ދުންފަތުގެ އިސްތިއުމާލުކުރުމުން ޖީލެއް ދުރުކުރެވުމަކީ ޕްރިވެންޓިވް ހެލްތު ކެއަރގެ ތެރެއިން ހާސިލުކުރެވޭނެ އެންމެ ބޮޑު އަމާޒުކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުންނެވެ.
ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ”އިންވެސްޓްކުރަން“ ނުވަތަ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭކަމަށާއި، އެފަދަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމުގައި ރައީސް ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުން ޖީލެއް ދުރުކުރެވުމަކީ ހަޤީޤަތުގައި، ޕްރިވެންޓިވް ހެލްތު ކެއަރގެ ތެރެއިން ހާސިލުކުރެވޭނެ އެންމެ ބޮޑު އަމާޒުކަމަށާއި ”ޕްރިވެންޓިވް ހެލްތު ކެއަރ“ އަށް މަގުފަހިކުރުމުގެ ގޮތުން ތަރުކާރީއާ މޭވާގެ ބާވަތްތަކާއި، ރަނގަޅު ކާނާ ލިބޭނެ މަގުފަހިކޮށްދެއްވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މޫދު ކަސްރަތަކީވެސް ހަށިގަނޑަށް ވަރަށް ފައިދާހުރި ކަމެއްކަން ފާހަގަކުރައްވައި، މޫދަށް އެރޭނެ ތަންތަން ނެތް ރަށްރަށުގައި، މަޝްރޫޢުތައް ކުރިއަށްގެންދަވަނީ އެކި މަޝްރޫޢުތަކުގެ ތެރޭގައި މޫދަށް އެރޭނެ ތަންތަން ހިމަނައިގެން، ކަމުގައި ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު މިއަންނަ އަހަރުގެ ނިޔަލަށް ކޮންމެ ރަށެއްގައިވެސް އައުޓްޑޯ ޖިމެއް ޤާއިމުކުރެވޭނެކަމަށާއި ކުޑަކުދިންވެސް ބޭރަށް ނުކުމެ ހަރަކާތްތެރިވެ އުޅުމަށާއި، އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށް، ކުޑަކުދިންގެ ޕާކްތައް ހަދަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.