އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ސަރަހައްދީ ހާލަތު ގޯސްވެފައި ވާއިރު، ޣައްޒާގެ މިނިވަންކަމަށް ތާއީދުކުރަމުން އަންނަ ޔަމަނުން އިސްރާއީލަށް ދެ މިސައިލް ފޮނުވާލުމުން އިސްރާއީލުގެ އެއާޕޯޓުގައި ފްލައިޓު ޖެއްސުން މެދުކަނޑާލައިފިއެވެ.
މި ހަމަލާއާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުރާސްފަތި ދުވަހު ބުނީ ޔަމަނުން ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ވައްޓާލާފައި ވަނީ އިސްރާއީލުގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ކަމަށެވެ.
އެގޮތުން އެ މިސައިލް ހަމަލާގެ ސަބަބުން ގުދުސް، ޓެލް އަވީވް އަދި ވަށައިގެންވާ އެތައް ރަށެއްގައި ވައިގެ ހަމަލާގެ ސައިރެންތައް އަޅާފައިވާ ކަމަށް އެ އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި ހަމަލާއާ ގުޅިގެން ޓެލް އަވީވްގެ ބެން ގުރިއަން އެއާޕޯޓުގައި ފްލައިޓް ޖެއްސުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ.
މި ހަމަލާއާ ގުޅޭ ގޮތުން ޔަމަނުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.