ޑިފެންސް މިނިސްޓަރު ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދުރަ ރާޖަޕަކްސަ އާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

މިނިސްޓަރު ސްރީލަންކާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާފައިވަނީ މި ސަރަހައްދުގެ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާބެހޭގޮތުން ރާއްޖެއާއި ސްރީލަންކާ އަދި އިންޑިއާގެ ބައިވެރިވެގެން ކުރިއަށްގެންދާ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ސްރީލަންކާ އަށް އެކަމަނާ ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރާޖަޕަކްސައާ އެކު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން ލަންކާ އާއި ގުޅިގެން ޑިފެންސް ކޯޕޮރޭޝަންގެ ދާއިރާ މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން ކޮވިޑް-19ބަލިމަޑުކަމާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވާފައިވެއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި ލަންކާގެ ބޮޑުވަޒީރުގެ އިތުރުން އިންޑިއާގެ ނޭޝަނަލްސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޮވާލްއާ ވެސް އިއްޔެ ބައްދަލުކުރައްވާފައިވެއެވެ.

މިނިސްޓަރު މާރިޔާ އަޖިތު ދޮވާލްއާ އެކު ބޭއްވި ބައްދަލުވުމުގައި އިންޑީއާ އާއި ރާއްޖެއާ ދެމެދު އުފެދިފައި އޮތް ގާތްގުޅުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މީގެ އިތުރުން ދެ ގައުމު ގުޅިގެން މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައި ވެއެވެ.

ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ މެރިޓައިމް މަޝްވަރާތައް އަލުން ފަށާފައިމިވަނީ މި މަޝްވަރާތައް މެދުކެޑިފައި އޮންނަތާ ހަ އަހަރުފަހުންނެވެ.

“ އެން.އެސް.އޭ ލެވެލް މީޓިންގ އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން“ގެ ނަމުގައި ބާއްވާ މި މަޝްވަރާތަކުގައި އިންޑިއާ ކަނޑު ސަރަހައްދަށް ސަލާމަތީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މި ތިންގައުމުގެ މަތީފަންތީގެ ސެކިއުރިޓީ އެޑްވައިޒަރުން މަޝްވަރާކުރާނެއެވެ. މި މަޝްވަރާތަކުގެ އޮބްޒާވަރުންގެ ތެރޭގައި ބަންގްލާދޭޝް، މޮރިޝަސް އަދި ސީޝެލްސް ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް