އުމުރުން 70 ވަރަކަށް އަހަރުގެ ދެމަފިރިން އެއްދުވަހަކު ލޯޔަރެއްގެ އޮފީހަށް ދިޔައެވެ. މިދެމީހުން މިދިޔައީ ވަރިވާން ކަމަށް ވެއެވެ.ލޯޔަރު ދެމީހުންނާ ވާހަކަ ދައްކާލުމަށްފަހު ވަރަށް ހައިރާން ވިއެވެ. އެދެމީހުން ކިޔާދިން ގޮތުގައި ދެމީހުން ކައިވެނިކޮށްގެން މިވީ ސާޅީހަކަށް އަހަރުވެސް ހޭދަކޮށްފައިވަނީ ދެބަސްވުމާއި ޒުވާބު ކުރުމުގައެވެ.އެއްވެސް ކަމެއް ރަގަޅަށް ނުދާކަމަށް އެދެމީހުން ބުނެފައިވެއެވެ. ކައިވެނި ކޮށްގެން ތިބީ ހަމަ އެކަނި ދަރިންކޮޅަށްޓަކާ ކަމަށް ބުންޏެވެ.ކުދިންގެ ތަރުބިއްޔަތަށް އަސަރުކޮށް ކުދިން ގޯސް މަގަކުން ހިނގައިދާނެތީއެވެ.
މިހާރު ކުދިން ބޮޑުވެ އެމީހުންގެ އަމިއްލަ އާއިލާތައް ވަނީ ފަށާފައެވެ.އެހެން ކަމުން މިހާރު އެކުގައި ތިބެންޖެހޭ ސަބަބެއް ނެތް ކަމަށް ދެމީހުން ބުނެފައިވެއެވެ.
ދެމީހުންވެސް މިހާރު ބޭނުންވަނީ ފާއިތުވި އަހަރުތަކުގެ ހިތްހަމަނުޖެހުންތަކާ ދުރަށް ގޮސް އަމިއްލަ ހަޔާތެއް އުޅެން ކަމަށް ބުނެފައިވެއެވެ. އެހެން ކަމުން ވަރިވާން ނިންމީ ކަމަށް ބުނެފައިވެއެވެ.
މިދެމީހުންގެ ވާހަކަ އަޑުއެހުމަށްފަހު ލޯޔަރު އިނީ ހައިރާންވެފައެވެ.ސާޅީސް އަހަރުވަންދެން ކައިވެނިކޮށްގެން އުޅުމަށްފަހު އުމުރުން 70 އަހަރުގައި ވަރިވާން ބޭނުންވާ ސަބަބު އޭނައަކަށް ނުވިސްނުނެވެ.
ވަރީގެ ލިއުންތަކުގައި ސޮއިކުރަމުން ދިޔަވަގުތު އަންހެންމީހާ ވަރަށް އަސަރާއެކު ބުނެލިއެވެ.އަހަރެން ފިރިމީހާދެކެ ވަރަށް ލޯބިވެއެވެ. އެހެން ނަމަވެސް އަހަރެންނަށް ދެން މިކައިވެނީގައި ކުރިޔަކަށް ނުދެވޭނެއެވެ. އަހަރެންގެ އާދަތަކާއި ކުރިންސުރެ ހަރުލާފައިހުރިގޮތްތައް ބަދަލުވުމަށް އޭނާ ބޭނުންވާތީއެވެ.
ފިރިމީހާ ޖަވާބުގައި ބުންޏެވެ. ތިޔަބުނާ އެއްޗެއް އަހަރެންނަށް ވިސްނެއެވެ. އެކަމަކު މަސްލަހަތަށްޓަކައި އަބަދުވެސް ތިބާ ގޮތް ދޫކުރަނީ ނޫންހެއްޔެވެ.
ދެމީހުންގެ މިވާހަކަ ކޮޅުއަޑުއަހަން ހުރެފަ ލޯޔަރު ބުންޏެވެ. ވަރީގެ ކަންތައް މުޅިން ނިންމާލުމުގެ ކުރިން އަހަރެންނާއެކު މެންދުރުގެ ކެއުމެއްގައި ބައިވެރިވާން ދައުވަތު ދެމެވެ. ދެމީހުންވެސް އެއްބަސް ވުމުން ތިންމީހުންރެސްޓޯރަންޓަކަށް ކާން ދިޔައެވެ.
އެތަނަށް ގޮސްތިބިއިރު ދެމީހުންވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ.މަޑުމަޑުން ތިބީއެވެ. ފުރަތަމަ ގެނައި ކެއުމަކީ ރޯސްކުރި ކުކުޅެއް އެކުލެވޭ ކެއުމެކެވެ.
ކެއުން އައުމާއިއެކު ފިރިހެންމީހާ ކުކުޅުގެފައި ނައްޓާލުމަށްފަހު އަންހެންމީހާއަށް ދެމުން ބުންޏެވެ. ތިބާއަށް ފައި ވަރަށް ކަމުދޭނޫންހެއްޔެވެ.އަވަހަށް ކާލާށެވެ. މިތަން ބަލަން އިނދެފަ ލޯޔަރު ހިތަށް އެރިއެވެ.މިކައިވެނި އަދިވެސް ސަލާމަތް ކުރެވިދާނެއެވެ.
ނަމަވެސް އެވަގުތު އަންހެންމީހާ ބުންޏެވެ. މައްސަލަ އަކީ އަބަދުވެސް ތިޔައީއެވެ. އަހަރެން ކައިރީ އަހާނުލާ ހުރިހާކަމެއް ފިރިމީހާ އަމިއްލަޔަށް ނިންމާތީއެވެ.އަހަރެން މިހާރު ކުކުޅުގެ ފައި ނުކާ ކަންވެސް ނޭގޭދޯއެވެ.
ހަގީގަތުގައި ކުކުޅުގެ ފައި ކެއުމަށް ލޯބިކުރަނީ ފިރިމީހާއެވެ.ނަމަވެސް އޭނަ ނުކައި އަންހެންމީހާ އުފާކޮށްދިނުމަށްޓަކާ އަންހެނުންނަށް ދިނީއެވެ. އެންމެ ރަނގަޅުބައި އަންހެނުންނަށް ދިނުމަށެވެ.
އަނބުރާ ލޯޔަރުގެ އޮފީހަށް ދިއުމަށްފަހު،ވަރީގެ ކަންތައް އަދި އެއްދުވަހަށް މަޑުޖައްސާލުމަށް ލޯޔަރު ލަފާދިނެވެ.
އެރޭ ގެޔަށް ދިއުމަށްފަހު ދެމީހުންވެސް ތިބީ ނުނިދިފަ އެނދުގަ ފުރޮޅި ފުރޮޅި އެވެ.އަންހެންމީހާ އާއި ނުލައި ހަޔާތުގެ ބާކީބައި އެކަނިވެރިކަމުގައި އުޅެން ޖެހިދާނެތީ ފިރިހެންމީހާ ހާސްވެ ކަންތައް ބޮޑުވެގެންގޮސް ދެން އިތުރަށް ހިމޭނުން ނުހުރުމަށް ނިންމިއެވެ. އަދި އަންހެނުންނަށް ފޯނުކޮށް އަދިވެސް އޭނަދެކެވަރަށް ލޯބިވާ ކަމަށް ބުނަން ބޭނުންވިއެވެ. ނަމަވެސް ގުޅާ ގުޅާ އަންހެންމީހާ ފޯނު ނުނެގިއެވެ.
އަނެއްކޮޅުން އަންހެންމީހާ ވަނީ ވަރަށް ހިތްދަތިކަމުގެ ތެރޭގައެވެ.އޭނާ ހިތަށް އެރިއެވެ. މިއޮއްހުރިހާ އަހަރުވީއިރުވެސް ފިރިމީހާއަށް އަހަރެންގެ ގޮތް ރަނގަޅަށް ނޭގޭކަން ވަރަށް ދެރައެވެ. އޭނަގަބޫލު ކުރިގޮތުގައި އެހެންކަމުން ދެން އިތުރަށް ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.ފޯނު ރިންގުވާތަން ފެނުނު ނަމަވެސް ނުނެގީ އެހެން ވީމައެވެ.
ކުރިންސުރެވެސް ފިރިމީހާގެ ހިތުގެ މައްސަލަހުރެއެވެ. މިކަންތައް މިހާރު ވަރަށް ގޯސްވެފައިވާ ކަމެއް އަންހެންމީހާއަކަށް ނޭނގެއެވެ.އަނެއްދުވަހު އަންހެންމީހާއަށް ލިބުނު ހަބަރަކީ ފިރިހެންމީހާ ކުއްލިއަކަށް މަރުވި ހަބަރެވެ.އޭނާ އަވަސް އަވަހަށް ފިރިހެންމީހާއުޅޭކޮޓަރިއަށް ދިޔައިރު އޭނަ އޮތީ ސޯފާގައެވެ.އޭރުވެސް އޭނައަތުގައި ފޯނުއޮތެވެ.އަންހެންމީހާއަށް ގުޅަން އުޅެ ނުގުޅުމުން ފޯނު ހިފައިގެން އޮތްގޮތަށް އޮއްވާ ހާޓް އެޓެކެއް ޖެހުނީއެވެ.
ފިރިމީހާގެ ޖަނާޒާގެ ކަންތައް ނިމުމަށްފަހު، ކިތަންމެ ދެރަވެފައި ހުރެގެން ނަމަވެސް ފިރިމީހާގެ އެއްޗެތި ބަލާ، އެޔަށް ގޮތްގޮތް ހަދަން ޖެހުނީ އަންހެނުންނަށެވެ. ވަތްގަނޑުގައި ހުރި ލިއުންތައް ބަލަމުން ދިޔައިރު ދެމީހުން ކައިވެނި ކުރިދުވަހު އަންހެންމީހާގެ ނަމުގައި ހަދާފައިވާ އިންޝުއަރަންސް ޕޮލިސީއެއް އޭނާއަށް ފެނުނެވެ.އެއިން ލިބޭ ހުރިހާ ފައިދާއެއް ލިބޭނީ އަންހެންމީހާއަށެވެ.
އިންޝުއަރެންސް ޕޮލިސީއާއިއެކު ފިރިމީހާގެ ނޯޓެއްވެސް ވެއެވެ. އޭގައި ފިރިމީހާ ބުނެފައިވެއެވެ. ”އަހަރެންގެ ލޯބިވާ އަނބިމީހާއަށް، މިލިއުން ފެންނައިރު އަހަރެން ދުނިޔޭގަ ނުހުންނާނެއެވެ.މިޕޮލިސީ އަހަރެންގަތީ ތިބާއަށް ހަދިޔާ ކުރުމަށެވެ. ޕޮލިސީ އަކީ އެއްލައްކަ ރުފިޔާގެ އަގުގެ ޕޮލިސީ އެއްނަމަވެސް ކައިވެނީގެ ވަގުތު،ތިބާގެ މުޅިއުމުރަށް ބަލަހައްޓާނެކަމަށް އަހަރެންވީ ވައުދު،މިޕޮލިސީއިން ލިބޭ ފައިސާއިން ފުއްދޭނެކަމަށް އަހަރެން ގަބޫލުކުރަމެވެ. އަހަރެން ދުނިޔޭގައި ހުރިނަމަވެސް ތިބާގެ ބޭނުންތައް ފުއްދާދޭނެފަދައިން، މިފައިސާ ތިބާއަށް އެހީތެރިވެދޭނެއެވެ.އަހަރެން ތިބާދެކެ ވަރަށް ލޯބިވެއެވެ. އަދި އަބަދުވެސް ތިބާ ބެލެހެއްޓުމުގައި ދެމިހުންނާނަމެވެ.“
މިނޯޓު ކިޔާލުމަށްފަހު އަންހެންމީހާ އަށް ވަރަށް ބާރަށް ރޮއިގަނެވުނެވެ.އޭނަވެސް ފިރިމީހާ ދެކެލޯބިވާ ވާހަކަ މިފަހަކަށް އައިސް ނުބުނެވުނީތީއެވެ. ފިރިމީހާދެކެ ލޯބިވާ ވާހަކަ އަދި އެއްފަހަރު ނަމަވެސް ބުނަން ބޭނުންވިއެވެ.ދެމީހުން އެކުގައި ހަޔާތް ކުރިޔަށް ގެންދަން ބޭނުންވިއެވެ. ވަރިވާން ބޭނުން ނޫންކަމަށް ބުނަންބޭނުންވިއެވެ. އެކަމަކު މިއަދު ވަގުތުވަނީ ފާއިތުވެފައެވެ.
ދެމަފިރިން އެކަކު އަނެކަކުދެކެ ލޯބިވާނަމަ ގިނަގިނައިން އެވާހަކަ ބުނާށެވެ.އެއީ ލޯބި އިތުރުވާކަމެކެވެ. އެކަކު އަނެކަކު ބަދަލުކުރަން މަސައްކަތް ނުކޮށް އެމީހެއްގެ އަސްލު ސިފައިގައި ލޯބިވާށެވެ.ދެމީހުން އެކުގައި ހަޔާތެއް ބިނާކުރެވޭތޯ ބަލާށެވެ. ވަރިއާއި ހަމަޔަށް ނުގޮސްވޭތޯ އަބަދުވެސް މަސައްކަތް ކުރާށެވެ.