ނާތަޙްޒީބު ރަށެއްގައި އުޅެބޮޑުވި ބައްޕަ އަކާއި އޭނާގެ 15 އަހަރުގެ ފިރިހެން ދަރިފުޅު އަލީ ފުރަތަމަ ފަހަރަށް ވެރިރަށަށް އައި ދުވަހެކެވެ. ލޯންޗުން ފައިބައިގެން އެދެމީހުންނަށް ތިބީ ހިނގައިގަންނަން ވެސް ނޭގިފައެވެ.ރީތި އުސް އިމާރާތްތަކާއި އަދި ވެހިކަލްތައް ގިނަ ކަމުންނެވެ.
އެމީހުންގެ ރަށުގައިވަނީ ބޮޑެތި ފެހި ދަނޑުތަކާއި އަދި އަމާން އޮމާން މަގުތަކެވެ.ބޮޑުވަރަކަށް ފެންނާނީ ސައިކަލެކެވެ.ނަމަވެސް މިތަނުން ފެންނަ ކުލަކުލައިގެ ރީތި ކާރުތައްވެސް ގިނަކަމުންނާއި ދުއްވާލެއް ބާރުކަމުން ދެބަފައިން ތިބީ ތަލިން ކުޅު ހިކިފައެވެ.
ދެބަފައިން އަތުގައި ހިފައިގެން މަޑުމަޑުން މަގުގެ އަރިއަރިމަތިން ހިނގާފަ ކުރިޔަށް ދެވޭތޯ ބެލިއެވެ. ރަށުތެރެބަލާލުމުގެ މަގުސަދުގައެވެ.ތަންގަނޑަކަށް ދިޔަތަނާ މީހުން މާގިނަ އަދަދަކަށް ވަދެ ނިކުމެ ވާބޮޑު އިމާރާތެއް ފެނިއްޖެއެވެ.އެތަނުގެ ވަންނަ ދޮރު ހުރީ ތަންމިނަށް ހުޅުވާފައެވެ. އެހެން ކަމުން ދަތިކަމެއްނެތި ވަންނަ މީހުންނާ ނިކުންނަ މީހުން ދެކޮޅަށް ހިނގަމުން ދެއެވެ.ނިކުންނަ މީހުންގެ އަތުގައި އެއްޗެތި އަޅާފައިވާ ކޮތަޅެއް އޮވެއެވެ. އިމާރާތުގެ ދޮރުމަތީވެސް މީހުންނަށް މަޑުކޮށްލެވޭގޮތަށް ފުޅާ ސަރަހައްދެއް ވެއެވެ.
ހައިރާންވެގެން ދެބަފައިން އެތަނުގެ ދޮރުމައްޗަށްގޮސް އެތެރެޔަށް ބަލަހައްޓައިގެން ތިއްބެވެ.ވިސްނާލިއިރު މިތަނުގައިވަނީ ފިހާރަތަކެކެވެ.ބޮޑެތި ބިއްލޫރި ބިއްތައްލާ، މުދަލުން ފުރާލާފައިވާ ފިހާރަތަކެވެ.މައްޗަށާ ތިރިޔަށް ދުވާދެސިޑި ހުރިއިރު މީހުންގޮސް ސިޑިޔަށް އެރުމުން އަޑެއްވެސް އިއްވާނުލާސިޑި ދުއްވައިގަނެއެވެ.
ދެމީހުން ބަލަހައްޓައިގެން ތިއްބާ އެތެރޭން އަދި މާހައިރާން ވާކަހަލަ ތަނެއް ފެނިއްޖެ އެވެ. ރިހި ކުލައިގައިވާ ހުޅުވާލެއްޕޭ ދެދޮރެވެ. މީހުންގޮސް އެތަނުގެ ކުރިމައްޗަށް ހުއްޓިފަ ފިތަކަށް ފިއްތާލީމަ ދެދޮރު ހުޅުވެއެވެ.އަދި މީހުން ވަނުމުން ދާދި އަވަހަށް ލެއްޕެއެވެ.
އަލީ ބައްޕަކުރެން އެއީ ކޮން ތަނެއްތޯ އެހިއެވެ.ނަމަވެސް ބައްޕަޔަށްވެސް ނޭގޭކަމަށް ބުނެ ދެކޮނޑު އަރުވާލިއެވެ.
ދެމީހުން ބަލަން ތިއްބާ ފުރޮޅުލީ ގޮނޑިއެއްގައި އައި އުމުރުން ދުވަސްވީ އަންހެނަކު އެއްކަލަ ދޮރު ކައިރިޔަށް އައިސް ފިތަކަށް ފިތާލުމުން ދޮރުހުޅުވުނެވެ.އަންހެން މީހާ އަރާފަ ދޮރު ލެއްޕުމުން ދޮރުކައިރީގައިވާ ނަމްބަރުތައް ބަދަލުވަމުން ދިޔައެވެ. ނަމްބަރުތައް ދިޔައީ އިތުރުވަމުންނެވެ. އިރުކޮޅަކުން ނަމްބަރުތައް ހުއްޓިއްޖެއެވެ. އަނެއްކާވެސް އިރުކޮޅެއް ވުމަށްފަހު ނަމްބަރުތައް ބަދަލުވާން ފެށިއެވެ. މިފަހަރު ނަމްބަރުތައް ދިޔައީ ދަށަށެވެ.އަދި އިރުކޮޅަކުން އެއްކަލަ ރިހިކުލައިގެ ދެދޮރު ހުޅުވުމަށްފަހު މުސްކުޅި އަންހެން މީހާގެ ބަދަލުގައި ނިކުތީ ޒުވާން ރީތި އަންހެން ކުއްޖެކެވެ. ފިލްމް ތަކުގައި އުޅޭކަހަލަ ރީތި އަންހެން ކުއްޖެކެވެ.
މިތަންފެނި އަލީގެ އަނގަ ހުޅުވިގެން ދިޔައިރު އޭނަގެ ބައްޕަގެ ދެލޯބޮޑުވެ އާޝޯޚް ވެފައި ހުއްޓެވެ. އަދި މަޑުމަޑުން އަލީގެ ކަންފަތް ކައިރީ ބުންޏެވެ. ”އެތަނަށް ވައްދަން އަވަހަށް ރަށަށް ގޮސް މަންމަ ގޮވައިގެން އަންނަމާ ހިނގާށެވެ.“