އީރާނާ ދެކޮޅަށް ހަނގުރާމަކުރުމަކުން ހައްލަކަށް ނުދެވޭނެ

Loading

April 26, 2025
profile
Facebook
Twitter
WhatsApp

އީރާނުގެ ނިއުކްލިއަރ މަޝްރޫއުގެ މަޝްވަރާތައް ރައީސް ޓްރަމްޕް ފެއްޓެވުމާއެކު އެމެރިކާއިން ބޭނުންވާ ނަތީޖާއަކީ ކޮބައިކަންވެސް އޮޅިއްޖެއެވެ. ރައީސް ޓްރަމްޕްގެ ޚާއްސަ މުޝީރު ސްޓީވް ވިޓްކޯފް އޭޕްރިލް 14 ވަނަ ދުވަހު ފޮކްސް ނިއުސްގެ ސީން ހެނިޓީ އާއެކުދެއްކި ވާހަކަތައްވެސް ދިމާލެއް ނުވެއެވެ. އެ ދުވަހުގެ ވާހަކައިގާ ވިޓްކޯފް ވިދާޅުވެފައިވަނީ އީރާނުން ފައްކާ ކޮށްފައިހުރި ޔުރޭނިއަމް 3.67 އަށް  ދަށްކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު ޖެހިގެން އައި ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އީރާނުން ޔުރޭނިއަމް ފައްކާކުރުން މުޅިން ހުއްޓާލަން ޖެހޭނެ ކަމަށެވެ.

 

                          

މަޝްވަރާތައް ކާމިޔާބު ވުމާއި ނާކާމިޔާބުވުން ބިނާވެފައި އޮތީ އެމެރިކާގެ ވިސްނުން ހުރި ގޮތެއްގެ މައްޗަށެވެ.  

އެމެރިކާގެ ޚާރިޖީ ސިޔާސަތާ ހަވާލުވެގެންތިބި ބޭފުޅުންނަށް އެ މަޝްވަރާތަކުން ކޮންމެ ނަތީޖާއެއް ނިކުތަސް ފަރުވާލެއް އޮތްކަމަކަށް ނުބެލެވެއެވެ. އެބޭފުޅުންގެ ނަޒަރުގައި ބޮން އަޅައިގެ އީރާން ވީރާނާ ކޮށްލުމުން މައްސަލަ ނިމުނީއެވެ. ސައުތު ކެރޮލީނާގެ ސެނޭޓަރ  ލިންޑްސީ ގްރަހަމް ދެކޭގޮތުގައި ސިޔާސީ ގޮތުން މަޝްވަރާކޮށްގެން އީރާނުގެ މަޝްރޫއަށް ހައްލެއް ހޯދަން އުޅުމަކީ ބޭނުންކަމެއް ނޫނެވެ. މިލިޓްރީގެ ބާރުން ވާހަކަ ދެއްކުން އެއީ އެންމެ ފަސޭހައިން އީރާނުގެ ނިއުކްލިއަރ މަޝްރޫއު ނިންމާލެވޭނެ ގޮތެވެ. ޕެންސެލްވީނިއާގެ ސެނޭޓަރ ޖޯން ފެޓަރމަން ވެސް ވަނީ ލިންޑްސީ ގްރަހަމް އަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ. މިފަދަ އެތައް ސެނޭޓަރުން އީރާނަށް ހަމަލާދިނުމަށް ތާއީދުކޮށް ވާހަކަ ދައްކަމުން ގެންދިއުމުގެ ސަބަބުން އެމެރިކާއިން އީރާނަށް ބޮން އަޅައި ވީރާނާ ކޮށްލަން ހަމަލާ ދިނުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. އެކަމަކު އެކަމެއް ނުކުރެވޭނެއެވެ.          

އެމެރިކާގެ ބާރުގަދަ ހަމަލާތަކުން މެދުއިރުމަތީގެ ކޮންމެ ގައުމެއްވެސް ފުނޑާ ލެވިދާނެއެވެ. އީރާނަށްވެސް އެމެރިކާއާ ދެކޮޅަށް ހަނގުރާމައެއް ކޮށްގެން ރަނގަޅު ނަތީޖާއެއް ނުހޯދޭނެއެވެ. މިއީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. އީރާނުގެ މިލިޓްރީ ބޭނުންތަކަށް ލިބެންހުރި ބައެއް ހަތިޔާރު ތަކަކީވެސް ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ހަތިޔާރު ތަކެކެވެ. މިކަހަލަ ސަބަބުތަކަކަށް ޓަކައި އީރާނުން އެމެރިކާއާ ދެކޮޅަށް ހަނގުރާމައެއް ކޮށްގެން ކާމިޔާބު ނުކުރެވޭނެކަން އެއީ ހަގީގަތެކެވެ. ހަމަ އެފަދައިން އެމެރިކާއިން އުންމީދު ކުރާކަހަލަ ކާމިޔާބީއެއްވެސް ނުހޯދޭނެކަން ގަބޫލުކުރަންޖެހޭނެއެވެ. އީރާނުގެ ނިއުކްލިއަރ މަޝްރޫއު ދާއިމަށް ނައްތާލެވިގެންނޫނީ އީރާނުން ބަލިވީ ކަމަށް ދެކިގެންނުވާނެއެވެ. ސުވާލަކީ އެއީ އެމެރިކާގެ ބާރުގަދަ އެއާރފޯސްއަށް ކުރެވިދާނެ ކަމެއް ހެއްޔެވެ ؟ އަތްމަތީ ޖަވާބަކީ ނުކުރެވޭނެއެވެ. އަދި އެކަމުގެ ސަބަބުން ނިކުމެދާނެ ހިތި ނަތީޖާ އެމެރިކާގެ ސިޔާސީ ސިކުނޑިތަކަށް ނުވެސް ވަންނަ ކަހަލައެވެ.                              

އީރާނުގެ ނިއުކްލިއަރ ހަކަތައިގެ މަޝްރޫއަކީ އެ ގައުމުގެ 640،000 އަކަމީޓަރުގެ ތެރެއަށް ފެތުރިފައިވާ އެއްޗެކެވެ. އެމެރިކާއާއި އިސްރާއީލާ ގުޅިގެން ދިމާކުރި ކަމުގައި ވިޔަސް ހުއްޓާނުލައި 24 ގަޑިއިރު މުޅި އީރާނަށް ބޮން އަޅާ ސުންނާފަތި ކުރަމުން ގެންދަން ޖެހޭނެއެވެ. އޭގެ ތެރޭގައި އީރާނުގެ ދިފާއީ ނިޒާމްތަކާއި ރާޑަރ ތަކާއި އެއާރޕޯރޓްތަކާއި ކޮމާންޑް ސެންޓަރ ތަކާއި އަދިވެސް އީރާނުން ރައްދު ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭ ހުރިހާ ގާބިލް ކަމެއް ނައްތާލަން ޖެހޭނެއެވެ. މިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައި އިސްރާއީލުން އީރާނުގެ އެސް-300 ގެ އެއާރ ޑިފެންސް ނިޒާމަކަށް ހަމަލާ ދިނީމާ އީރާން ފުނޑިގެން ދިޔައީ ކަމަށް ދުށުމަކީ މޮޔަ ވިސްނުމެކެވެ. އެންމެ ފުރަތަމަ އެ ހަމަލާއިން ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަން އަދިވެސް ދުނިޔެއަކަށް ނޭންގުނެވެ.            

މިހުރިހާކަމެއް އެއްފަރާތް ކުރުމަށްފަހު އީރާނުގެ ނިއުކްލިއަރ މަޝްރޫއަށް އެކަނި ވިސްނުން ފޯކަސް ކޮށްލިކަމުގައި ވިޔަސް އެއީ ފަސޭހައިން ނައްތާލެވިދާނެ ނުވަތަ ހުއްޓުވާލެވިދާނެ ކަމެއްވެސް ނޫނެވެ. ބަންކަރުތައް ހަލާކުކޮށްލަން އެމެރިކާއިން މިހާރު ބޭނުންކުރެވެންހުރި އެންމެ ބާރުގަދަ ޖީ ބީ ޔޫ -57 މަރުކާގެ ހަތިޔާރުންވެސް އީރާނުގެ ބަންކަރުތަކަށް ގެއްލުމެއް ދެވިދާނެ އެކޭ ނުބުނެވޭނެއެވެ. ހަމައެކަނި އެންމެ ބަންކަރެއް ހަލާކު ކޮށްލުމަށްޓަކައި  އެތައްފަހަރަކު ބޮން އަޅަން ޖެހޭނެއެވެ. އެފަދަ އިން ބޮން އެޅުމުގެ ހަމަލާތަކަކާ ދޭތެރޭ ވިސްނާއިރު އީރާނުގައި އެންމެ ބޮޑަށް ރައްކާ ކުރެވިފައި ހުރި ނިއުކްލިއަރ މުއްސަނދި ކުރާ ސައިޓްތައް ހުރީ އެ ގައުމުގެ އެއާރ ޑިފެންސުން އެންމެބޮޑަށް ރައްކާތެރި ކޮށްފައިވާ ސަރަހައްދުތަކުގައިކަންވެސް އެނގެން ޖެހޭނެއެވެ. އަދި މި ހާލަތުގައި އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދާނެކަމަށްވެސް ބަލަން ޖެހޭނެއެވެ. އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ބޭނުންވަނީ ހަމައެކަނި ވަރަށް ކުޑަ ދުވަސްކޮޅެއްކަން ދުނިޔަށް އޮތީ ހާމަކޮށްދީފައެވެ.     

އެމެރިކާގެ އެއްގަމު ލަޝްކަރުތަކުން އެ ސައިޓްތައް ހަލާކު ކޮށްލުމާދޭތެރޭ ވިސްނާނަމަ އީރާނުގެ އާބާދީ 2003 ވަނައަހަރު އިރާގުގައި ތިބި އާބާދީގެ ތިންގުނަ އަށްވުރެންވެސް ގިނަކަން ދަންނަން ޖެހޭނެއެވެ. އެކަމަށްޓަކައި ވިއެޓްނާމަށް ފޮނުވި 1.6 މިލިއަން ސިފައިންގެ ތިންގުނަ އިތުރު ސިފައިން އީރާނަށް ފޮނުވަން ޖެހޭނެއެވެ. ރައީސް ޓްރަމްޕްގެ ވިސްނުންފުޅުގައި މަޝްވަރާގެ ސިޔާސަތު އިޚްތިޔާރު ކުރައްވާފައިވަނީ މިކަހަލަ އެތައް ސަބަބުތަކަކާހުރެ ކަމުގައި ގަބޫލު ކުރެވެއެވެ. މާޒީގައި އެމެރިކާއިން ކުރި ހަނގުރާމަތަކުގެ ނަތިޖާއަށް ބަލާއިރު އެމެރިކާއިން އީރާނާދެކޮޅަށް ކުރާ ހަނގުރާމައެއްގައި ލިބިދާނެ ކާމިޔާބީ އަކަށްވުރެން ލިބިދާނެ ގެއްލުން މާ ބޮޑުވާނެއެވެ.  

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް