ބަންގްލާދޭޝް އާއި ޕާކިސްތާނުގެ ދެބަސްވުންތައް ނައްތާލުމުގެ މަޝްވަރާ ފެށިއްޖެ

Loading

April 21, 2025
profile
Facebook
Twitter
WhatsApp

ކުރީގެ ޕާކިސްތާނުން ވަކިވުމަށްޓަކައި 1971 ވަނަ އަހަރު ދެކެނު އޭޝިޔާގެ މުސްލިމް ދެ ގައުމު މިހާރުގެ ޕާކިސްތާނާއި ބަންގްލާދޭޝް އިން ކުރި ހަނގުރާމައިގާ މަރުވެދިޔަ މީހުންނާއި އަދި އިރުމަތީ ޕާކިސްތާނުގެ ގޮތުގައި ހޭދަވެގެންދިޔަ ދުވަސްވަރު ގައުމަށް ލިބުނު އާމްދަނީގެ ތެރެއިން ބަންގަލާދޭޝްއަށް ލިބެންޖެހޭ ހިއްސާއާއި ދެ ގައުމުގައި އުފެދިފައިވާ ދެކޮޅުވެރި ފިކުރުތައް ނައްތާލުމުގެ މަޝްވަރާތައް ބަންގްލާދޭޝްގެ ޑާކާގައި ފެށިއްޖެއެވެ.

ބުރާސްފަތި ދުވަހު ފެށުނު މި މަޝްވަރާތަކުގައި 1971 ގެ ހަނގުރާމައިގާ ޕާކިސްތާނު ސިފައިން ހިންގާފައިވާ ޖަރީމާތަކަށް މައާފް އެދުން ހިމެނިފައި ވެއެވެ.  އަދި 2010 ވަނައަހަރު މި މައްސަލާގައި ބޭއްވުނު އެންމެ ފުރަތަމަ ބައްދަލު ވުމުގައިވެސް މިކަމާބެހޭ  ގޮތުން ވަނީ މަޝްވަރާ ކުރެވިފައިކަމަށް އިކޮނޮމިކް ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވެއެވެ.                                                    

މިދިޔަ ބުރާސްފަތި ދުވަހު ޕާކިސްތާނާއެކު ބޭއްވި ބައްދަލުކުރުމުގައި 1971 ގެ ހަނގުރާމައިގާ ޕާކިސްތާނު ސިފައިން ހިންގި ޖަރީމާތަކަށް އާންމުކޮށް މައާފަށް އެދުންފަދަ މައްސަލަތަކާމެދު މަޝްވަރާ ކުރެވުނުކަމަށް ބަންގްލާދޭޝްގެ ފޮރިން ސެކްރެޓަރީ ވިދާޅުވެފައިވެއެވެ. ބަންގްލާދޭޝްގެ މިނިވަންކަމަށްޓަކައި ކުރި އެ ހަނގުރާމައިގާ އިންޑިއާއިން ވަރަށްބޮޑަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ވެއެވެ. އެ ހަނގުރާމައިގާ ޕާކިސްތާނު ސިފައިން ހިންގި ޖަރީމާ ތަކުގެ ތެރޭގައި ބަންގްލާދޭޝްގެ 3 މިލިއަންމީހުން މަރާލުމާއި  އަދި ދެ ލައްކަ އަންހެނުން ރޭޕްކޮށްފައިވާކަމަށް އޭރުގެ ޚަބަރުތަކުގައި ބުނެފައި ވެއެވެ.                          

ބަންގްލާދޭޝްގެ ލޯކަލް މީޑިއާގެ ޚަބަރުތަކުގައި 1071 ވަނަ އަހަރު ބަންގްލާދޭޝްގެ މިނިވަން ކަމަށްޓަކައި ކުރި ހަނގުރާމައިގާ ޕާކިސްތާނު ސިފައިން ދިން ގެއްލުމުގެ މާލީ ބަދަލަކަށް 4.52 ބިލިއަން އެމެރިކާ ޑޮލަރ ބަންގްލާދޭޝްއިން ޑިމާންޑް ކުރާކަމަށް ބުނެފައި ވެއެވެ.                                   

ބުރާސްފަތި ދުވަހު މުހަންމަދު ޔޫނުސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ޕާކިސްތާނުގެ ފޮރިން ސެކްރެޓަރީ އަމްނާ ބަލޯޗް އާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އަދި ދެ ގައުމުގެ ވިޔަފާރި އިތުރަށް ފުޅާކުރެވިދާނެ ގޮތްތައް ދެނެގަތުމާދޭތެރޭ އެމަނިކުފާނު މަޝްވަރާ ކުރެއްވިކަމަށް ބުނެފައި ވެއެވެ. އަދި ދެ ގައުމުގެ މެދުގައި ހުރި ބައެއް އުދަނގޫ މައްސަލަތައް ހައްލު ކުރެވޭނެ މަގު ހޯދަން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އެ ބައްދަލު ކުރެއްވުމުގައި މަޝްވަރާކުރެވުނު ކަމަށްވެސް ބުނެފައި ވެއެވެ.                               

ޕާކިސްތާނުގެ ޚާރިޖީ ވަޒީރުގެ ނައިބު އިސްހާގް ދަރް މި އޭޕްރިލް މަހުގެ 27 ވަނަދުވަހު ބަންގްލާދޭޝްއަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.                                             

ދާދިފަހުން ބަންގްލާދޭޝްގެ ކިޔަވާކުދިން ބާއްވަމުންގެންދިޔަ ނުރުހުމުގެ މުޒާހަރާތަކަކާގުޅިގެން މިދިޔަ އަހަރު އޯގަސްޓް މަހުގައި މަގާމުން ދުރުކުރެވުނު އޭރުގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ޒައާމަތުގައި ގައުމުގެ ވަރަށްގިނަ ދާއިރާއެއްގައި އިންޑިއާއެކު ވަރަށް ރަނގަޅު ގުޅުމެއްވަނީ އުފައްދާފައެވެ. ނަމަވެސް 2006 ވަނައަހަރު މައިކްރޯކްރެޑިޓާއި މައިކްރޯ ފައިނާންސުން ނޯބަލް ޕްރައިޒް ލިބިވަޑައިގެންނެވި ބަންގްލާދޭޝްގެ މިހާރުގެ ވަގުތީ ބޮޑުވަޒީރު މުހަންމަދު ޔޫނުސްއާއެކު އިންޑިއާގެ އެކުވެރިކަމުގައިވަނީ އިންޑިއާއިން ޝައިޚް ހަސީނާއަށް ހިމާޔަތް ދިނުމުގެ ސަބަބުން ނުތަނަވަސްކަން އުފަން ވެފައެވެ. އިންޑިއާއިން ހަސީނާ ބޭރުކުރުމަށް ޔޫނުސް އެދުމުންވެސް އިންޑިއާއިން އެދެވޭ ޖަވާބެއް ނުލިބެއެވެ.                                            

ފަހަކަށް އައިސް މުހަންމަދު ޔޫނުސް ގެންދަވަނީ ޕާކިސްތާނާއެކު ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. ފާއިތުވެގެން މިދާދުވަސްތަކުގެ ތެރޭގައި މުހަންމަދު ޔޫނުސް ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް އާއިއެކު އެތައްފަހަކު ބައްދަލު ކުރައްވާފައެވެ. އަދި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ބަންގްލާދޭޝްގެ މިލިޓްރީ އިސް ބޭފުޅުންތަކެއް ޕާކިސްތާނަށް ވަޑައިގެން އެ ގައުމުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އާސިމް މުނީރާއެކު މަޝަވަރާތަކެއްވެސް ވަނީ ބާއްވާފައެވެ. މިދިޔަ ފެބްރުއަރީމަހުގެތެރޭގައި ކަރާޗީ ސަރަހައްދުގައި އެތައް ގައުމެއް ބައިވެރިވި ކަނޑުމަތީގެ މިލިޓްރީ ތަމްރީނު ތަކެއްގައިވެސް ބަންގްލާދޭޝްއިން ވަނީ ބައިވެރި ވެފައެވެ.                                                                

ޝައިޚް ހަސީނާގެ ވެރިކަން ވައްޓާލުމަށްފަހު ބަންގްލާދޭޝްއިން ގެންދަނީ ޕާކިސްތާނާއެކު ވިޔަފާރީގެ ގުޅުން ތައާރުފް ކުރަމުންނެވެ. އަދި ބަންގްލާދޭޝްގެ ރައްވެހިންނަށް އިންޑިއާއިން މެޑިކަލް އިމަރޖެންސީ ނޫންގޮތަކަށް ވިސާ ދިނުން ހުއްޓާލުމުގެ ސަބަބުން ބަންގްލާދޭޝްގެ ރައްވެހިންނަށް ޕާކިސްތާނުން ވިސާލިބުމަށް ލުއިތަކެއް ވަނީ ތައާރުފު ކޮށްފައެވެ. ބަންގްލާދޭޝްގެ އުފެއްދުންތައް މީގެ ކުރިން އިންޑިއާގެ އެއާރޕޯރޓްތައް ބޭނުންކޮށްގެން އެކްސްޕޯރޓް ކުރަމުން ގެންދިއަ ގެންދިއުން މި ހުސްވިމަހު އިންޑިއާއިން ވަނީ އުވާލާފައެވެ. މިކަމުގެ ސަބަބުން ބަންގްލާދޭޝްގައި އުފައްދާ 39 ބިލިއަން އެމެރިކާ ޑޮލަރގެ ތައްޔާރީ ހެދުން ޔޫރަޕިއަން ޔުނިއަނަށާއި އަދި އެހެން ގައުމުތަކަށް އެކްސްޕޯރޓްކުރުމަށް އިތުރު ޚަރަދު ކުރަން ޖެހޭނެއެވެ. ޗައިނާ ފިޔަވައި ދުނިޔޭގައި އެންމެ ގިނައިން ތައްޔާރީ ހެދުން އުފައްދަނީ ބަންގްލާދޭޝްގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް