އުމުރުން ދުވަސްވީ އަންހެނަކު،އޭނާގެ ހަޔާތުގެ ފަހު ދުވަސްކޮޅު، އޭނާގެ އަންހެން މާމަ ދަރިފުޅަކަށް ގޮވާފަ ގެނެސް ބުންޏެވެ.މާމަ މިއަދު މިއުޅެނީ ދަރިފުޅަށް ހަދިޔާއެއް ދޭން ވެގެންނެވެ.މިހެން ބުނުމަށްފަހު ފިލައިން ހަދާފައިވާ ކުޑަފޮއްޓެއް ގެނައެވެ. ފޮށީގެ އެތެރޭގައިވަނީ ވަރަށް އިހުގެ ރީތި،ކަރުގަ އަޅާ ފަށަކާ އޭގެ ފުލެވެ.ފޮށިގެނައުމަށްފަހު ފަށް ނަގާ ކުއްޖާއަށް ދައްކާލަމުން ބުންޏެވެ. މިފަށަކީ މާމަގެ މަންމަގެ ފަށެކެވެ. މިފަށަށް މިހާރު ސަތޭކަ ފަންސާސް އަހަރު ވެދާނެއެވެ.
ދަރިފުޅަށް މުޅިން ފަށް ދިނުމުގެ ކުރިން ދަރިފުޅު މާމަޔަށް ކަމެއް ކޮށްދޭން އެބަޖެހެއެވެ.ކުރަންވީ ކަމަކީ މާދަމާ ފަށް ހިފައިގެން ދެތިން ތަނަކަށް ގޮސް ފަށުގެ އަގަކީ ކޮބާތޯ އަހާދޭންވީއެވެ. މިގޮތުން ގަހަނާ ވިއްކާ ފިހާރަޔަކަށާ، ފްލީ މާކެޓް ނުވަތަ ބާތަކެތި ވިއްކާ މާކެޓަކަށް އަދި މިއުޒިއަމް އަކަށް ދިއުމަށް މާމަ އެދުނެވެ.
ފުރަތަމަ ގަހަނާ ވިއްކާ ފިހާރަޔަށް ގޮސްފަ އައިސް ކުއްޖާ ބުންޏެވެ.އެތަނުގެ މީހުން ބުނީ ފަށުގެ އަގަކީ 200 ޑޮލަރު ކަމަށެވެ.ފަށް ވަރަށް ރީތިކަމަށާ ނަމަވެސް އެހާ އަގުބޮޑު އެއްޗެއްނޫންކަމަށް ގަހަނާ ވިއްކާ ފިހާރަ މީހުން ބުނި ކަމަށް ކުއްޖާ ބުންޏެވެ.
މާމަ ހިނި އައިސްފަ އިނދެ، ބުންޏެވެ.އާނ ދެން ބާ ތެކެތި ވިއްކަން ހުންނަކަހަލަ ފްލީ މާކެޓަކަށް ދާށެވެ.އެތަނަށް ގޮސްފަ އައިސް ކުއްޖާއިނީ ވަރަށް ދެރަވެފައެވެ. މާމަ ކިހިނެއްވީތޯ ސުވާލު ކުރުމުން ކުއްޖާ ބުންޏެވެ.އެތަނުގެ މީހުން ފަށަށް ދޭން ބުނީ އެންމެ ޑޮލަރެކެވެ.ފަށަކީ ވަރަށް ދުވަސްވީ ފަށެއްކަމަށާ މިޒަމާނާ ނުގުޅޭ އެއްޗެއް ކަމަށް ބުނި ކަމަށް ދެރަވެލާފަ އިނދެ ކުއްޖާ ބުންޏެވެ.
މާމަ ދެން ބުންޏެވެ.އެކަމާ އެހާބޮޑަށް އަޅާނުލާށެވެ.މިފަހަރު ފަށް ހިފައިގެން މިއުޒިއަމް އަށް ދާށެވެ. އެތަނަށް ގޮސްފަ އައިއިރު ކުއްޖާގެ ދެލޯ ހުރީ ބޮޑުވެފައެވެ. މިއުޒިއަމްގެ މީހުން ފަށަށް ދޭން ބުނި އަގު ބޮޑު ކަމުންނެވެ. ކުއްޖާބުނި ގޮތުގައި އެފަށަކީ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ފަށެއްކަމަށާ އޭގެ އަގަކަށް 750ހާސް ޑޮލަރު ދޭން އެމީހުން އެއްބަސްވެފައިވެއެވެ.
ދެން މާމަ ކުއްޖާ ގައިގަ ބައްދާލުމަށްފަހު ބުންޏެވެ. މިފަށް ބޭނުން ކޮށްގެން މާމަ ދަރިފުޅަށް މިދިނީ ވަރަށް ބޮޑު ފިލާވަޅެކެވެ. މީހެއްގެ ހަގީގީ ”އަގު“ އިނގޭނީ ތިމާގެ އަގު ދެނެގަންނަން އިނގޭ ފަދަ ބަޔަކަށް ކަން ހަނދާން ކުރާށެވެ. އަބަދުވެސް ދަރިފުޅުގެ ހަގީގީ ”އަގު“ ދެނެގަންނަން އިނގޭފަދަ މީހުންނާ އެކީ އުޅެއްޗެވެ. ދަރިފުޅު ކުރާމަސައްކަތާ އެކަން ދަރިފުޅަށް އިނގޭވަރު ކޮންމެ ކޮންމެ މީހަކަށް ނޭގޭނެއެވެ. އެކަން ދެނެގަނެ އެކަމަށް އެކަށީގެންވާ ބަދަލު ދޭނެ މީހުން ހޯދާށެވެ.އޭރުން ދަރިފުޅަކީ ކާކުކަން އެމީހުންނަށް އެނގޭނެއެވެ. މަސައްކަތުގެ ހަގީގީ އަގު ލިބޭނެއެވެ.
One Response
ފާފު ޒަވިޔަނީގެ ވާހަކަތައް ހާދަ ސަޅިއެވެ. އެންމެފުރަތަމަވެސް ކިޔާލަނީ ފާފު ޒަވިޔަނީގެ ވާހަތަކެވެ. ސަންދާނުގައި މަަގޭ ކޮލަމަކީ އެއީ އެވެ. ވަރަށް ބެސްޓް އަދި ތަފާތު ވީމައެވެ.