އިންޑިޔާ އާއި ޕާކިސްތާނުން ފެން ހިއްސާކުރަމުން އައި މައި ކޯރަކުން ޕާކިސްތާނަށް ފެން ނުލިބޭގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް އިންޑިޔާ ސަރުކާރުން އަނެއްކާވެސް ބުނެފިއެވެ.
ފެން ހިއްސާކުރުމާބެހޭ އެއްބަސްވުމަކަށް އަމަލުކުރުން ހުއްޓާލުމަށް އިންޑިޔާއިން ނިންމީ، ހަތިޔާރު އެޅިބަޔަކު ކަޝްމީރުގެ އިންޑިޔާފަޅީގައި އަންގާރަ ދުވަހު ދިން ހަމަލާ ތަކެއްގައި 26 މީހުން މަރާލުމާއި ގުޅިގެން އެޅި ފިޔަވަޅުތަކުގެ ތެރެއިންނެވެ.
އިންޑިޔާގެ ވޯޓަރ ރިސޯސް މިނިސްޓަރ ސީ.އާރު ޕަޓިލް ވިދާޅުވީ ޕާކިސްތާނަށް އެންމެ ފެން ތިއްކެއްވެސް ނުލިބޭގޮތް ހެދުމަށް ދަނީ މަސައްކަތް ކުރަމުން ކަމުގައެވެ. މިނިސްޓަރ ވިދާޅުވީ
ކޯރުގެ ފެންގަނޑުގެ ދެމުން ކޮންޓްރޯލް ކުރުމަށް ހަދާފައިވާ ”ސިލް“ ނުވަތަ ހުރަސް ތައް އިތުރަށް ހިއްލާ، މިކަމުގެ ސަބަބުން ރަށުތެރޭ ފެންބޮޑުނުވާނެގޮތް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައެވެ. އޭނާ ވިދާޅުވީ މިމަސައްކަތުގެ ދަށުން ކޯރުގެ ފެންގަނޑު ގެ މިސްރާބު ބަދަލު ކުރާނެކަމުގައެވެ.
އިންޑިޔާއިން ކޯރުގެ ފެންގަނޑު އަނބުރާލުމުން ޕާކިސްތާނަށް ލިބޭ ފެނުގެ 80 އިންސައްތަ ބަންދުވާނެކަމަށް ވެއެވެ. މިއީ ޕާކިސްތާނަށް ކުރިމަތިވާނެ ވަރަށް ބޮޑު ދަތިކަމަކަށް ވާނެއެވެ.
މިގޮތަށް ފެން ބަންދުކޮށްލުމަކީ ކަޝްމީރުގެ ކަންކަން ހަމަޖެހޭ ގޮތެއްގައި ކުރިޔަށް ގެންދިއުމަށް އދން 1948 ވަނައަހަރު އެކުލަވާލާފައިވާ ”ރިޒޮލިއުޝަން“ އާއި ވެސް ޚިލާފް އަމަލެކެވެ.
ފެންބަންދު ކޮށްލުމަށް ނިންމުމުގެ އިތުރުން އިންޑިޔާ ސަރުކާރުން ވަނީ ބޮޑެތި އެހެން ފިޔަވަޅުތަކެއްވެސް އަޅާފައެވެ. ފިޔަވަޅު ތަކުގެ ތެރޭގައި ދެގައުމު ދެމެދުގައިވާ މައި ބޯޑަރު ކްރޮސިންގ ބަންދު ކުރުމާއި، މިލިޓަރީ ޑިޕްލޮމެޓުން ގައުމުން ފޮނުވާލުމާއި އަދި ވިސާގެ ފިއްތުންތައް ހިމެނެއެވެ.
ކަޝްމީރަކީ ކުރިން ޕާކިސްތާންގެ އަމިއްލަ ސަރަހައްދެއްނަމަވެސް 1947 ވަނަ އަހަރު ހަނގުރާމައެއްކޮށް އިންޑިޔާއިންވަނީ ކަޝްމީރުގެ އެއްފަޅި ހިފާފައެވެ. އަދި ގެންދަނީ މުޅިކަޝްމީރުގެ މިލްކިއްޔާތަށް ދައުވާ ކުރަމުންނެވެ.
ކަޝްމީރުގެ މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށް 1948 ވަނަ އަހަރު އދން ވަނީ ރިޒޮލިއުޝަން އެއް އެކުލަވާލާފައެވެ. ދައްޗެއްނެތި ފެން ހިއްސާ ކުރަން ޖެހޭނެކަމަށްވެސް މުއާހަދާގައި ބުނެފައި ވެއެވެ.
އިންޑިޔާ ގެ ފިޔަވަޅުތަކާއެކު ޕާކިސްތާނުންވެސް ހަނު އޮތީކީ ނޫނެވެ. ޕާކިސްތާނުންވެސް ވަނީ
ހަރުކަށި ބަޔާނެއްނެރެ،ރައްދު ފިޔަވަޅުތަކެއް އަޅާފައެވެ.
ޕާކިސްތާންގެ ނެޝަނަލް ސެކިއުރިޓީ ކޮމިޓީގެ ކުއްލި ބައްދަލްވުމަކަށްފަހު ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ސޮއިކުރައްވާ ނެރުނުބަޔާނުގައި ބުނެފައިވާ ގޮތުގައި އަމިއްލަ ގައުމުގެ ސަރަހައްދުތައް ހިމާޔަތް ކުރުމުގެ ފުރިހަމަ ގާބިލުކަން އަސްކަރިއްޔާއަށް ލިބިތިބުމާއިއެކު ޕާކިސްތާން އޮތީ އެކަމަށް ފުރިހަމަޔަށް ތައްޔާރުވެގެންނެވެ. މާނައަކީ ޕާކިސްތާން އޮތީ ފުރިހަމަ ހަނގުރާމައަކަށް ތައްޔާރަށް ކަމުގައެވެ.