ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހޯރަފުށިން ހައްޔަރުކުރި މީހާގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހއ. ހޯރަފުށީގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ.
ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ވ. ކެޔޮދޫ / ތިބުރޯޒުގެ، މުޙައްމަދު ޢަބްދުލްކަރީމް (34އ) އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.