ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށްޓަކައި ބޭރުގެ ޖަމާޢަތްތަކާއިއެކު މަޝްވަރާކޮށްފިއެވެ.
އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ކުރަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން ސިޗުއާން ޕްރޮވިންސްގެ ދަނޑުވެރިކަމާއި ގްރާމީއް ކަންކަމުގެ ޑިޕާޓްމަންޓް އަދި ސިޗުއާން އެކެޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްގެ ވަފުދަކާ، އެ ވުޒާރާގެ އިސް ބޭފުޅުން ބައްދަލުކޮށް، މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެ މަޝްވަރާތަކުގައި ދަނޑުވެރިކަމުގެ އެއްބާރުލުން ހަރުދަނާކުރުމާ ބެހޭ އެއްބަސްވުމުގެ (އެމް.އޯ.ޔޫ) ތަންފީޒުކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ހިޔާލު ބަދަލު ކޮށްފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ހާމަކުރެއެވެ.
2024 ވަނަ އަހަރު ދިވެހި ސަރުކާރާއި، ސިޗުއާން ޕްރޮވިންސްގެ ދަނޑުވެރިކަމާއި ގްރާމީއް ކަންކަމުގެ ޑިޕާޓްމަންޓް އަދި ސިޗުއާން އެކެޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރެވިފައިވާ މަސައްކަތްތައް ދެނެގަނެވި، އެކަންކަން މި ބައްދަލުވުމުގައި ހިއްސާކޮށްފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ހާމަކުރެއެވެ.
އެގޮތުން ޚާއްޞަކޮށް ދަނޑުވެރިކަމުގެ އައު އީޖާދުތަކާއި، ފަންނީ އެހީތެރިކަމާއި، ޤާބިލުކަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތަކާ ގުޅޭ ދާއިރާތަކުން އިތުރަށް އެއްބާރުލުން ދެވިދާނެ ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ހާމަކުރެއެވެ.