އަވަށްޓެރި ދައްތަގެ ހަދިޔާ

Loading

April 7, 2025
profile
Facebook
Twitter
WhatsApp

އަހަރެންގެ ނަމަކީ ލީސާއެވެ.
އަހަރެންގެ ގެޔާ ޖެހިގެން ހުރި ގޭގައި އުމުރުން ދުވަސްވީ އަންހެނަކު އުޅުނެވެ.އޭނާގެ ބޮޑެތިވެފައިތިބި ދެއަންހެން ދަރިންނާއި ދެފިރިހެން ދަރިން ތިބި ނަމަވެސް އެއިން އެއްކުއްޖަކުވެސް އޭނާޔަށް އެގޮތަކަށްވެސް އަޅާލައެއް ނުހަދައެވެ.


ގެޔަކީ މަތީފަންތީގެ ގެޔެކެވެ. ގެރީތި ވެފައި ފުރިހަމަ ނަމަވެސް ގެބަލަހައްޓަން ނޯކަރަކުވެސް ނުހުރެއެވެ. އެމީހެއްގެ ކޮޓަރީގައި އެމީހަކު އުޅެނީއެވެ.މަންމަ އިންނަނީ އެންމެ ތިރީގައެވެ. އަމިއްލަޔަށް އެއްޗެއް ރޯފިލުވޭ ފަހަރަކު ކައިގެންނެވެ.ރޯފިލުވޭ ވަރުނުވާނަމަ ނުކައެވެ. މަންމަ އިނީ ކައިގެންތޯ ނުކައިތޯވެސް ބަލާލާ ދަރިޔަކު ނޫޅެއެވެ.
އަހަރެން ފުރަތަމަ އެގެޔަށް ދާން ފެށީ އަހަރެންގެ އުމުރުން 15 ވަރަކަށް އަހަރުގައެވެ.އެއީ އެއްދުވަހަކު އެގޭދޮށުން ދަނިކޮށް އެދައްތަ ކުޑަދޮރުކައިރީ އިނދެ އަތުން ހަނާއަޅާ އަހަރެންނަށް ގޮވުމުންނެވެ. އަހަރެން އެގެޔަށް ދިޔަވަގުތު އެގޭގަ އެހެން އެއްވެސް މީހަކު ނޫޅެއެވެ. އެދައްތަ އިނީ ފާހާނާ އަކަށް ދާންވެގެން ވެސް ނުދެވިފަ ކަމަށް އަހަރެން ގާތުގައި ބުންޏެވެ.
އަހަރެން ވަރަށް ދެރަވިއެވެ.އަދި އަވަސް އަވަހަށް އޭނާގެ އަތުގައި ހިފައިގެން ފާހާނާޔަށް ވައްދާ،ނިމުމުން ސާފުވުމަށްޓަކާ ފެންއަޅާދީ ސާފު ކޮށްގެން ނެރުނީމެވެ. އެދައްތަ ނުވަތަ މާމަ ކިޔާދިން ގޮތުގައި އޭނަ ފެންނުވަރާ އިންނަތާވެސް ހަފްތާއެއް ވެއްޖެއެވެ. ހެދުންވެސް އަދި އެނދު އެއްޗެތިވެސް ވަނީ ވަރަށް ބޮޑަށް ހަޑިވެފައެވެ.
އެދުވަހުން ފެށިގެން އަހަރެން ގަވާއިދުން ކޮންމެ ދުވަހަކުވެސް އެގެޔަށް ދާން ފެށީމެވެ.އެއަންހެންމީހާއަށް އެހީވުމަށެވެ.އޭނާ ފެންވަރުވާ އެއްޗެތި ދޮވެދީ ކޮޓަރި ސާފުކޮށް އަދި އޭނާޔަށް ކެވޭކަހަލަ ބައެއް ކަހަލަ ކާއެއްޗެތި އަހަރެން ތައްޔާރު ކޮށްދެމެވެ.
އޭނާގެ ހަތަރުކުދިންވެސް މަންމަ ކޮޓަރިޔަށް ވަންނަނީ ލާރި ބޭނުން ވުމުން އެކަންޏެވެ. ލާރި އަތުލައިގެން ދާތަން ބަލަން އަނެއްކާވެސް އަންހެންމީހާ ދެރަވެލާފައި ކުޑަދޮރުކައިރީ އިނދެއެވެ.ދަރިންގެ ކިބައިން ލޯތްބާއި އަޅާލުން ލިބުމުގެ އުއްމީދުގައެވެ. ނަމަވެސް އެކަން ހާސިލެއް ނުވެއެވެ. އެކުދިންގެ ހިތުގަ މަންމަގެ މައްޗަށް އެއްވެސް ލޯތްބެއް ކުލުނެއް ނެތެވެ. ފަސްއެނބުރި ބަލާވެސް ނުލާ ދާނީއެވެ.
މިތަން ފެނުމުން އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރެއެވެ. އަދި އޭނާގެ ހިތްއުފާކޮށް ދިނުމަށްޓަކާ އަހަރެން އޭނާޔާއެކު ބައެއްކަހަލަ ގޭމް ތައް ކުޅެމެވެ.ފޮތް ކިޔާދެމެވެ.ގޮނޑިޔަށް ލައިގެން ޕާކަށް ގެންގޮސްހަދަމެވެ. އަދި ދެމީހުންގެ ހަޔާތުގެ ތަޖްރިބާތައް ހިއްސާކޮށް ވާހަކަ ދައްކާ، ހީސަމާސާ ކޮށް އެކަކު އަނެކަކުގެ ކިބައިން އެހީތެރިކަން ހޯދަމެވެ. އެނާޔަށް ނިދެންދެން އެގޭގައި އުޅެމެވެ.
އަހަރެންގެ އެއްބަޑު އެއްބަފާވެސް އެހެން ކުއްޖަކު ނުހުރެއެވެ.އެހެން ކަމުން އަހަރެންނާ އެ ދައްތަޔާ ދެމެދު ހިތާހިތުގެ ގުޅުމަކުން ބަނދެވިއްޖެއެވެ.އޭނާއަކީ އަހަރެންނާއި ތިމާގެ،އަހަރެންގެ ”ފެމިލީ“ މީހަކަށް ވެއްޖެއެވެ.
އަހަރެން އެއަންހެން މީހާއަށް ޚިދުމަތް ކުރަމުން އޭނާ ބަލަހައްޓަމުން އަންނަތާ ބަރާބަރު ހަތްއަހަރު ފަހުން އޭނާ މަރުވީއެވެ. އަހަރެންގެ ހިތް ކުދިކުދިވި ކަހަލަ އެވެ. އޭނާގެ ހަތަރު ދަރިންވެސް ޖަނާޒާއަށް ގޮސް ބޮޑެތި ”ފޭކް“ ކަރުނަތަކެއް އެޅިއެވެ. އެކަމަކު ލޮލަށް ބަލާލުމުންވެސް އެމީހުން ތިބީ އަވަހަށް ގެޔާ މުދަލާހޯދަން ކެތްމަދުވެފައިކަން އެގެއެވެ.
ޖަނާޒާގެ ކަންތައްނިމުމުން އަހަރެން ގެޔަށް ގޮސް ފުން ހިތާމަޔަކަށް ގެބިގެން ރޯން އޮތީމެވެ. އަދި އެދައްތަގެ ހަޔާތުގެ ފަހު ދުވަސްކޮޅުނަމަވެސް އެހިތަށް ކޮންމެވެސް ވަރެއްގެ ފިނި ކަމެއް ގެނެސް ދެވުނު ކަމަށް އުންމީދު ކޮށް އެކަމުން ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ.
އަނެއްދުވަހު އަހަރެން ގޭގަ އުޅެނިކޮން ފުލުހުންގެ ހަތަރު މީހުން އައިސް އަހަރެންގެ ގޭގެ ދޮރުގައި ޓަކިޖަހާލިއެވެ.އަހަރެން ދޮރުހުޅުވާލުމުން އެމީހުންނާއެކީ ޖެހިގެން ހުރިގެޔަށް ދިއުމަށް އެދުނެވެ. އަހަރެން ވަރަށް ހާސްވެ ކަންބޮޑުވިއެވެ.ވީގޮތެއް ނޭގޭތީއެވެ.
ފުލުހުންނާއެކު އަހަރެން އެގެޔަށް ގޮސްވަންއިރު އަންހެންމީހާގެ ހަތަރު ދަރިން ތިއްބެވެ. ތިބީ ރުޅިއައިސް ރަތްވެފައެވެ. އޭރު އެތަނުގައި އެއާއިލާގެ ލޯޔަރުވެސް އިނެވެ.
އަހަރެން ގޮސްވަނުމުން އަންހެން މީހާގެ ދަރިން ހަޅޭއްލަވަން ފެށިނަމަވެސް ފުލުހުންނާއި ލޯޔަރު އެމީހުން މަތަ ކުރިއެވެ. އަދި އަހަރެން އެތަނަށް ގެންދެވުނު ސަބަބު ކިޔާދީ، ލޯޔަރު އަންހެންމީހާގެ ވަސިއްޔަތް އިއްވަން ފެށިއެވެ.
އަންހެންމީހާ ވަނީ އޭނާގެ ގެޔާއި އަދި ފައިސާގެވެސް ބޮޑުބަޔެއް އަހަރެންނަށް ދޫކޮށްފައެވެ.އަމިއްލަ ދަރިންނަށް ދީފައިވަނީ ފައިސާގެ ކޮންމެވެސް ވަރެކެވެ. އަހަރެންނަށް ދިން ވަރަށް ވުރެވެސް މަދުންނެވެ.
އެވަގުތު އޭނާގެ އަންހެން ދެދަރިން ހަޅޭއްލަވަން ފެށިއެވެ. މަންމަޔަށް އޮޅުވާލައިގެން މަކަރުން މަންމަގެ ގެ ކާލީ ކަމަށް ބުނެ އަހަރެންގެ ގައިގައި ޖަހަން އަންނަން ފެށިއެވެ. ނަމަވެސް އެވަގުތު ފުލުހުން ހުރަސް އަޅާ މަތަ ކުރިއެވެ.
ލޯޔަރު އެވަގުތު ވަސިއްޔަތް ކިޔާދިނުން ކުރިޔަށް ގެންދިޔައެވެ. އަންހެންމީހާ ލިޔެފައިވެއެވެ. ”އަހަރެން ވަސިޔަތް މިގޮތަށް މިލިޔަނީ އެއްވެސް މީހެއްގެ މަޖްބޫރު ކަމެއްނެތި ފުރިހަމަ ހޭވެރިކަމުގައި ހުރެގެންނެވެ.އަދި ވަސިއްޔަތް އިއްވާއިރު އެތަނުގައި ފުލުހުން ތިބުމަށްވެސް އަހަރެން އެދެމެވެ.އެހެނީ އަހަރެންގެ ދަރިންގެ ގޮތް އަހަރެންނަށް އެގޭތީއެވެ.ލީސާގެ ގަޔަށް އަތްލާ އޭނާޔަށް އަނިޔާ ކުރަންއުޅޭނެ ކަން އިނގޭތީއެވެ.
ލީސާ އަހަރެންނަށް އެހީވެދިން އެކިގޮތްތަކުގެ ފޮޓޯއާއި އެހެންވެސް ހެކި، އަހަރެންގެ މިވަސިއްޔަތާއެކީ ވާނެއެވެ.އޭނާ އަހަރެންނަށް ދިނީ އަހަރެން ބަނޑުއަޅާ ވިހޭ ހަތަރު ދަރިން އަހަރެންނަށް ނުދިން ލޯތްބެވެ. އޯގާތެރިކަމެވެ. އެލޯތްބަށްއެދި އަހަރެން ފެންބޮވައިގެންފައި އިންވަގުތު އަހަރެންގެ އަތުގައި ހިފީ ލީސާއެވެ. އަހަރެންގެ ދަރިން ހަގީގަތުގައި ބޭނުންވީ އަހަރެންނަށް އަޅާ ނުލާ ބައިންދައިގެން އަހަރެން އަވަހަށް މަރާލާށެވެ.ގެޔާ މުދަލުގެ ދަހިވެތި ކަމުގައެވެ. ނަމަވެސް ލީސާގެ މާތް ދެއަތުން އަހަރެން ފެންވަރުވާ އަހަރެން ކޮޅަށް ޖެހިއެވެ.އަލުން އިންސާނަކަށް ހެދިއެވެ.އަހަރެންގެ ހިތް އަލުން ހިންގުމަށް ބޭނުންވާ ތެޔޮ ކަމަށްވާ ލޯތްބާއި އޯގާތެރިކަން ދިނެވެ.އޭނާ ކޮށްދިން ކަންތަކުގެ ބަދަލުގައި ދޭނެ އެއްޗެއް ހަގީގަތުގައި އަހަރެންގެ އަތުގައި ނުވެސް ނެތެވެ.އަހަރެންގެ މިގެޔާ އަދި ފައިސާ ކޮޅެއް އެއީ ފުދޭވަރުގެ ބަދަލެއް ކަމަކަށް އަހަރެން ނުދެކެވެ.އެހާވެސް އޭނާއަހަރެންނަށް ކޮށްދިން ކަންތައް ބޮޑެވެ،ފުރިހަމައެވެ.“
ވަކީލު ނިންމާލިއެވެ. އަދި މަންމަގެ ވަސިއްޔަތް ތައްޔާރުކޮށްފައިވަނީ ފުރިހަމަ ގާނޫނީ އެހީތެރިކަން ލިބިގެން ކަމަށާ އެބަދަލު ކުރުމުގެ ފުރުސަތެއް ދެން ނޯންނާނެ ކަމަށް ބުނަމުން ބްރީފްކޭސް ލައްޕާލުމަށްފަހު އޭނާ އިންގޮޑިން ތެދުވެ ދާން ހިނގައިގަތެވެ.
އަންހެންމީހާގެ ހަތަރުދަރިން ރުޅިއައިސްގެން ހަލާކުވާވަރުވެފައި ތިއްބެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް