ މިހާތަނަށް އީރާނުން ދީފައެއް ނުވެއެވެ. އޯލްބްރައިޓް އިތުރަށް ބުނެފައިވަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ބޭނުން ކުރާނެ ޔުރޭނިއަމް އެ ޓަނެލް ތެރޭގައި ރައްކާކުރުމަކީ އެކަށީގެންވާ ކަމެކެވެ. ޔޫ އެން “ ފާރަ ކުއްތާ “ އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް  ރަފާއެލް ގްރޮއްސީވެސް ވަނީ ޑެވިޑް އޯލްބްރައިޓަށް ތާއީދުކުރާ މޭރުމަކުން ވާހަކަ ދައްކާފައެވެ.                                   

ރަފައެލް ގްރޮއްސީގެ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ބުނެފައިވަނީ މެމްބަރ ގައުމަކުން ރޭޑިއޯ އެކްޓިވް މެޓީރިއަލް އުފައްދާފައި ނުވަނީސް އެކަމަކު އީރާނުގެ މަގްސަދަކީ އެއީ ކަމަށް ބުނެ އެކަމުގެ މައުލޫމާތު ދިނުމަށް އެދުމުގެ ގާނޫނީ ބާރު އެ އޭޖެންސިއަށް ލިބިފައެއް ނޯންނާނެއެވެ. އީރާނުގެ ބަހުން ބުނާނަމަ “ އިޓް’ސް ނަންއޮފް ޔުއަރ ބިޒްނަސް “ އެވެ.                                                

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް