ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް މޯލްޓާއަށް ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޚަލީލްގެ މި ދަތުރުފުޅުގައި ރާއްޖެއާއި މޯލްޓާއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުުރުމަށް ދެގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމުގައި ހިޔާލު ބަދަލު ކުރާނެ ކަމަށެވެ. އެގޮތުން ތިމާވެށި ހިމާޔަތް ކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި ވިޔަފާރިއާއި ފަތުރުވެރިކަމާއި ގުޅޭ ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރާނެއެވެ.
މިނިސްޓަރު ޚަލީލްގެ މި ދަތުރުފުޅުގައި މޯލްޓާގެ ބޮޑުވަޒީރުގެ ނައިބާއި އެ ގައުމުގެ ފޮރިން މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރާއި، މޯލްޓާގެ ކެބިނެޓުގެ އިސް ވަޒީރުންނާއި ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.
ފޮރިން މިނިސްޓަރު ޚަލީލްގެ މި ދަތުރުފުޅުގައި ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑާ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބު ބައިވެރިވެ ވަޑައިގެންފައި ވެއެވެ.