ތިންވަނަ ބޮޑު ހަނގުރާމަ ކޮންމެ ވަގުތަކުވެސް ފެށިދާނެ ކަމަށްބަލައި މަދުވެގެން 72 ގަޑިއިރަށް ފުދޭވަރަށް ކާ ބޯ ތަކެތި ރައްކާކުރުމަށް ޔޫރަޕިއަން ޔުނިއަންގެ 450 މިލިއަން ރައްޔިތުންނަށް އެ ޖަމާއަތުން އިލްތިމާސް ކޮށްފިއެވެ. ޔޫރަޕިއަން ކޮމިޝަންގެ އިލްތިމާސްގައި ބުނެފައިވަނީ އެ ނުރައްކާތެރިކަމަށް ކުރިމަތިލާންޖެހޭ ފުރަތަމަ ދުވަސްކޮޅު ދިރިއުޅުމުގެ ހާލަތު ވަރަށް ނާޒުކު ފައްތަރަކަށް ހިގަނދާނެކަމަށް ކޮންމެހެންވެސް ބަލަންޖެހޭނެއެވެ.
ޔޫރަޕިއަން ޔުނިއަންގެ އިލްތިމާސްގައި ޕޮލިޓިކޯއަށް މައުލޫމާތު ދީފައިވާ ގޮތުގައި ހަނގުރާމަ ފެށިއްޖެނަމަ ސައިބަރ އެޓޭކް އާއި ނުރައްކާތެރި ބަލިތައް ފެތުރުމާއި ތިމާވެއްޓަށް ގެނުވާ ބަދަލުތަކެއްގެ ސަބަބުން ފެންބޮޑުވުމުގެ ނުރައްކާތެރިކަން ވަރަށް ބޮޑުވާނެކަމާދޭތެރޭ ފަރުވާ ކުޑަކުރެވޭކަށް ނޯންނާނެއެވެ. މި ދިޔަ ބުދަ ދުވަހު ޔޫރަޕިއަން ޔުނިއަނުން ނެރެފައިވާ ބަޔާނުގައި އަހަރެމެން ރައްޔިތުންގެ ވިސްނުމުގައި މިހާރުއްސުރެން މިވަނީ މިކަންތައްތަކަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހިފައިވާކަމަށް އިންޒާރު ދީފައި ވެއެވެ.
މިދިޔަ އަންގާރަ ދުވަހު ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޯސްޓާ އެ ޖަމާއަތުގެ 27 ގައުމަށް ހަނދާންކޮށްދީފައިވަނީ ޔޫކްރެއިންގެ ސަރަހައްދަކީ ހަމައެކަނި ޗާޓެއްގައި ދަމާލާފައިވާ ރޮނގެއް ކަމަށް ރަޝިޔާއިން ދެކޭނަމަ ރަޝިޔާގެ ވިސްނުން ބަދަލު ކުރަންޖެހޭ ސަބަބެއް އޮތްކަމަކަށް ނުފެނެއެވެ. އަދި އެ ހާލަތުގައި ސުލްހަ ގާއިމްކުރުމަކީ ހަގީގަތާ ދުރު ހަމައެކަނި ކުރެވޭ އުންމީދެއް ކަމަށެވެ.
ޔޫރަޕިއަން ކޮމިޝަންގެ 18 ސަފުހާގެ ބަޔާނާ ބެހޭގޮތުން ސީ އެން އެން ގެ ޚަބަރުގައި ބުނެފައިވަނީ ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުމާއި އިލެކްޓްރޯނިކް ހަނގުރާމައިގެ ނުރައްކާތެރި އުކުޅުތަކާއި އަދި ކޮންމެހެން ބޭނުންވާ ވަސީލަތްތައް ނެތިކޮށްލާފާނެކަމުގެ ބިރު ޔޫރަޕްގެ ގައުމުތަކުން ކުރިމަތިލާން ޖެހިދާނެކަން ހާމަވެގެންދާ ކަމަށެވެ. މާޒީގައި ކުރިމަތިލާންޖެހުނު އެއްވެސް ނުރައްކާތެރި ހާލަތެއް މިހާތަނަށް ހައްލުކުރެވިފައެއް ނެތެވެ. ޔޫރަޕްގެ ގައުމުތަކުން އެކަންކަމަށް ފަރުވާ ކުޑަކޮށްލައިގެން ތިބުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. ރަޝިޔާގެ ގޮތްދޫނުކުރުމާއި ރައީސް ޓްރަމްޕްގެ ޓެކްސް ޓެރިފަކީ ވަރަށް ނުރައްކާތެރި އިންޒާރެކެވެ.
ޔޫރަޕްގެ ގައުމުތަކުގެ ސަލާމަތާ ރައްކާތެރިކަމަށް ވޯޝިންގޓަނުން ޚަރަދުކުރާނެކަމަށް ދެކިގެން ދެއަތް އުރާލައިގެންތިބެ ނޭޓޯގެ ގައުމަކަށް އެހެން ގައުމަކުން އެއްވެސް ހަމަލާއެއްދީފިނަމަ މުޅިޖަމާއަތުން ރައްދުދޭނެކަމަށް އުންމީދު ކޮށްގެން ތިބުމަކީ މިހާރުގެ ހާލަތުގައި އެންމެ ރަނގަޅުގޮތް ނޫންކަމަށް ނޭޓޯގެ 14 ވަނަ އާންމު ސެކްރެޓަރީ މާރްކް ރުއްޓު ވަނީ އިންޒާރު ދެއްވާފައެވެ. އެ މަނިކުފާނުގެ މި އިންޒާރު އައިސްފައިމިވަނީ އެމެރިކާއާއި ނުލައި ޔޫރަޕްގެ ސަލާމަތާއި ރައްކާތެރިކަން އެ ޖަމާއަތުން މިނިވަންކަމާއެކު ބަލަހައްޓަން ބޭނުންވާކަމުގެ ވިސްނުމަކާއ އަދި ރަޝިޔާގެ ހަކަތައަށް ބަރޯސާވުން ކުޑަކުރުމުގެ ވިސްނުމެއް އެ ޖަމާއަތުން ގެންގުޅޭ ދުވަސްވަރެއްގައެވެ.
ޔޫރަޕިއަން ކޮމިޝަންގެ މި އިންޒާރާދޭތެރޭ އަޅުގަނޑުމެން ދިވެހިންވެސް ސަމާލުކަން ދޭންޖެހޭނެއެވެ. އަޅުގަނޑުމެންގެ އިގްތިސާދުގެ ބޮޑު ހިއްސާއެއް އަދާކުރަމުންގެންދަނީ ޓްއަރިޒަމުންނެވެ. ދުނިޔޭގެ މަސްރަހަށް އަންނަ ކޮންމެ ނުރައްކަލެއްގެ ސަބަބުން ޓްއަރިޒަމަށް ނޭދެވޭ އަސަރުތަކެއް ނުކޮށް ނުދާނެކަން ވަރަށްފަހުގެ ތާރީޚުންވެސް ވަނީ ފެނިފައެވެ. ބައެއްބޭފުޅުން ދެކިވަޑައިގަންނަވާގޮތުގައި އެފަދަ ކޮންމެ ހާލަތެއްގައި އިސްލާމީ އަރަބި ބައެއް ގައުމުތަކުން އަޅުގަނޑުމެންނަށް އެހީތެރިވެ ދޭނެއެވެ. އަޅުގަނޑުމެންގެ އުންމީދަކީވެސް އެއީ އެވެ. އެކަމަކު ފެންނަ މަންޒަރު ތަކަށްބަލާއިރު އެ އުންމީދުގެ މައްޗަށް ބުރަވެ ތިބުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ނުބުނެވޭނެއެވެ. އިސްލާމީ އަރަބި ގައުމުތަކުގެ އެންމެ އަވަށްޓެރި ޔަމަނާއި ފަލަސްތީނަށްވެސް އެހީތެރިކަން ފޯރުކޮށްދެވިދާނެ މަގެއް ނުފެނިގެން އުޅޭ އިރު އެތައްހާސް މޭލު ދުރުގައި އޮތް ދިވެހިރާއްޖެއަށް އެހީތެރިވުމަށްޓަކައި މާގިނަ ހުރަސްތަކެއް ކުރިމަތިވާނެކަން ގަބޫލުކުރުން ބުއްދިވެރިއެވެ.