މައިދައިތަ

Loading

April 9, 2025
profile
Facebook
Twitter
WhatsApp

އަހަރެންނަށް ކަންފަތްދެވުނީ ކައިރީގައިހުރި ދައްތައަކު ފޯނުން ދައްކަމުންދިޔަ ވާހަކައަކަށެވެ. އެކޮޅުން ވާހަކަދެއްކީ ކާކުކަން ނޭނގުނުނަމަވެސް އެއީ ދައްތައާ އާއިލީ ގުޅުމެއް އޮތް، މަޖާ މިޒާޖެއްގެ މީހެއްކަން އެނގުނެވެ.

ކައިރީގައި ތިބޭ ބަޔަކު ކޮންމެ ވާހަކައެއް ދެއްކިއަސް އަހަރެންނަކީ އަހަރެންނާ ނުބެހޭ ވާހަކަތައް އަޑުއަހާހިތްވާ މީހެއް ނޫނެވެ. ގިނަފަހަރަށް އެކަހަލަ ވާހަކަތައް އަހަރެންނަށް އަޑެއް ނުވެސް އިވޭނެއެވެ. ދެއްކީ ކޮން ވާހަކައެއްކަން ނޭނގޭތަނުގައި ދެކެވުނީ ކޮންކަމަކާބެހޭ ވާހަކައެއް ކަމެއްވެސް ނޭނގޭނެއެވެ.

ނަމަވެސް އެދައްތަ ދައްކަމުންދިޔަ ވާހަކަ އަހަރެންގެ ސަމާލުކަމަށް އައިހިސާބުން އަހަރެންނަށް އެ ވާހަކަތަކަށް ސަމާލުވެ އަޑުއަހަން ފެށުނެވެ. ވާހަކައިގެ ތެރޭން ފެށުނު މައުޟޫޢަކުން ކަމަށް ވެދާނެއެވެ.

ދެއްކީ ދައްތަގެ ޅީދަރިންގެ ވާހަކައެވެ. ދަރިން އިނދެވަރިކޮށްފައި ތިބި މީހުންގެ ވާހަކައެވެ. ބައެއް ދަރިން ތިބީ ތިން ހަތަރު މީހުންނާ އިނދެވަރިކޮށްފައެވެ. ވަރިކުރި ބައެއް މީހުން މިހާރު ތިބީ އެހެން މީހުންނާ އިނދެ ދަރިންވެސް ލިބިފައެވެ.

”ހިނގާބަލަ އެރަށަށް ޖައްސާލަން. ހިލޭ ބައިތިއްބާނެ. ވަރަށް ހެޔޮވާނެ އެމީހުންގެ އާއިލާ އެންމެންވެސް.“ ވާހަކައިގެ ތެރޭން އެ ދައްތަ ބުނިއަޑު އެހީމެވެ.

އެ ދެއްކީ އެ ދައްތަގެ ދަރިއަކު އިނދެވަރިކޮށްފައިވާ، މިހާރު އެހެން ދިރިއުޅުމެއް ފަށައިގެން އުޅޭ މީހެއްގެ ވާހަކައެވެ. އެ ދައްތައަށް މާމަކިޔާ ކުދިން އެމީހާގެ ތިބެއެވެ. ދަރިފުޅާ ދެމީހުން މައްސަލަޖެހިގެން ވަރިވެފައި ތިއްބަސް އެ ދައްތަ ދުށީ އެއީ ހަމަ އަމިއްލަ ދަރިއެއް ކަމަށެވެ.

އަނެއްކާވެސް ފެށީ އެ ދައްތަގެ ދަރިއަކާ އިނދެވަރިވެފައިވާ އެހެން މީހެއްގެ ވާހަކައެވެ. މުޅިންވެސް ހެޔޮ ވާހަކައެވެ. މުޅިންވެސް ތައުރީފުގެ ބަސްތަކެވެ.

”ވަރަށް ހެޔޮވާނެ. އެހެން މީހަކާ އިނދެގެން ދަރިންވެސް ތިބޭ މިހާރު. އެކަމަކު މަންމަ ނޫން އެއްޗެއްވެސް ނުކިޔާނެ.“ އަހަރެންގެ ހިތުގައި ބިންވަޅުނެގުނީ އެންމެފަހުން އެ ބުނި ޖުމުލައެވެ.

ހިތަށްއެރިއެވެ. މިއީ ކޮންކަހަލަ އިންސާނެއް ބާވައެވެ! ތައުރީފުގެ ބަސްތައް ނޫނީ ބުނަންވެސް ނޭނގޭ މީހަކީހެއްޔެވެ؟ މީހުން ބުނެއެވެ. މައިދައިތައިންނަކީ ޅީދަރިންނާމެދު ވަރަށް ހިތްނުބައި ބައެކެވެ. ނަމަވެސް އެ ދައްތަގެ ނުވަ ދަރިންނާއި ދެ ދޮންދަރިން ތިބިއިރުވެސް މީހަކާމެދު ނުބައި ބަހެއް ނުބުނެއެވެ. ހައްތަހާވެސް ބުނެއުޅެނީ ތައުރީފުގެ ބަސްބަހެވެ.

އަހަރެންނަށް ހިތާހިތުން ހެޔޮ ދުޢާ ކުރެވުނެވެ. އެ ދައްތައަށް ހެޔޮ ރަޙުމަތް ލައްވާށިއެވެ! އެފަދަ މައިދައިތައެއް އަހަރެމެން ކޮންމެ މީހަކަށްވެސް ދެއްވާށިއެވެ!

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް