ﷲ ތަޢާލާ އެންމެ ރުހިވޮޑިގެންވާ ޢަމަލަކީ މުސްލިމެއްގެ ހިތަށް އުފާވެރިކަމެއް ގެނެސްދިނުން ކަމަށް މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލް ބުދައިރު މިއަދު ދެއްވި ހުތުބާގައި ވިދާޅުވެއްޖެ އެވެ.
މިއަދުގެ ހުކުުރު ހުތުބާގެ މައުޟޫއަކީ ”ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއް ކަމުގައި ވާށެވެ.“
ހުތުބާގައި ބުނީ މާތް ﷲގެ އަޅުތަކުންނަށް ފައިދާއެއް ކޮށްދިނުމަކީ އެންމެ މަތިވެރި ޚުލްގު ކަމަށާއި މީސްތަކުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ ޢިއްޒަތާއި ޝަރަފާއި ޤަދަރުވެރިކަމުގައި ކަމަށެވެ. އަދި މީސްތަކުންނަށް ފައިދާހުރި، ހެޔޮފޯރުވައި އުޅޭ މީހަކަށް ވުމަށް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ.
”މީސްތަކުން ކުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން އެންމެ ބޮޑު މީހަކީ، މީސްތަކުންނަށް އެންމެ ފައިދާހުރި މީހާއެވެ. އަދި ﷲ ތަޢާލާ އެންމެ ރުހިވޮޑިގެންވާ ޢަމަލަކީ މުސްލިމެއްގެ ހިތަށް އުފާވެރިކަމެއް ގެނެސްދިނުމެވެ. ނުވަތަ އޭނާއަށް ޖެހިފައިވާ ބޮޑުކަމެއް ލުއިކޮށްދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް އަދާކޮށްދިނުމެވެ. ނުވަތަ އޭނާގެ ބަނޑުހައިހޫނުކަން ފިލުވައިދިނުމެވެ. އަހަރެންގެ އަޚާއަށް ޖެހިފައިވާ ކަމެއް ކޮށްދޭން މަސައްކަތްކުރުން މަސްޖިދުއްނަބަވީގައި އިޢުތިކާފަށް އިނުމަށް ވުރެ މާހެޔޮކަން ބޮޑެވެ.“ ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަަމަށް ހުތުބާގައި ބުނެފައި ވެއެވެ.
މިއަދުގެ ހުތުބާގައި ބުނީ މުއުމިނުންނަކީ މީހުންގެ ބޭނުންތައް ފުއްދައިދޭ މީހުންނަށް ޖެހޭ އުނދަގޫތަށް ދުރުކޮށްދޭ ބައެއް ކަމަށެވެ. މުސްލިމުންނަށް އުނދަގޫކޮށް، އެ މީހުންގެ މައްޗަށް ބާޠިލު ތުހުމަތުތައް ނުކުރުމަށާއި ދޮގު ބުހުތާން ވާހަކަތައް ނުފެތުރުމަށާއި ދެރަކޮށް، ނިކަމެތިކޮށް ނުލުމަށާއި ބަދުބަސް ބުނެ، ލަޢުނަތްދީ، ކާފިރުކޮށް، އެ މީހުންނީ ބިދުޢަވެރީންނާއި ފާސިޤުންކަމުގައި ބުނެ ނޫޅުމަށް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ.
ހަމައެހެންމެ އެ މީހުންގެ އަތްދަށުން ދޫވެގެން ކުރެވޭ ކުށްތައް ފަތުރައި، ފަޟީޙަތް ނުކުރުމަށާއި އެ މީހުންގެ މުދާ ވަގަށް ނަގައި، ކެހިދީ، އަބުރު ނަގައިލައި، އެ މީހުންގެ ފުރާނަޔަށާއި އަބުރައް އަރައިނުގަތުމަށް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ.