ސްރީލަންކާގެ އެއްގަމު ދަތުރުފަތުރު މިހާރު އޮތް ހާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން އަޅަން ގަސްދުކުރާ ފިޔަވަޅުތަކާބެހޭ މައުލޫމާތު އެ ގައުމުގެ ދަތުރުފަތުރާ ބެހޭ ވަޒީރުގެ ނައިބު ޑޮކްޓަރ ޕްރަސެންނާ ގުނަސޭނަ މީޑިއާތަކަށް ހާމަކޮށް ދެއްވައިފިއެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ ސްރީލަންކާގެ އެއްގަމު ދަތުރުތަކުގެ ޚިދުމަތް މިހާރު ފޯރުކޮށްދެމުން ގެންދަނީ ސަރުކާރުންނާއި އަދި އަމިއްލަ ފަރާތްތަކުން ކަމަށެވެ. އޭގެތެރެއިން އާންމު މަގުތަކުގައި %60 ބަސް އޮޕަރޭޓް ކުރަން ޖެހޭނީ އަމިއްލަ ފަރާތްތަކުން ކަމަށާއި އަދި އެކްސްޕްރެސްވޭގެ %50 ބަސް އޮޕަރޭޓް ކުރަން ޖެހޭނީވެސް އަމިއްލަ ފަރާތްތަކުން ކަމަށެވެ.
މިނިސްޓަރުގެ ނައިބު ވިދާޅުވެފައިވަނީ އާންމު މަގުތަކުގައި ސަރުކާރުން އޮޕަރޭޓް ކުރަންޖެހޭ %40 ބަސް މިވަގުތު ޚިދުމަތްދެވޭ ފެންވަރުގައި ނެތް ކަމަށެވެ. އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސްރީ ލަންކާ ޓްރާންސްޕޯރޓް ބޯރޑަށް 7400 ބަސް ބޭނުންވެފައިވާއިރު މި ވަގުތު ބޭނުންކުރެވެނީ ހަމައެކަނި 5000 ބަސްކަމަށް ވެސް ވިދާޅުވިއެވެ.
ސްރީލަންކާގެ އެއްގަމު ދަތުރުފަތުރަށް ކުރިމަތިވެފައިމިވާ ދަތި އުދަނގޫ ހާލަތުން އަރާގަތުމަށްޓަކައި ހުޅުވާލެވިފައިވާ ޓެންޑަރަކަށް ދިއުމަށްފަހު 200 ސުޕަރ ލަކްޒަރީ ބަސް ހިމެނޭގޮތުގައި އިތުރު 1000 ބަސް ގަތުމުގެ ހުއްދައަށް އެދި ސަރުކާރަށް ހުށައަޅަން ވަނީ ގަސްދުކުރެވިފައެވެ. ލިބިވަޑައިގެންފައިވާ މައުލޫމާތަށް ބަލާއިރު ލޯ-ފްލޯރ ބަހުގެ އަގު އުޅެނީ 68 މިލިއަން ރުޕީސް އަށް ކަމުގައިވެސް އެމަނކުފާނު ވަނީ ވިދާޅުވެ ފައެވެ. ލޯ-ފްލޯރ ބަސް ގަތުމަށް ހުއްދަ ލިބިއްޖެނަމަ އެ ބަސްތައް ބޭނުންކުރާނީ ސިޓީ-ލިމިޓް ތެރޭގައި ކަމަށާއި ހަމައެއާއެކު ޕާރކް-އެންޑް-ރައިޑް ގެ ނިޒާމު ތަޢާރުޕްކުރަން ރާވާފައިވާކަމަށްވެސް ވިދާޅު ވިއެވެ. ޕާރކް-އެންޑް-ރައިޑް ނިޒާމު ތަޢާރުފް ކުރުމުން އަމިއްލަފަރުދުން އެމީހުންގެ އެއްގަމުއުޅަނދުފަހަރުގައި އައިސް ކަނޑައާޅާފައިވާ ސަރަހައްދުތަކުގައި ޕާރކް ކުރުމަށްފަހު ޕަބްލިކް ޓްރާންސްޕޯރޓްގައި ސިޓީ-ސެންޓަރަށް އައިސް އަނބުރާ އަމިއްލަ އުޅަނދު ޕާރކް ކޮށްފައިއޮތް ސަރަހައްދަށް ގޮސް އުޅުމުގެ ލުއިފަސޭހަކަން ލިބިގެންދާނެއެވެ.
ބަސްދަތުރު ތަކުގައި ގެއްލުން ދައްކާ މައްސަލާގައި ސުވާލު ދެންނެވުމުން މިނިސްޓަރ ގެ ނައިބު ވިދާޅުވީ ނާޖާއިޒު ގޮތްތަކާއި ކޮރަޕްޝަން އަށަގެންފައިވަނީ ސަރުކާރާއި އަދި އަމިއްލަ ފަރާތްތަކުންވެސް ބަސްދަތުރުގެ ޚިދުމަތް ދިނުމުގައި ކަންބޮޑުވާ މިންވަރަކަށެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކައި ޓިކެޓް ގަތުމަށް ނަގުދު ފައިސާ ބޭނުން ނުކުރާގޮތް ހަމަޖައްސަން ވިސްނަވަމުން ގެންދަވާ ކަމަށެވެ.
މިނިސްޓަރގެ ނައިބު އިތުރަށް އޮޅުންފިލުވާ ދެއްވި ގޮތުގައި ލޯ-ފްލޯރ-ބަސް އަގު ބޮޑު ނަމަވެސް ސިޓި ތެރޭގައި ދުއްވުގައި އަރާފޭބުން ފަސޭހަވާނެއެވެ. އަދި އެ ބަސްތަކުގެ ދަތުރު ތަކުގައި އަގުނަގަން ވިސްނަމުން ގެންދަނީ މިހާރު ބޭނުންކުރާ އެއަރކަންޑިޝަން ކުރި ބަސްތަކާ އެއް އުސޫލަކުން ކަމަށެވެ.
ވަޒީރުންގެ މަޖިލީހުން ހުއްދަ ލިބޭތާ 36 މަސްދުވަހުގެ ތެރޭގައި އިތުރަށް ބޭނުންވާ 1000 ބަސް އެތެރެ ކުރެވޭނެކަމަށް އުންމީދު ކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.