އީރާނުގެ ނިއުކްލިއަރ މަޝްރޫއާ ގުޅޭގޮތުން އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށް އިންކާރުކުރާނަމަ މިލިޓްރީ ހަރަކާތަށް އެމެރިކާއިން ދާނެކަމަށް ރައީސް ޓްރަމްޕް އިންޒާރު ދީފައިވާތީ އެމެރިކާއިން އީރާނަށް ހަމަލާއެއް ދީފިނަމަ ފޯޅަވަހީގައި ހުރި އެމެރިކާއާއި އާއި އިނގިރޭސިން ގުޅިފައިވާ ނޭވަލްބޭސްގެ ލަޝްކަރުތަކަކީ އީރާނުގެ އަމާޒަކަށްވާނެ ކަމުގައި އީރާނުން އިންޒާރު ދީފިއެވެ.
އީރާނުގެ ސީނިއަރ މިލިޓްރީ އޮފިޝަލަކު ދަ ޓެލިގްރާފަށް މައުލޫމާތު ދީފައިވަނީ އީރާނުންދޭ ހަމަލާގައި އެމެރިކާގެ މިލިޓްރީ ބޭސް އެއްތޯ ނުވަތަ އިނގިރޭސި ވިލާތުގެ މިލިޓްރީ ބޭސްއެއްތޯ އީރާނުން ނުބަލާނެކަމަށެވެ. އީރާނުގެ މިސައިލް ތަކުގެ ރޭންޖުގައި ހުރި އެ 2 ގައުމުގެ ކޮންމެ މިލިޓްރީ ބޭސްއަކީ އީރާނުގެ އަމާޒަކަށް ވާނެއެވެ. އެ ވަގުތު ޖެހޭހިނދު އެއީ އެމެރިކާ ނުވަތަ އިނގިރޭސި ނުވަތަ ތުރުކީގެ ލަޝްކަރެއްތޯ އީރާނުން ނުބަލާނެއެވެ. އެއީ އެމެރިކާއިން ބޭނުންކުރާ މިލިޓްރީ ބޭސްއެއް ނަމަ އީރާނުގެ ދުރުމިއަށް އަރާނެއެވެ.
އީރާނުގެ މީޑިއާއިން ބުނެފައިވަނީ އެމެރިކާގެ ހަމަލާއަށް ރައްދު ދިނުމުގައި އީރާނުން ބެލިސްޓިކް މިސައިލް އާއި ސޫއިސައިޑް ޑްރޯން ބޭނުން ކުރާނެއެވެ. އެކަމަށް ބޭނުންކުރާނެ ހަތިޔާރު އީރާނުގައި މަދެއް ނޫނެވެ. ޚޮރަމްޝަހްރް މަރުކައާއި ޝާހިދު-136ބީ މަރުކާގެ ބެލިސްޓިކް މިސައިލް 4000 ކިލޯމީޓަރަށް ދަތުރު ކުރާނެއެވެ.
އީރާނުގެ މީޑިއާއިން ހާމަކޮށްފައިވާ ޚާއްސަ އަމާޒުތަކުގެ ތެރޭގައި ފޯޅަވައްސާއި ބަޙްރައިންގައި ހުރި އެމެރިކާގެ މިލިޓްރީ ވަސީލަތްތައް ހިމެނެއެވެ.
އެމެރިކާގެ ބީ-2 މަރުކާގެ ސްޕްރިޓް ބޮމަރ އަކީ އީރާނުގެ ބިމުއަޑީގެ ވަސީލަތްތަކަށް ހަމަލާދިނުމުގައި އެމެރިކާއިން ބޭނުންކުރާނެ ހަތިޔާރުކަން އީރާނަށް އެނގެއެވެ. ފޯޅަވަހީގެ އެން އެސް އެފް ފެސިލިޓީން ނައްޓާލައިގެން އީރާނަށް ހަމަލާދިނުމަށްޓަކައި އެ ބޯޓު 3800 ކިލޯމީޓަރގެ ދަތުރެއް ކުރަންޖެހޭނެއެވެ. ފާއިތުވެގެން މިދާ ހަފުތާގެ ތެރޭގައި ބީ-2 ސްޕްރިޓް މަރުކާގެ 3 ބޮންއަޅާބޯޓު ފޯޅަވައްސަށް ހިނގައްޖެކަން ސެޓެލައިޓް އިމޭޖުން ވަނީ އެނގި ފައެވެ. ފޯޅަވަހީގައި އިނގިރޭސި ވިލާތުގެ ސިފައިންނާއި ކޮންޓްރެކްޓަރުން ހިމެނޭގޮތުގައި ޖުމުލަ 4000 ވަރަކަށް މީހުން ތިބި ކަމަށް ވެއެވެ.
އީރާނުގެ އިންޒާރުތަކަށް އިނގިރޭސި ވިލާތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އިނގިރޭސި ވިލާތުން އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ ސަރަހައްދުގެ ބައިވެރިންނާ ގުޅިގެން ސުލްހަވެރި ވެއްޓެއް ގާއިމް ކުރުމަށެވެ. ފޯޅަވައްސަކީ މި ބައިނަލް އަގްވާމީ މަސްރަޙްގައި ހަމަޖެހުން ގާއިމްކުރުމަށް އިނގިރޭސި ވިލާތާއި އެމެރިކާއިން ކުރާ މަސައްކަތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުންގެންދާ މިލިޓްރީ ބޭސް އެކެވެ. އިނގިރޭސި ވިލާތުން ބުނެފައި ވެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޣްޗީ ވިދާޅުވީ އެމެރިކާއިން ފޮނުވި ސިޓީއަށް އޮމާން މެދުވެރިކޮށް މިހާރު ވާނީ ޖަވާބު ދެއްވާފައިކަމަށާއި އެމެރިކާއިން ފިއްތުން ކުރިމަތި ކުރުމަކުން އެއްވެސް މަޝްވަރާއަކަށް އެމެރިކާއާއެކު އީރާނުން އެއްމޭޒަކަށް ނުދާނެ ކަމަށާއި މީގެ ކުރިންވެސް މަޝްވަރާތަކުގައި ބައިވެރިވެފައިވާނެ ފަދައިން ނު ސީދާ ގޮތެއްގައި މެދުވެރިން ބޭނުންކޮށްގެން މަޝްވަރާކުރުމަށް އިއުތިރާޒް ނުކުރާނެ ކަން އަންގާފައި ވާނެ ކަމަށެވެ. އެމެރިކާއާއެކު ވާހަކަ ދައްކައިގެން އެއްވެސް މައްސަލައެއް ރަނގަޅުގޮތުގައި ހައްލު ނުކުރެވޭނެ ކަމަށާއި އެކަމަށް ވަގުތު ނަގާލުން ބޭނުން ނޫންކަމަށް އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު އަލީ ޚާމަނާއިވެސް ވަނީ ވިދާޅުވެފައެވެ.