އއ. ރަސްދޫގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން އަންހެން މީހާ މިރޭ ނިޔާވެއްޖެ އެވެ.
މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ އެ ރޭގެ 11:15 ހާއިރު އެވެ.
އެ ހާދިސާގައި ފިހިފައި ވަނީ ދެމަފިރިންނެވެ. އެއީ އުމުރުން 31 އަހަރުގެ ދެމީހުންނެވެ. ރަސްދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އެ ދެމީހުން މާލެ ގެނައީ އެ ރޭ ދަންވަރުއެވެ.
އައިޖީއެމްއެޗްގައި އެ ދެމީހުންނަށް އިތުރު ފަރުވާ އެ ރޭ ދަންވަރު ފަށާފައި ވާއިރު އެ ދެމަފިރިން ސަލާމަތްވާނެ ކަމުގެ އުންމީދު ނެތް ކަމަށް މި މަހުގެ 25 ވަނަ ދުވަހު ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ.
ހަށިގަނޑުގެ ބޮޑު ބައި ފިހިފައި އޮތުމުން އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި އެ ދެ މީހުންނަށް ފަރުވާ ދެމުން އަންނައިރު އަންހެން މީހާ ނިޔާވީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ.