އަމިއްލަ ބޯހިޔާވަހިކަމަށް އެދި މަރުފަލިޖަހަޖަހާތިއްބާ ރައްޔިތު މީހާ ނޯށުން ރޮއްވާ ނުލާށެވެ.

Loading

Facebook
Twitter
WhatsApp

މާލެއަށް ވިހާ މާލޭގައި ދިރިއުޅެ އަމިއްލަ ބޯހިޔާވަހިކަމުގެ މިނިވަންކަން ނުލިބި ޢުމުރުން ފަންސާސް އަހަރު މާޟީއާއި އެކުވެ ދިޔަފަހުން ކަނޑުން ވިޔަސް ފަޅުން ވިޔަސް ލިބުނު ގޯތިގަނޑުގެ ބޭނުން ނުހިފި މުޅި ދިރިއުޅުން އެދަނީ ވެެއްޔާ މޮޑެވެމުންނެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ނިމިދިޔަ ސަރުކާރުން މާލޭ ރައްޔިޔުންނަށް ލިބިފައިވާ ގޯތިތައް އެ ފަރާތްތަކަށް ދެއްވުން ލަސްވަމުން ވަމުންގޮސް އެ ގޯތިތައް ލިބުން އިބިލީހުގެ ކައިވެންޏަށް ބަދަލުވެ ނިމުނީތޯއެވެ.

ޅަފުރާއިން ފެށިގެން އަމިއްލަ ބޯހިޔާވަހިކަން ނެތުމުގެ ހިތްދަތި އިޙުސާސް ތައްކުރެވޭނީ އެ ޙާލު ތަޞައްވުރު ކުރި ރައްޔިތަކަށެވެ. އެހެނަސް މައިންބަފައިންގެ އަމިއްލަ ބޮޑެތިގޯތި އޮވެ އެ ބޯހިޔާވަހިކަމުގެ ތެރޭގައި އުޅެބޮޑުވެފައިވާ ބަޔަކަށް އަމިއްލަ ބޯހިޔާވަހިކަން ނުލިބި ކުލިދައްކައިގެން އުޅޭ ބައެއްގެ ހިތުގެ އުދާސްތައް ނޭނގި ހިނގައިދާނެއެވެ.


އަމިއްލަ ހެޔޮލަފާ ދިރިއުޅުމަކަށް މަގުފަހިކުރުމުގެ ގޮތުން 18 އަހަރު ފުރުމާއެކު ކައިވެނީގެ ގޮތުން އަންހެނަކާ ގުޅި ދެމަފިރިން އެކުގައި ވަޒީފާއަދާކުރަން ޖެހުނީ އަމިއްލަ ގެދޮރު ނެތުމާއެކު މާލޭގެ ބިންވެރިންނަށް ކުލިދީގެން ނޫނީ ދިރިއުޅެވޭނެ އެހެން ގޮތެއް ނެތުމުންނެވެ. މިގޮތުގެ މަތީން ދިރިއުޅެމުންއަންނަތާ ފަސްއަހަރު މާޒީއާއި އެކުވެ ދިޔައިރު ދެމަފިރިންނަށް އަންހެން ދަރިފުޅަކާ ފިރިހެން ދަރިފުޅަކު ލިބުނެވެ. އަންހެނުންގެ މަންމަ ދަރިން ބަލާތީ ދެމަފިރިންގެ ވަޒީފާ މެދުނުކެނޑި ކުރިއަށް ދިޔައެވެ. ސަރުކާރުން ފްލެޓް ލިސްޓްތައް ޢިޢުލާން ކުރެއެވެ. ދެމަފިރިންވެސް ފުލެޓަށް ކުރިމަތިލައެވެ. ދެމަފިރިންނަކީ ވެސް މާލެއަށް އުފަން ދެމަފިރީންނެވެ. އެހެނަސް ޝަރުތު ފުރިހަމަނުވާތީ ފުލެޓެއް އަޅައިގަންނަގޮތެއް ނުވެއެވެ. މައިންބަފައިންގެ ގޯތިން ލިބެނީ ތިންފޫޓް ހަފޫޓުގެ ބިންކޮޅެކެވެ.

ކަން މިހެން ހުރިނަމަވެސް މާލެއަށް އަރާތިބި ބީރައްޓެހީންނަށް ދަފުތަރުގައި ރަޖިސްޓްރީ ވެގެން ފުލެޓް ދަނީ ލިބެމުންނެވެ. ކައިވެންޏަށް 25 އަހަރު ފުރުނީއެވެ. ނުކުޅެދޭ ކުއްޖަކާއެކު ފަސްކުދިން ލިބި ދެ ކުއްޖަކު ސްކޫލް ނިމިއްޖެއެވެ.

އެހެނަސް ދެމަފިރިންވެސް މެދު ނުކެނޑި ފުލެޓާ ގޯއްޗަށް ދަނީ ކުރިމަތިލަމުންނެވެ. އެންމެ ފަހުން ނެރުނު ފްލެޓް ލިސްޓެއްގައި އަންހެނުންގެ ޝަރުތު ފުރި ހަމަވެ ފްލެޓް ލިބޭނެ ކަމުގެ އުފާވެރި ޚަބަރު ލިބިގެން ދިޔައެވެ. އެހެނަސް އެ ލިސްޓްވެސް ވީ ބާތިލް ލިސްޓަކަށެވެ. ފިރިހެން މީހާއާއި އޭނާގެ އެެއްބަނޑު އެއްބަފާ ފިރިހެން ކުއްޖަކަށް ގުޅީފަޅުން ގޯއްޗެއް ލިބުނުކަން އެ ސަރުކާރުން ވަނީ އަންގާފައެވެ. އަދި ގޯތީގެ ފަތްވެސް ވަނީ ލިބިފައެވެ.

މާލެއަށް ވިހާ މާލޭގައި ދިރިއުޅެ މީހަކާއިނދެ ފަސްކުދިން ލިބި ދޮށީ ދަރިފުޅު މީހަކާއިނދެ ވިހަން ގާތްވެފައިވާއިރު މާލޭގެ ބިންވެރިންނަށް ކުލިދީގެން މާލޭގެ ރައްޔިތުން ދިރިއުޅެންޖެހޭ ވާހަކައަކީ ލަދުހުތުރުވާހަކައަކަށް މެނުވީ ނުވާނެއެވެ. ސަރުކާރަކުން ރައްޔިތުންނަށް ބިމާއި ފުލެޓް ދީ ގޯތީގެ ފަތް ޙަވާލު ކޮށްފައި ވީނަމަވެސް އެގޯތިތައް ވަކިކުރުމަށްޓަކާ ވަށާފާރު ރޭނުމުގެ ހުއްދައެއްވެސް މި ސަރުކާރުންނުދިނެވެ. މުހަނަށް އޮޑި ދިންހެން ރައްޔިތުންނަށް އެ ވަނީ ގޯތި ދީފައެވެ. މަހުގެ މެދު ތެރެއިން މާލޭގެ ބިންވެރިޔާ އޭނާގެ ގެއިންނުކުތުމަށް އަންގައެވެ. އެހިނދު ކުލިދައްކައިގެން އުޅޭ މީހާގެ ހިތަށް ކުރާނޭ ބާރާއި އަސަރު ސަރުކާރަށް ތަޞައްވުރު ވާނޭނަމަތާއެވެ.

މިފަދަ ހިތްދަތި ޙާލުގައި ޙަޔާތުގެ އެންމެ އުފާވެރި ދުވަސްތަށް ތަޙަންމަލް ކުރަން އެ ޖެހެނީ ސަރުކާރުތަކުގެ ދޯހަޅިކަމާއި ވެރިންގެ އަމިއްލައެދުން ބޮޑުކަމުން ނޫންހެއްޔެވެ.ގައުމެއްގެ އެންމެމަތީ ބަހާއަކީ އެގައުމެއްގެ ލޮބުވެތި ރައްޔިތުމީހާއެވެ. އެރައްޔިތު މީހާ ދަތިޙާލުގައި އުޅެން ޖެހުމަކީ ސަރުކާރުގެ ހިންގުންތެރިކަމާއި އިގްތިޞާދީ ދުޅަހެޔޮކަމުގެ ފައިދާ ހޯދަން ނޭގުމުގެ ނަތީޖާ ނޫން ދެން އެހެން ކޮންކަމެއް ތޯއެވެ. ރާއްޖެއަކީ އާބާދީގައި ފަސްލައްކަ ހަމަނުވާ ކުޑަކުޑަ އާބާދީއަކަށް ނިސްބަތްވާ ގައުމެކެވެ. އެހެނަސް ރާއްޖެއަކީ ނިސްބަތުން ބޮޑުފައިދާލިބޭ ކުޑަކުޑަ ގައުމެކެވެ. 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ދައުލަތުން ފަސްހާސް ރުފިޔާ ދެވޭވަރަށް ދައުލަތަށް އާމްދަނީ ލިބޭއެވެ.
މިފަދަ ހިތްދަތި ޙާލުގައި ޙަޔާތުގެ އެންމެ އުފާވެރި ދުވަސްތަށް ތަޙަންމަލް ކުރަން އެ ޖެހެނީ ސަރުކާރުތަކުގެ ދޯހަޅިކަމާއި ވެރިންގެ އަމިއްލަ އެދުން ބޮޑުކަމުން ނޫން ހެއްޔެވެ.

އެހެނަސް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާން ވެގެންވާފަދައިން ރާއްޖޭގައި ކުރަނީ ރައްޔިތުންގެވެރިކަމެއް ނޫންކަމުން ދައުލަތުގެ ޚަޒާނާއިން ރައްޔިތުމީހާއަށް ޙައްގުވާ މިންވަރު ސަރުކާރުގެ އިސްވެރިން ފެންފޮދަކާވެސް ނުލާ ދިރުވާލަނީއެވެ. އެހެން ކަމާއެކު ރާއްޖޭގައި މިހާރު ވެރިކަން ކުރަމުން އެދާ ނިޒާމް ރަނގަޅު ނޫންކަން ރައްޔިތުންނަށް ރޭކާލާން ފަށައިފިއެވެ. އަނެއްކޮޅުން ދައުލަތުގެ ބާރުތައް އެކުވެ މިނިވަން މުސްތަގިއްލު މުވައްސަސާތަކުގެ ބާރު ކެނޑި ރައްޔިތަކު އޭނާގެ ޙައްގުހޯދަން ދާނޭ ތަނެއް ނެތިއްޖެއެވެ.
ސަރުކާރަކަށްފަހު ސަރުކާރެއް އުފެދި ސަރުކާރުތަކުގެ ނުރައްކާ އެދަނީ ރައްޔިތުންނަށް ބިރަކަށް ވަމުންނެވެ. އެހެން ކަމާއެކު ރައްޔިތުންނަކީ ޒިންމާދާރު ބަޔަކަށް ވާން އެބަޖެހެއެވެ. ރައްޔިތުން ވޯޓްލައިގެން ވެރިޔަކު ހޮވާ އެ ވެރިމީހާ ވެރިކަން ކުރަންވީ ގޮތް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ކަޅާ ހުދުން ލިޔެފައި ދިނުމުން އެ ގާނޫނު އަސާސީ އަށް އަމިއްލަގޮތްތައް އިތުރުކޮށް ވެރިކަމުގެ ވަށްޓަފާޅި ބަދަލު ކުރަމުން އެދާ ދިއުން ނިމުމަކަށް ގެންނަން ރައްޔިތުން ތެދުވާން ޖެހިއްޖެ ކަމަށް ގަބޫލުކުރަންތޯއެވެ.

މި ސަރުކާރު ވެރިކަމާއި ޙަވާލުވިފަހުން މިއޮތީ ދެވަނަ އަހަރަށް އަޅައިގެންފައެވެ. ކުރީ ސަރުކާރުން ރައްޔިތުންނަށް ދިން އެއްވެސް ބޯހިޔާވަހިކަމެއް އަދި ރައްޔިތަކަށް ލިބިގެން ނުދެއެވެ. އަދި ވެސް އެ ދަނީ ބޮޑުތަނުން ރައްޔިތުންނަށް އޮޅުވާލަމުންނެވެ. ހީވަނީ ސަރުކާރުން ފްލެޓާއި ގޯތި ދޭން ބޭނުންވާ ބަޔަކު ތިބެ އެ ފަރާތްރަކަށް ބޯހިޔާވަހިކަން ނުދެވިގެން އުޅޭހެންނެވެ. ނޫންނަމަ ދެން އެ ޖަހަނީ ކޮންސަކަރާތެއް ހެއްޔެވެ. މާލޭގައި ދިރިއުޅޭތާ ފަނަރަ އަހަރު ނުވާ ބަޔަކު ފުލެޓަށް އެދިފައެއް ނުވާނެއެވެ. ފުލެޓަށް އެދިފައި އެ ވަނީ ޝަރުތު ހަމަވާ މީހުންނެވެ. އެހެނަސް 4000 ފުލެޓް ލިބޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށް ކަމަށް ގަބޫލު ކުރަމެވެ. އެހެނަސް އެންމެންނަކީ ވެސް ޝަރުތުހަމަވާ މީހުންނެވެ. އެކަކުވެސް ބާކީ ވެގެން ނުވާނެއެވެ.

ފްލެޓަށް ޝަރުތު ހަމަވެ ފުލެޓް ނުދެވުނު ފަރާތްތަކަށް ދެންއެންމެއަވަހަށް އަޅާފުލެޓް ތަކުން ފްލެޓް ލިބޭނެކަން އަންގަވާ ދެއްވާށެވެ. އޭރުން ރައްޔިތުން މަޑުން ތިބޭނެއެވެ. އެހެނަސް ފެންނަމުން އެދަނީ މާ ހުތުރު މަންޒަރެއް ވިއްޔާއެވެ. އެންމެންނަކީ ވެސް ޝަރުތުހަމަވާ މީހުންކަމަށް ވާއިރު އޭގެތެރެއިން ބަޔަކުމީހުން ކަޓުވަލާ ތިމާމެން ބޭނުންވާ ބަޔަކަށް ފުލެޓް ނުދެވިގެން ހަޑިހާވާ މަންޒަރު ވިއްޔާއެވެ. ޙައްގަކީ ވަރަށް ބޮޑު އެއްޗެކެވެ. ޙައްގު އަދާކުރަން ޖެހޭނީ ރަނުންރަނަށެވެ. ނޫންނަމަ ގިޔާމަތްދުވަހު ތިމާ އެ ޙައްގު އަދާކުރާން ޖެހިދާނެއެވެ.
ވެރިކަން ކުރުމަކީ ބިރުވެރި ނުރައްކާތެރި ކަމެކެވެ. ތިމާގެ ދަށުގައިވާ ރައްޔިތުންގެ އެންމެހައި ޙައްގުތަކަށް ތިމާ ރައްކާތެރިވާން ޖެހޭނެ ކަމެކެވެ. ވެރިކަމަކީ އަމާނާތެކެވެ.

  

Loading

3 Responses

  1. ފްލެޓް މައްސަލަ ހައްލެއް ނުވާނެތާ، މަޢުމޫނު ދައުރުގައި ވިލިގިލި އަދި މާލެއާއި ހުޅުމާލެއިން ގޯއްޗާއި ފްލެޓްދިންމީހުންގެ ދަރިންނަށް މިހާރު މިދެނީ. ސެކަޑް ޖެނަރޭޝަނަށް ދެވުނީ. އަދިވެސް މާލޭގެ ގޯތި ތިންވަނަ ޖެނެރޭޝަނަށް ބަހަންޖެހިފައިތިބި މީހުންތިބީ. މާލޭގައި މުޅި ހަޔާތް ހޭދަކުރި މީހުންތިބީ. ދެން މިލިބެނީ ގުޅުންތަކުން، ދެން ކޯންޗެއް ބާކީވާނީ.

  2. މާލޭގައި ދިރިއުޅޭތާ 50އަހަރާ ހަމަޔަށް ދިޔައިރު ފަސްދަރިން ލިބި ހަތަރު ދަރިން ދުނިޔޭގައި އެބަތިއްބެވިއެވެ. ދަރިންނަށް ދަރިން ލިބިފައި ވާއިރު ނިމިދިޔަ ސަރުކާރުން ބުނީ ޝަރުތު ހަމަނުވެޔޯ

  3. ފުލެޓް ލިބޭނީވެސް މާލޭގަ4ގޯތިއޮންނަމީހާޔައް މިހާރުއަޅާފަހުރިޗައިނާފުލެޓްތަކާ ޔާމީންއެޅިޓަވަރުތަކުންފުލެޓްލިބުނީމިކަހަލަގޮތކައް އަދިމިހުރިފުލެޓްގެ60ޕަސެންހުރީކުއްޔައްދީފަ އަދިމިފުލެޓްތަކުގެކުލިވެސްސަރުކާރައްނުލިބޭ އެކަމާއެޅޭނެފިޔަވަޅެއްނެތް ވަރައްސަލާމް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް