ބޭރު ފައިސާ މާރުކުުރުމުގައި ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
އެ ޚިދުމަތުގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން މިއަދު ވަނީ ބޭރު ފައިސާ ގަނެވިއްކާ ފަރާތްތަކަކީ އެމްއެމްއޭގެ ހުއްދަ އޮވެގެން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރާ ފަރާތެއްތޯ ކަށަވަރު ކުރުމަށް އެދިފައެވެ. އެގޮތުން ރަޖިސްޓަރކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުން ފެންނަން ހުންނާނެކަން ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ފާހަގަކުރެއެވެ.
ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ދާދި ފަހުން ވަނީ ވައިބަރ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާކަން ދާދި ފަހުން ފާހަގަކޮށްފައެވެ. ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީންކުރުމަށް އެދި ފުލުހުން ވަނީ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށްވެސް އެދިފައެވެ. އަދި ހަމަ މެސެޖެއް ލިބޭ އިރަށް ފައިސާ ނުފޮނުވުމަށްވެސް ވަނީ އެދިފައެވެ.
މީގެ އިތުރުން ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ވަނީ ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށްވެސް ސަމާލުވުމަށްވެސް އެދިފައެވެ.
ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުން ވަނީ ޤާއިމްކޮށްފައެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.
މިކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.