ރާއްޖެ އެލާޓަށް ގެނުވި އެތަކެއް މަރުގެ ކާރިސާތައްވެސް އަޅުގަނޑުމެން ދެކެފީމެވެ. މައްސަލައިގެ ޙަގީގަތް ހޯދުމަށްޓަކާ ފުރޮޅާނުލާ ގަލެއް ވެސް ނުބާއްވާނޭ ކަމަށް ތަޙުގީގީ އިދާރާތަކުން ނިކަން ހިތްވަރު ލާފައި ބުނިއަޑުވެސް އަޅުގަނޑުމެން އެހީމުއެވެ. މިރާއްޖޭގައި މީހަކު މަރާލިއަސް އަންހެނަކު ރޭޕްކުރިއަސް އެކަން ކަން ކުރަމުން އަންނަނީ ފައިސާވެރިންނާއި އަދި އެބައިމީހުންގެ ދަރީންނާއި ބާރުގަދަ ސިޔާސީ ވެރިންނާއި އެބައިމީހުންގެ ދަރިން ނުވަތަ ޢާއިލާގެ މެންބަރުން ހިމެނިގެނެވެ.
އެހެން ކަމުން އިންޞާފުލިބެނީ އެފަރާތްތަކަށެވެ. މިގައުމުގައި ފަގީރަކަށް ނިކަމެއްޗަކަށް އިންޞާފު ލިބުން ޙަރާންވާނެއެވެ. މިރާއްޖެއިން އިންޞާފު ނުލިބެނީ، އިންޞާފު އެއީ ގަންނަންޖެހޭ އެއްޗަކަށް ވާތީއެވެ. މި އަންހެން ކުއްޖާ ވެއްޓުނު މައްސައިގެ އިންޞާފުވެސް އެކުއްޖާއަށްވެސް އަދި އެކުއްޖާގެ ޢާއިލާއަކަށްވެސް ނުލިބޭނެކަން އަޅުގަނޑަށް ހަމަ ޔަގީނެވެ. މިހާރު ދެން މުޅިގައުމު އެލާޓަށް އައުމުން ވައްތަރު ވައްތަރުގެ ހުވަފެނާއި ކިނބޫ ކަރުނަފައިބާތަން ދުވަސްކޮޅެއް ވަންދެން ރައްޔިތުންނަށް ދައްކަމުން ގެންދާނެއެވެ. އެހެނަސް މިގައުމުން ދެރަ ފަގީރަކަށް ދުވަހަކުވެސް އިންޞާފު ނުލިބޭނެއެވެ. ގައިމުވެސް އަދި ލިބިފައެއްވެސް ނެތެވެ.
ދެރައީ އިންޞާފު ވިއްކާ ނަންބޯޑް ޖަހާފައިހުރި މުވައްސަސާއެއް ވުޖޫދުވެފައި ނެތުމެވެ. ކަން މިހެން ހުރިނަމަވެސް ބާރުގަދަ ސިޔާސީ ވެރިންނާއި ފައިސާވެރިންނާއި އެބައި މީހުންގެ ޢާއިލާތަކަށް އިންޞާފު ގަންނަން ބަރާބަރަށް ލިބެއެވެ. އަދީބަށް ވެސް އިންސާފު ބޮޑުތަނުން އެވަނީ ވިއްކާފަ ނޫންތޯއެވެ. އެއީ މި ސައްތައިން ސައްތަ ގައުމުގެ އިސްލާމީ ޢަދުލު އިންސާފުގެ ދާރުބާރު ހިންގާ ގޮތެވެ.
ޑޮކްޓަރ އަފްރާޝީމު އަލީ ފަދަ ނޫސްވެރިޔާ ރިލްވާން ފަދަ އެތައްރައްޔިތުން މަރާލާ ކަތިލާ، ގެއްލުވާލި ކާރިސާތަކާއި ގުޅިގެން ހިނގާދިޔަ އެއްވުންތަކާއި ރައްޔިތުން އެކަންކަމުގެ އިންޞާފު ހޯދަން ޢާއިލާތަކާއެކު ކުރިމަސައްކަތް ދުނިޔެއާއި ގައުމުވެސް ހެކިވާނެއެވެ. އިންޞާފު ލިބުނު ހެއްޔެވެ. އިންސާފު ލިބިދިން ހެއްޔެވެ؟ ރަބަރޭ މަރާލީ ރާއްޖޭގެ ވިޔާފާރިވެރިޔަކު ފަންޑުކޮށްގެން ކަމާއި އަފްރާޝީމު ގަތުލުކުރުމުގެ އަޑީގައި ތިބީ ކޮންބައެއް ކަމާއި ރިލްވާނު ވަގަށް ނެގިމީހުންނާއި ކަތިލިމީހުން މުޅިގައުމަށް އެނގެއެވެ. އަދި މިފަހަކުން ކުރީގެ ރައީސް ނަޝީދު މަރާލަން ރޭވިގޮތާއި ކޮން މޯޓިވްއެއް ގައި ކޮންބަޔަކު ކުރިކަމެއްތޯ ބެލުނުތޯއެވެ؟
މިކަންކަމުގެ އަޑީގައި ތިއްބެވީ ބާރުގަދަ ސިޔާސީ ވެރިންނާއި ފައިސާވެރިން ކަމަށް ވުމުން އެބޭފުޅުން އެ މަރުތަކާއި ގެއްލުވާލި ފަރާތްތަކަށް ލިބެންޖެހޭ އިންޞާފު ޙައްގުވެރިނަށް ނުލިބުނީ އެ ޖަރީމާތަށް ހިންގި ފަރާތްތަކަށް ދައުލަތުގެ ކަމާއިބެހޭ އިދާރާތަކުން އެކަންކަމަށް ލިބެން ޖެހޭ އިންޞާފު ވިއްކާލުމުންނޫންތޯއެވެ.
ކުރީގެ ސީޕީ އަބުދުއްލާ ރިޔާޒް ބުނެފާ އެެވެ. އަފްރާޝިމް މަރާލި މީހުން އޭނަޔަށް އެނގޭ ކަމާއި ވަގުތު ޖެހުނީމަ ބުނެދޭނެން ކަމަށެވެ. އެ ބުނާ ވަގުތެއް ނުޖެހުނެވެ!
ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ނަމުގައި ހިނގަމުން އަންނަ މިގައުމުގެ ފަނޑިޔާރުންނާއި ތަހުގީގީ އިދާރާތަކުގެ ވެރިންނޭވެ. ބިރުވެރި ވާށެވެ! ތިޔަހެން ނުހައްދަވާށެވެ. ނިކަމެތި ފަގީރު ޢާއިލާތަކަށް އިންޞާފު ހޯއްދަވައި ދެއްވަން މިދުނިޔެމަތީގައި ތިޔަ ގަންނަ ބިރަށްވުރެ ޢަދުލު އިންޞާފު ގާއިމްވާ ދުވަހު ގަންނަންޖެހޭނެ ބިރު މާ ބޮޑުވާނެއެވެ.
މިދުނިޔޭގައި ތިޔަގަންނަ ބިރަކީ ވަޒީފާގެ ބިރު ނޫން ހެއްޔެވެ. ޢަދުލު އިންޞާފު ނުގެނެވޭނެ ދުވަހު ތިބައިމީހުނަށް ﷲ ދެއްވާނެ ޢަޒާބުން ސަލާމަތް ކޮށްދޭން ތިޔަބޭފުޅުން މި ދުނިޔެމަތީގައި އިންޞާފު ވިއްކަވާލެއްވި މީހުން އަންނާނެ ތޯއެވެ.
ފުރާޅުމަތިން ވެއްޓުނު ކުއްޖާ ރޭޕްކޮށް މަސްތުވާތަކެތި ބޯން ދީފައި ވަނީ ވަޒީރުންގެ ދަރީންނާއި ދައުލަތުގެ ޢިއްޒަތްތެރިންގެ ދަރީންކަން މި މުޅިއުންމަތް އެގޮވާ ނަގަނީ އެނގިގޭތިއެވެ. އެހެނީ އޭނާ އެހާލު ޖައްސުވައި މަރުވަން އެއްލާލައިފާ ދިޔަކަމުގައި ވިޔަސް އޭނާގެ ނަސީބު ރަގަޅުކަމުން މަރެއް ނުވިއެވެ. އޭނާ މާލަހެއް ނުވެ އިރާދަކުރައްވީތީ ވާހަކަ ދައްކާނެއެވެ. މުޖުރިމުން އަނެއްކާވެސް ބޭޒާރު ވާނެއެވެ.
އެހެނަސް ތިޔަފަރާތްތަކުން އެ ވެއްޓުނު ކުއްޖާއަށްވެސް އަދި އެކުއްޖާގެ ޢާއިލާއަށްވެސް އިންޞާފު ހޯއްދަވައި ނުދެއްވާނޭ ކަމީ އިރު ފެންނަފަދައިން ޔަގީންވާ ކަމެކެވެ.
އެ އަންހެން ކުއްޖާ މަރުވިނަމަ ކުށްވެރިވީހީ ހަމަ އެކަނި އެ އަންހެން ކުއްޖާކަން ޔަގީނެވެ. މިބުނީ ދޮގެއްތޯ ބަލަން ތިބެމާ ހިނގާށެވެ. އިންޞާފު ގަނެ ވިއްކަން ނުލިބޭ ދުވަހާއިމެދު ބިރުވެތިވާށެވެ. ވަޒީފާ ގެއްލުނަސް ﷲ ތިބާއަށް ރިޒުގު ދެއްވާނެތެވެ.
އެހެނަސް ވަޒީފާގެ ބިރަށްޓަކާ އިންޞާފު ވިއްކާލައިފިނަމަ އެ ދުވަހުގެ ޢަޒާބުން ތިބާ ސަލާމަތް ކޮށްދޭން ގައުމުގެ ރައީސަކުވެސް ނުވަތަ ހޯމް މިނިސްޓަރު ވެސް ނުތިބޭނެއެވެ.
2 Responses
ފަހަލަ ބަރާބަރު ވާހަކައެއް. ދައްކަނީ ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަމޫނާ އެކު. ޢަމަލު އަބޫޖަހުލު ވައްތަރު
ވަރަށް ރަނގަޅުވާހަކައެއް
100% ވާހަކައެއް