އިސްލާމީ ޝަރީއަތް ނުދަންނަ މީހުންގެ ސަބަބުން އަންހެނުންނަށް ކުރިމަތިވާ ވޭނާއި ކެކުޅުންތައް ގިނަ: ޚުތުބާ

Loading

Facebook
Twitter
WhatsApp

އިސްލާމީ ޝަރީއަތުގެ ހަގީގަތާއި އޭގެ ހަރުދަނާ އުސޫލްތައް ނުދަންނަ މީހުންގެ ސަބަބުން އަންހެނުންނަށް ކުރިމަތިވާ ވޭންތަކާއި ކެކުޅުންތައް ގިނަކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

އާއިލީގުޅުން ހަރުދަނާ ކުރުމުގެ މައުޟޫއަށް ޚާއްސަ ކޮށްގެން މިއަދު އިއްވި ޚުތުބާގައި ބުނީ ޖާހިލިއްޔާ ޒަމާނުގައި އަންހެނުންނަށް ކުރިމަތިވީފަދަ ބޮޑެތި އަނިޔާތަށް މިހާރުވެސް ވަމުންދާކަަމަށެވެ.

“ ޖާހިލީ ޒަމާނުގައި އަންހެނުން ވީ ފަދައިން އެކަނބަލުން މިއަދު ވެސް ދަނީ ބޮޑެތި އަނިޔާތަކަކާ ކުރިމަތިލަމުން. މޮޑެތި ތުރާތަކެއް ތަހައްމަލް ކުރަމުން. މީހަކާ އިނުމުގެ ކުރިންނާއި މީހަކާ އިނުމަށް ފަހުގައިވެސް އިސްލާމީ ޝަރީއަތުގެ ހަގީގަތާއި އޭގެ ހަރުދަނާ އުސޫލުތައް ނުދަންނަ މީހުންގެ ސަބަބުން އެނކަބަލުންނަށް ކުރިމަތިވާ ވޭންތަކާއި ކެކުޅުންތައް ގިނަގުނަ“ ޚުތުބާގައި ބުންޏެވެ.

ފިރިހެނަކަށްވިޔަސް އަންހެނަކަށް ވިއަސް އެއްވެސް ބާވަތެއްގެ ގޯނާއެއް އަނިޔާއެއް ކުރުމީ މާތްﷲ ހަރާމްކުރައްވާފައިވާ ކަން ފާހަގަކޮށް ޚުތުބާގައި ވަނީ މިފަދަ އަނިޔާތަށް ކުރުމާ ދެކޮޅަށް ކީރިތި ގުރުއާނުންނާއި ރަސޫލާގެ ހަދީސްްފުޅުތަކުން ހެކިދައްކަވާފަ އެވެ.

“ މުއުމިނުންކުރެ އީމާންކަމުގައި އެންމެ ފުރިހަމަ މީހަކީ އެބައިމީހުންގެ ތެރެއިން އެންމެ ޚުލްގު ހެޔޮ މީހާ. އަދި ތިޔަބައިމީހުންގެ ތެރެއިން އެންެމެ ހެޔޮމީހާކީ އޭނާގެ އަނބިމީހާ އަށް އެންމެ ހެޔޮމީހާ“ ޚުތުބާގައި އިއްވި ހަދީސެއްގެ މާނަގައިވެއެވެ.

 

ޚުތުބާގައި ބުނީ އަނިޔާވެރިވުމާއި ގޯނާކުރުމަކީ މުޖުތަމައުއާއި އާއިލާތަކަށް ގެއްލުންހުރި ހަޑިހުތުރު އަމަލެއްކަމާށާއި ނަމަވެސް މަގުމަތީގައްޔާއި އޮފީސް އޮފީހުގައި މީސްމީހުންނަށް ގޯނާކުރުމަކީ މިއަދު މުޅިމުޖުތަމައުގައި ފެތުރިފައިވާ ވަބާއެއްކަމަށެވެ.

ޚުތުބާގައިވަނީ މިފަދަ އަމަލުތައްކުރުމަށް ބިރުދެއްކުމަކީީ ނިރުބަވެރިން ކަމަށް ވެސް ސިފަކޮށްފައެވެ.

“ މަގުމަތީގައި ނުވަތަ އޮފީހުގައި މީހަކު ބޭނުންވާ ނުބައި މަގުސަދެއް ހާސިލްކުރުމަށްޓަކައި މުއައްޒަފަކަށް ބިރުދެއްކުމަކީ ނިރުބަވެރި އަމަލެއް. އެއީ މާތްﷲ މަނާ ކުރައްވާފައިވާ ކަމެއް.“

ޚުތުބާގައި ފާހަގަކުރި ގޮތުގައި އެކިއެކި އަނިޔާއަށް ހުށަހެޅޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މަސްތުވާތަކެތި ހިމެނެއެވެ. މަސްތުވާތަކެތީގެ ސަބަބުން އީމާންކަން ނެތިގެންގޮސް ޝައިތާނާގެ ޝިކާރައަކަށްވެ ކެހިވެރިކަމުގެ ދަލުގައިޖެހިއްޖެނަމަ ނުކުރާނެ ނުބައިކަމެއް ނޯންނާނެ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ގެވެށި އަނިޔާގެ ސަބަބުން އިޖްތިމާއީ ފޭރާން ވީދި މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެކަން ހަނދާންކޮށްދިނުމާއެކު މިއަދުގެ ޚުތުބާގައިވަނީ ކުޑަކުދިން ހައްގުތަށް ހިމާޔަތްކުރުމަކީ ކިހާ މުހިންމުކަމެއްކަން ވެސް ކީރިތި ގުރުއާނާއި ރަސޫލާ ހަދީސް ފުޅުތަކުން ބަޔާންކޮށްދީފައެވެ.

”މުދަލާއި ދަރީންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ“ ޚުތުބާގައި އިއްވި މާތްﷲ ވަހީބަސްފުޅެއްގެ މާނައިގައި ވެއެވެ. އަދި މީގެއިތުން ކީރިތި ރަސޫލާ ކުޑަކުދިން ސިފަކޮށްދެއްވާފައިވަނީ ސުވަރުގެ ފަދަ ތަނެއްގެ ގޮތުގައިކަން ފާހަގަކޮށް ޚުތުބާގައި ވަނީ އެކަލޭގެފާނުގެ ހަދީސްފުޅު އިއްވާފައެވެ. ހަދީސްފުޅުގެ މާނައިގައި ވެއެވެ. “ ކުޑަކުދިންނަކީ ސުވަރުގޭގެ ކޮކާތަކެވެ.“

ކީރިތި ރަސޫލާގެ އެންމެފަހުގެ ވަސިއްޔަތްތަކުގެ ތެރޭގައި އަންހެނުންނަށް ހެޔޮކޮށްހިތުމަށް ވަސިއްޔަތްކޮށްފައިވާކަން ހަނދުމަކޮށްދީ މިއަދުގެ ޚުތުބާގައިވަނީ އަންނުންނަށާއި ކުޑަކުދިންނަށް އޯގާތެރިވުމަށް ނަސޭހަތްތެރިވެފައެވެ.

ގެވެށި އަނިޔާއާއިދެކޮޅަށް މިއަދުގެ ޚުތުބާ އިއްވާފައިވާފައި މިވަނީ ގެވެށި އަނިޔާގެ ބޮޑު މައްސަލައެއްފެންމަތިވެފައިވާ ވަގުތެއްގައެވެ. ރުގުޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ބޮޑެތި އަނިޔާތަކެއް ކުރި މައްސަލެއް މިދިޔަ ހަފްތާގައި ފެންމަތިވެ ގިނަ ރައްޔިތުންތަކެއް އަންނަނީ ސޯޝަލް މީޑިއާގައި އެކަމާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުންނެވެ.

Loading

One Response

  1. އިސްލާމީ ޝަރިޢަތް ނުދަންނަމީހުނަށް އިސްލާމީ ގައުމުތަކުގެ ވެރިކަމަށް އައުމަށް އިސްލާންކަންމަތީތިބެ ވޯޓުވިއްކައި ސަޕޯޓުދިނުން އެއީ ކިހާވަރެއްގެ ގޯސްކަމެއްތޯއެވެ. އެބައި ދެން އަންނަ ހުކުރެއްގައި ވިދާޅުވެދެއްވުން އެދެމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް