ހޮޅުދޫ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ކަނޑަށް ވެއްޓި ގެއްލުނު ލ. މާވަށު ޒުވާނާގެ މަރު ސާބިތުކުރުމަށްފަހު އަންނަ ހުކުރު ދުވަހު ކަށުނަމާދު ކުރަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވީ މާވަށު ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ އަލީ މުޝްފިޤުގެ މަރު ސާބިތުކުރުމަށްފަހު އަންނަ ހުކުރު ދުވަހު ކަށުނަމާދު ކުރަން ނިންމާފައިވާ ކަމަށެވެ. މިނިސްޓަރު މިހެން ވިދާޅުވެފައި މި ވަނީ މާވަށު ކައުންސިލުން މުޝްފިގުގެ ކަށުނަމާދު މިއަދު ކުރަން އިއުލާނުކޮށްފައި ވަނިކޮށެވެ.
މިނިސްޓަރު ވިދާޅުވީ މުޝްފިޤުގެ ޢާއިލާއާ ވާހަކަދައްކާފައިވާ ކަމަށާއި ހާދިސާއާ ގުޅިގެން އިސްލާމީ ޝަރީޢަތުގައި އޮތް ގޮތައް އަމަލުކޮށް، ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރާނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މުޝްފިޤުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރާނެ ކަމަށާއި މުޝްފިޤަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެއް ކަމަށެވެ.
އަދި މުޝްފިގަކީ އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެއް ކަމަށާއި އޭނާ ގެއްލުނު ހާދިސާއަކީ އެ ޢާއިލާގެ އިތުރުން އެންމެންނަށް ލިބުނު ހިތާމައެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.