ޤައިދީންނާއި ބަންދުމީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީ ގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ 10 ޢާއިލާއަކަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ކަރެކްޝަނުން މިއަދު ބުނީ މިއީ 1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ގުޅުވައިގެން އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ފަރާތުން ފައިސާ އެއްކޮށް ހިންގި ހަރަކާތެއް ކަމަށެވެ. އެގޮތުން އެ ފައިސާއިން އެ ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނާއި ބަންދުމީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ 10 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ކަރެކްޝަނުން ހާމަކޮށްފައި ވެއެވެ.
އެ އާއިލާތަކުގެ ތެރެއިން ކޮންމެ ޢާއިލާއަކަށް 2،220 ރ (ދެހާސް ދުވިސްތަ ވިހި) ރުފިޔާގެ މަގުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ކަރެކްޝަނުން ހާމަކުރެއެވެ.
ރަމަޟާން މަހުގެ ޚާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ ދަށުން ހުޅުވާލި ފުރުސަތުގައި، އެ ޕްރޮގްރާމްއަށް އެދި ފޯމް ހުށަހަޅާފައިވަނީ ޖުމްލަ 21 ފަރާތުންނެވެ. އޭގެ ތެރެއިން ކަރެކްޝަނުން ކަނޑައެޅިފައިވާ ޝަރުޠުތައް ހަމަވެފައި ވަނީ ޖުމްލަ 10 ޢާއިލާއެވެ. ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ގެންދާތާ މަދުވެގެން 5 އަހަރު ހޭދަކޮށްފައިވުމާއި 18 އަހަރު ނުފުރޭ ކުދިން ތިބުމާއި ޢާމްދަނީ ލިބޭމިންވަރު ހިމެނެއެވެ.
ރަމަޟާން މަހުގެ ޚާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ޖަލުގައި ތިބޭ ޤައިދީންނާއި ބަންދުމީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީގޮތުން ފުދުންތެރިކަން ދަތި އާއިލާ ތަކަށް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންގެ ފަރާތުން ވެދެވެންހުރި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.