14 ގައުމަކަށް ސައޫދީ ވިސާދިނުން މެދު ކަނޑާލަނީ

Loading

Facebook
Twitter
WhatsApp

ހައްޖު މޫސުން ކުރިމަތިވެފައި ވަނިކޮށް، އިންޑިޔާ ހިމެނޭ ގޮތުން 14 ގައުމެއްގެ ރައްޔިތުންނަށް ސައޫދީ އަށް އެރުމަށް ވިސާ ދިނުން މެދުކަނޑާލުމަށް އެގައުމުން ނިންމައިފިއެވެ. އެޕްރިލް 13 ވަނަ ދުވަހުން ފެށިގެން ހައްޖުގެ އަޅުކަން ނިމޭހާތަން ކަމަށްވާ ޖޫންމަހުގެ މެދަކާ ހަމަޔަށް ދަންދެން ދެމިއޮންނާނެ ފިޔަވަޅުގެ ދަށުން އެސާދަ ގައުމުގެ މީހުންނަށް ހައްޖު، އުމްރާ، ބިޒްނަސް އަދި ފެމިލީ ވިސިޓް ވިސާ ދޫނުކުރާ ގޮތަށް ވަނީ ނިންމާފައެވެ.


ސައޫދީ ސަރުކާރުން މިފަދަ ފިޔަވަޅެއްއަޅާފައިވަނީ ހައްޖުގެ ދުވަސްވަރު ބައިބޯވުން ކޮންޓްރޯލް ކުރުމަށާ އަދި ސަލާމަތީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް ވެއެވެ. ސައޫދީ ސަރުކާރުން ނިންމާފައިވަނީ އައު ގަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން އެޕްރިލް 13 ވަނަ ދުވަހާ ހަމަޔަށް މިގައުމުތަކުގެ މީހުންނަށް އުމްރާ ވިސާ ދޫކުރާ ގޮތަށެވެ.
ހައްޖު އަދި އުމްރާ ވިސާ މެދުކަނޑާލި ގައުމު ތަކުގެ ތެރޭގައި ހިމެނެނީ އަލްޖީރިޔާ،ބަންގްލާދޭޝް މިސްރު،އިތިއޯޕިޔާ، އިންޑިޔާ، އިންޑޮނީޝިޔާ، އިރާގް، ޖޯޑްން، މޮރޯކޯ، ނައިޖީރިޔާ، ޕާކިސްތާން ސޫދާން، ޓިއުނީޝިޔާ، އަދި ޔަމަން އެވެ.
ހަބަރުލިބޭގޮތުގައި ވިސާ ބޭން ކުރި ލިސްޓްގައި އިންޑިޔާ ހިމެނިފައިވަނީ ހުއްދަނެތި ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ އަދަދު މަދުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުންނެވެ.ބައެއް ރިޕޯޓްތައް ބުނާގޮތުން އިންޑިޔާ އަދި އެހެން ބައެއް ގައުމުތަކުގެ ރައްޔިތުން ހައްޖުވިސާ ނުހޯދާ ހަމައެކަނި އުމްރާ ވިސާ ނުވަތަ ވިޒިޓް ވިސާ ނަގައިގެން ސައުދީ އަށް އެރުމަށް ފަހު ވިސާ ހަމަވިނަމަވެސް ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް މަޑުކުރެއެވެ.
މިއައު ގަވާއިދު އައުމާއި އެކު ކުރިން ސައޫދީ ސަރުކާރުން ގެންގުޅޭ ކުއޯޓާ ސިސްޓަމްވެސް އުވިގެން ދާނެއެވެ.
ހައްޖުގެ އަޅުކަން ކުރިޔަށްދާއިރު ބައިބޯވެ މީހުން މަރުވާހަމަޔަށް ކަންތައްދަނީ ރަސްމީ ޗެނެލް ތަކުން ރަޖިސްޓްރީ ނުވެ އެތެރެވާ މީހުން ގިނަ ކަމުން ކަމަށް ސައޫދީ ސަރުކާރުން ބުނެފައިވެއެވެ. ބައިބޯވެ ފިތިގެންނާއި ހޫނުގަދަ ވުމުގެ ސަބަބުން 2024 ވަނަ އަހަރުގެ ހައްޖު މޫސުމުގައިވެސް ބާރަސަތޭކައަށް ވުރެގިނަ ހައްޖުވެރިން މަރުވެފައިވެއެވެ.
ރަޖިސްޓްރީ ނުވެ އެތެރެވާ ގިނަމީހުންނަކީ ތިބޭނެ ތަންތަނާ ޓްރާންސްޕޯޓް އަދި ސިއްހީ ހިދުމަތް ލިބޭނެ ގޮތްތައްވެސް ހަމަނުޖައްސާދާ މީހުންނެވެ.އެހެން ކަމުން ބަލިވާ މީހުންނަށް ސިއްހީ ފަރުވާ ދިނުމާއި އަދި ލޮޖިސްޓިކްގެ ކަންކަން ހަމަޖައްސާ ދިނުމަށް ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ދަތިވެއެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި ސަލާމަތީ ކަންކަން ހަރުދަނާކުރުމަށްޓަކައި މިގޮތަށް ވިސާ ގަވާއިދު ހަރުކަށިކޮށްލުމަކީ މިހާރު ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ.އަދި މިއީ ޑިޕްލޮމެޓިކް ގޮތުން އެޅިފިޔަވަޅެއް ނޫންކަމަށް ވެސް ސައޫދީ އޮފިޝަލުން ބުނެއެވެ.
ރަސްމީކޮށް ރެޖިސްޓަރ ވެގެންދާ، ވިސާ ބޭން ނުކުރާ ގައުމުތަކުގެ ރައްޔިތުންނަށް ކުރިޔެކޭވެސް އެއްގޮތަށް ހައްޖުގެ ކަންކަން ކުރިޔަށް ގެންދެވޭނެއެވެ.ނަމަވެސް ހުއްދަނެތި ހައްޖުވާ މީހުންނާއި ލިބުނު އުމްރާވިސާ ހަމަވުމުންވެސް މަޑުކުރާފަރާތް ތަކަށް ފަސްއަހަރުވަންދެން ސައޫދީ އަށް ނޭރޭނެގޮތް ހަދާނެކަމަށް ސައޫދީ ސަރުކާރުން ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް