އީރާނުގެ ނިއުކްލިއަރ މަޝްރޫއާ ގުޅޭގޮތުން އެމެރިކާއާއެކު ސީދާ މަޝަވަރާކުރުން ނޫން އެހެންގޮތެއް އީރާނަށް ނޯންނާނެކަމަށް އެމެރިކާގެ ރައީސް ވިދާޅުވަމުން ގެންދަވާއިރު އީރާނުން ބުނަމުންގެންދަނީ އޮމާން މެދުވެރިކޮށް ނޫނީ އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރެވޭނެ ކަމަށެވެ. އެމެރިކާއާއެކު ސީދާ މަޝްވަރާއަށް އީރާނުން ނުދާނެކަމަށް ބާރު އެޅުމުގެގޮތުން އީރާނުން ބުނަމުންގެންދަނީ މަޝްވަރާ ކުރުމުގެ ނަމުގައި އެމެރިކާއާއެކު އެއްކޮޓަރިއަށްވެސް ނުވަންނާނެ ކަމަށެވެ. އެމެރިކާއާއެކު މެދުވެރިއަކުނެތި މަޝްވަރާއަށް އައުމަށް އިންކާރު ކުރާނަމަ އީރާނުން ދުވަހަކުވެސް ތަޖްރިބާކޮށްފައިނުވާ މިންވަރަކަށް މިފަހަރު އެ ގައުމަށް ބޮން އެޅުމުން ލިބޭ ގެއްލުންތަކާ ކުރިމަތިލާންޖެހޭނެކަމަށް އެމެރިކާގެ ރައީސް ގެންދަވަނީ އިންޒާރު ދެއްވަމުންނެވެ.
އޮމާނަކީ ވަރަށްކުރިއްސުރެން އެމެރިކާއާއި އީރާނުގެ ދެކޮޅުވެރިކަން ނިމުމަކަށް ގެނެވޭތޯ މަސައްކަތްކުރަމުންގެންދާ ގައުމެކެވެ. އެ 2 ގައުމުގެ ދެކޮޅުވެރިކަން ނެތިކޮށްލެވޭނެ މަގެއް ހޯދުމަށްޓަކައި އެތައްފަހަރަކު މެދުވެރިއެއްގެ ދައުރުވެސް އޮމާނުން ވަނީ އަދާކޮށްފައެވެ. އީރާނުން ދެކޭގޮތުގައި މެދުވެރިއަކު ބައިވެރި ކޮށްގެން މަޝްވަރާކުރުމުން އެމެރިކާގެ މަކަރުވެރި ރޭވުންތައް ދުނިޔެއަށް ރަނގަޅަށް ހާމަވެގެން ދާނެއެވެ.
އެމެރިކާއާއި އީރާނުގެ ދެކޮޅުވެރިކަމަށް ފިނިކަމެއް ލިބިދާނެކަމަށް ނުބެލެވޭ މި ދަނޑިވަޅުގައި ސައޫދީ އެރޭބިޔާއާއި އިރާގާއި ކުވައިތާއި އެމިރެޓްސް އާއި ގަތަރާއި ބަހްރައިނާއި އަދި ތުރުކީއަށް އީރާނުންވަނީ އިންޒާރުދީފައެވެ. އެ ގައުމުތަކުގައި ހުރި އެމެރިކާގެ މިލިޓްރީ ބޭސްތަކަކީ އީރާނުގެ ފަޔަރިންގ ރޭންޖުގައި ހުރި ތަންތަން ކަމަށާއި އެމެރިކާއިން އީރާނަށް ހަމަލާއެއް ދިނުމަށް އެއިން މިލިޓްރީ ބޭސް އެއް ނުވަތަ އެއިން ގައުމެއްގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދީފިނަމަ އީރާނުން ދެކޭނީ އީރާނާ ދެކޮޅަށް އެމެރިކާއާއެކު ބައިވެރިވީ ކަމަށާއި އީރާނުން އެއިން ގައުމަކަށް ހަމަލާ ދިނުމުގައި ދެވަނަ ވިސްނުމަކަށް ނުދާނެ ކަމަށެވެ.
ރޮއިޓާރސްއިން އެ ގައުމުތަކުގެ ޖަވާބަކަށް އެދި ދެންނެވުމުން ތުރުކީން ފިޔަވައި އެހެން ގައުމަކުން ޖަވާބެއް ނުދެއްވިއެވެ. ތުރުކީގެ ޚާރިޖިއްޔާއިން ވިދާޅުވެފައިވަނީ އެފަދަ އިންޒާރެއް ލިބިފައިނުވާކަމަށާއި އެކަމަކު އެބާވަތުގެ އިންޒާރު ލިބޭނެ އެހެން ވަސީލަތް ތައްވެސް ހުރެދާނެ ކަމަށެވެ.
ގަލްފުގެ ގިނަގައުމުތަކަކީ އީރާނާއެކު ކަނޑުގެމަގުން ގުޅިފައިވާގައުމު ތަކެކެވެ. އެމެރިކާއާއި އީރާނުގެ ދެކޮޅުވެރިކަން ހަމަޖެހުމަކަށް ނައިސް ދެކޮޅުވެރިކަން ނުރައކާތެރި ހިސާބަކަށް ދިއުމުގެ ސަބަބުން ގަލްފުގެ ގައުމުތަކުން މިހާރު ތިބީ ހަދާނެގޮތް ހުސްވެފައެވެ.
ނުރައްކާތެރި ހަނގުރާމައެއްގެ ބިރުވެރިކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދާއިރު އެމެރިކާ މިލިޓްރީގެ ޖޮއިންޓް-ޗީފްގެ މަގާމަށް އެމެރިކާގެ ރައީސް ޓްރަމްޕް އިޚްތިޔާރު ކުރައްވާފާނެކަމަށްބެލެވޭ ލެފްޓިނެންޓް ޖެނެރަލް ޑޭން ކެއިން ކޮންގްރެސްގައި ހަމައެކަނި މިލިޓްރީގޮތުން ބިރުދެއްކުމަކުން އީރާން ނުގުޑާނެ ކަމަށާއި އިގްތިސާދީ އަދި ސިޔާސީ ގޮތުން މި ދެކޮޅުވެރިކަން ހައްލުކުރުމަށް ބާރުއަޅަމުން ވާހަކަ ދައްކައިފިއެވެ.
މިލިޓްރީ ގިނަ ތަޖްރިބާކާރުންގެ ނަޒަރުގައި އެމެރިކާއިން އީރާނަށް ހަމަލާ ދިނުމަކީ މެދުއިރުމަތީގައި އެމެރިކާގެ މަސްލަހަތައްޓަކައި ބުއްދިވެރިކަމެއް ނޫނެވެ. މެދުއިރުމަތީގައި އެމެރިކާގެ އެކުވެރި ގިނަ ގައުމުތަކެއް ހުރުމާއި އެ ގައުމުތަކަށް ގެއްލުން ލިބުމަކީ އެމެރިކާއިން އެދޭނެކަމެއް ނޫނެވެ. އަދި އެ ގައުމުތަކުގައި ހުރި އެމެރިކާގެ މިލިޓްރީ ވަސީލަތްތައް ބެލެހެއްޓުމަށްޓަކައި ބައިލައްކައަށްވުރެން ގިނަ ސިފައިން ތިބެއެވެ. އެއިން ކޮންމެ މިލިޓްރީ ބޭސް އަކީ އީރާނުން ފަސޭހަކަމާއެކު އަމާޒުކުރެވިދާނެ ތަންތަނެވެ. އަދި އީރާނުން ދީފާނެ ހަމަލާތަކެއްގެ ސަބަބުން ގަލްފުގެ ގައުމުތަކުގެ އިގްތިސާދަށް އިއާދަނުކުރެވޭވަރުގެ ގެއްލުން ކުރިމަތިވުން ވަރަށް ކައިރިއެވެ.
ހަނގުރާމައިގެ ހާލަތު ދިރާސާ ކުރަމުންގެންދާ ބައެއް ކްރިޓިކްސް ދެކޭގޮތުގައި އެމެރިކާއާއި އިނގިރޭސިންގެ ކަނޑުގެ ލަޝްކަރުތަކުން ހޫތީ މުޖާހިދުން މައިތިރި ނުކުރެވިގެން އުޅޭއިރު އީރާނާ ކުރިމަތިލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އޭގެ ތެރޭގައި ހިމެނޭ އެމެރިކާގެ ބައެއް މިލިޓްރީ ތަޖްރިބާކާރުން ބުނަމުންގެންދަނީ އެމެރިކާއިން ބޭނުންވާގޮތަށް އަފްގާނިސްތާނު ބައްޓަން ކުރުމަށްޓަކައި އެއް ޓްރިލިއަން ޑޮލަރއަށްވުރެން ގިނައިން ޚަރަދުކޮށް އެމެރިކާ ސިފައިންގެ އެތައްބަޔަކު މަރުވެގޮސް އަދި އަފްގާން އާންމުރައްޔިތުންގެ ގިނަބަޔަކު މަރާލުން ފިޔަވައި އެމެރިކާއަށް ޙާސިލުކުރެވުނު އެކައްޗެއްވެސް ނެތްކަމަށެވެ.
މިދިޔަ ބުދަދުވަހު މޮސްކޯއިން ރޮއިޓާރސް ދީފައިވާ ޚަބަރުތަކުގައި ބުނެފައިވަނީ އެމެރިކާއިން އީރާނަށް ހަމަލާދޭނަން އީރާނަށް ބޮން އަޅާނަން ކިޔާއަޑުއިވިއިވި ދުނިޔެ ފޫހިވެއްޖެ ކަމަށެވެ. ކްރެމްލިންގެ ރަސްމީ ތަރުޖަމާނު ދިމިތުރީ ޕެސްކޯވް ވިދާޅުވެފައިވަނީ އެމެރިކާގެ ހަރުކަށި ބަހުރުވަ މޮސްކޯއަށްވެސް ފާހަގަކުރެވޭ ކަމަށާއި އީރާނުންވެސް ގެންދަނީ އެގައުމު ހިމާޔަތްކުރެވޭނެ ގޮތްތައް ހޯދަމުން ކަމަށެވެ. އީރާނުން ދެކޮޅުވެރިކަން ބޭނުންނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ދިމިތުރީ ޕެސްކޯވްގެ ވާހަކަށްފުޅަށް ބާރުލިބޭގޮތަށް ރަޝިޔާ ޚާރިޖިއްޔާގެ ތަރުޖަމާނު މާރިޔާ ޒަޚަރޯވާ ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އީރާނުގެ ނިއުކްލިއަރ މަޝްރޫއު ފެށިފައިވަނީ އެމެރިކާގެ އެއްބާރުލުމާއެކު 1950 ވަނަ އަހަރުގައެވެ. އެހެންނަމަވެސް 1979 ގެ އިންގިލާބަށްފަހު އެމެރިކާއާއި އީރާނުގެ ގުޅުން ކެނޑިގެންގޮސް ދެކޮޅުވެރި ދުޝްމަނުންކަމުގައިވަނީ ވެފައެވެ.