ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުން ބޮޑު އަގުގައި ޑޮލަރު ގަންނަންޖެހޭ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ދަރިވަރުން އެދޭކަމަށާއި މި މައްސަލައަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް ފިނޭންސް މިނިސްޓަރަށް ދަންނަވައިގެން، އެކަމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.
މި މަސައްކަތްތައް ކުރިއަށް ދަނީ ގަވަރުނަރުގެ މަޝްވަރާއާ އެކުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއް ވާނީ، ރާއްޖޭގެ ބާޒާރަށްވެސް އެ ކަމުން ނުރަނގަޅު އަސަރެއް ނުފޯރާ ގޮތަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ލިބި، އެ ފައިސާ ބޭނުން ކުރެވެން ވާނީ އެ ދަރިވަރަކު ކިޔަވަމުންދާ ޤައުމެއްގައިކަމަށް ރައީސް ވިދާޅުވިއެވެ.
ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށް އެ ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ވިދާޅުވެފައެވެ.