މޫދު ވިނަ އާލާކުރުމުގެ ޕްރޮޖެކްޓެއް ރާއްޖޭގައި ފަށައިފި

Loading

April 21, 2025
profile
Facebook
Twitter
WhatsApp

ފުރަތަމަ ފަހަރަށް ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢު ބ. ފެހެންދޫގައި އިފްތިތާހުކޮށްފިއެވެ.

މިއީ ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތް ފުޅާކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކޮށް މެރިކަލްޗަރ ސިނާޢަތަކީ ދިވެހިންނަށް ނަފާލިބޭ ސިނާޢަތަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެތެރޭގައި ހިމެނޭ މަޝްރޫޢުއެކެވެ. މި ސަރުކާރުން ކަނޑައަޅާފައިވާ މެރިކަލްޗަރ ފަހި ސިޔާސަތުގެ ދަށުން ވަނީ ފްލޯޓިންގ އޭކާސްއަށް 1 އަހަރު ދުވަހުގެ މުއްދަތަށް މަޝްރޫޢު ކުރިޔަށް ގެންދިއުމުގެ ހުއްދަދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

މި ހުއްދަ ދިނުމުގެ މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތް ފުޅާކުރުމުގެ ސިޔާސަތުގެ ތެރެއިން، މި މަސައްކަތް ދިރާސާކޮށް، ފުލް ސްކޭލް ޕާރމިޓެއް ދިނުމުގެ ކުރިން ހުރެދާނެ ކަންކަން ދެނެގަތުން ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.

2023 ވަނަ އަހަރު ދުނިޔޭގެ މޫދުވިނައިގެ މާރކެޓް ވެލިއު 17.14 ބިލިއަން ޑޮލަރުގައި ހުރިއިރު، 2032 ވަނަ އަހަރަށް އަންނައިރު މި އަދަދު 2 ގުނަ ވާނެކަމަށް މާހިރުން ލަފާކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ދިވެހިރާއްޖެއަކީ 99 އިންސައްތަ ކަނޑު ހިއްސާކުރާ ޤައުމަކަށްވީ ހިނދު މެރިކަލްޗަރ އާއި ގުޅުންހުރި މިފަދަ މަސްރޫއުތަކުން ރަށުގައި ތިބެގެން ދިވެހި ޒުވާނުންނާއި ކަނބަލުންނަށް އައު ވަޒީފާގެ ފުރުޞަތުތައް ހުޅުވި، ޤައުމުގެ އެކްސްޕޯޓް އާމްދަނީ އިތުރުވެ، މަސްވެރިކަމާއި ގުޅުންހުރި ދާއިރާތަކުން ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފުވުމާއިއެކު ދިވެހިންނަށް އައު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

މިގޮތުން މިއީ ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް