ޖޭއެސްސީން ޚަރަދު ކުޑަކުރުމަށް އަޅަން ފެނުނު ފިޔަވަޅަކީ މުސާރައާއި އިނާޔަތް ލިބޭގޮތަށް ފަނޑިޔާރުން ޢިލްމީގޮތުން އަހުލުވެރިވާން އޮތް ފުރުސަތު ޖަރަހަށް ހުއްޓުވާލުމެވެ. އޭގެ ހަގީގަތަކީ ފަނޑިޔާރުންގެ މުސްތަގިއްލުކަމަށް ނުފޫޒު ހިންގޭނެ ފުރުސަތު ޖޭ.އެސް.ސީ.ން އިތުރަށް ހޯދައިގަތުމެވެ.
ފަނޑިޔާރުންގެ މުސްތަގިއްލުކަމަށް ނުފޫޒު ހިންގުމަށް ޓަކައި ދުނިޔޭގެ ބައެއް ގައުމުތަކުގައި ބޭނުން ކުރެވޭ އެއް އުކުޅަކީ އެތަނަށް ވީހާވެސް ގިނައިން އިސްލާމީ ޝަރީއަތް ނުދަންނަ އަދި އީމާންތެރިކަން މަދު އަދި ދީނީ ރޫޙަނެތް ލާދީނީ ވައްތަރުގެ މީހުން ވެއްދުމެވެ. އިސްލާން ދީނާއި އިސްލާމީ ޝަރީޢަތް ނުދަންނަ މީހުން ލައްވާ ވަރަށް ފަސޭހައިން ނުފޫޒުގެ ބާރު އޮތްބަޔަކު ބޭނުންވާގޮތަކަށް ބޭނުންވާކަމެއް ކުރެވިދާނެއެވެ.
އަދި އެ މިހާއަށް ވެސް އެއީ ތިމަންނައަށް އިލްމީގޮތުން ހައްގު މަގާމެއް ނޫންކަމާއި ތިމަންނައަށް އެ މަގާމު ލިބިފައިވަނީ މިވެނި ސިޔާސީ މީހެއްގެ ނުފޫޒުންކަން ރަނގަޅަށް އެނގޭތީ އެ ފަދަ ކަމެއް ކުރިމަތިވާ ހިނދު އެކަން ކޮށްދިނުން އެފަދަ މީހުން ދެކޭނީ އުފަލެއްގެގޮތުގައެވެ. އެ މަގުސަދު ހާސިލުކުރުމަށް ޓަކައި އަބަދުވެސް ސިޔާސީ ނުފޫޒުތައް މަސައްކަތްކުރާނީ އެތަނަށް ތިމާމެން ބުނާހާގޮތަކަށް ހުކުންތައް ލިޔެދޭނެ ބަޔަކު ވެއްދުމަށެވެ. އެއާ ޚިލާފަށް ޝަރީޢަތް ދަންނަ ދިނީ ޢިލްމުވެރީން ޖުމުލަގޮތެއްގައި ތިބޭހުށީހައްގު މަތީގައެވެ.
އެފަދަ މީހުން މަސައްކަތްކުރާނީ އަބަދުވެސް ހައްގާ އެއްކޮޅަކަށެވެ. ސިޔާސީ މީހުން ބުނާހާގޮތަކަށް ދީލާ ވައްތަރުގެ ދީނީ ޢިލްމުގެ ސިއްކަ ޖަހައިގެން ހުރި މީހަކު ވެސް ޝަރުޢީދާއިރާގައި ހުރުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް އެއީ ވަރަށް ވެސް މަދުވައްތަރެކެވެ. އާއްމުގޮތެއްގައި ދީނީ ޢިލްމުވެރީން ލައްވާ ސިޔާސީ މީހުން ހިތުހުރިގޮތަކަށް ޝަރުޢީ ދާއިރާގައި ނުފޫޒުގެ ބޭނުންކުރުމަކީ ވަރަށް ވެސް ނާދިރުކަމެކެވެ. ﷲގެ ވަޙީބަސްފުޅުން އެކަމަށް އިޝާރާތްލިބެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (اللَّهއަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން علمވެރިންނެވެ. سورة فاطر)
ފަނޑިޔާރުންގެ މުސްތަޤިއްލުކަން ބިނާވާ އަސާސަކީ އެބައިމީހުންނަށް ލިބިފައިވާ ތަޢުލީމާއި ތަރުބިޔައްތުގެ މައްޗަށެވެ. ޝަރްޢީ އަދި ޤާނޫނީ ޢިލްމު ލިބިގެން ނޫނީ މުސްތަޤިއްލުކަމާއެކު މީސްތަކުގެން މެދުގައި ފައިޞަލާ ނުކުރެވޭނެ އެވެ. ދިވެހިރާއްޖޭގެ ތިބި ފަނޑިޔާރުންގެ ތެރެއިން މިވަގުތު އިސްލާމީ ޝަރީޢާގެ ދާއިރާގެ ރޮނގުން ޕީ.އެޗ.ޑީ އެއް ހައްދަވާފައި ވަނީ ވަރަށް ވެސް މަދު ބޭފުޅެކެވެ. ނުވަތަ ނެތެވެ. އޭގެ އިތުރުން، ބެޗެލަރސް އާއި މާސްޓަރސްގެ ޑިގްރީ ޙާޞިލްކޮށްފައިވާ ބޭފުޅުން ވެސް މިހާރު ޝަރްޢީ ދާއިރާގައި އެބައުޅުއްވައެވެ. ނަމަވެސް ޢާއްމުކޮށް ބަލާއިރު އަދިވެސް ގިނަ ފަނޑިޔާރުންގެ އިސްލާމީ ޝަރީޢާގެ ޢިލްމީ ފެންވަރު ޢަދުލު ޤާއިމް ކުރުމަށް އިސްކުރެވޭ ވަރަށްވުރެ މާބޮޑުތަން ވެސް ދަށެވެ. ގާނޫނީ ރޮގުން ބެޗްލަރސް އާއި މާސްޓަރސްގެ ޑިގްރީ އެއް އޮތްކަމުގައި ވިޔަސް ނުވަތަ ޑިޕްލޮމާއެއް އޮތްކަމުގައި ވިޔަސް ޙަޤީޤަތަކީ ފަނޑިޔާރުންނަކީ ޝަރީޢާ ރަނގަޅަށް ދަންނަ އަދި ޢިލްމީ ޝަރީޢަތުގެ އަލީގައި ދިރާސާތައް ހެދޭ ފެންވަރުގެ ބަޔަކަށް ވާންޖެހެއެވެ. ނޫންނަމަ ހުށަހެޅޭ މައްސަލަތަކަށް ރަނގަޅު ޙައްލެއްހޯދަން ގިނަފަހަރަށް ދަތިވާނެއެވެ.
އާ ޤާނޫނު އަސާސީ އާ ގުޅިގެން ފަނޑިޔާރުން ވަކި މުއްދަތެއްގެ ތެރޭގައި ޢިލްމީގޮތުން އަހުލުވެރިވާން ޖެހެއެވެ. ނަމަވެސް ކިޔަވަން ހުސްވުމަށް އެދޭ ފަނޑިޔާރުންނަށް ޖުޑިޝަރީން އެ ފުރުޞަތު އޮތީ ވަރަށް ހަނިކޮށްފައިކަން ފާހަނގަކުރެވެއެވެ. ހަގީގަތަކީ ސަރުކާރުން އެއްގޮތަކަސް ވެސް ރައްޔަތުން ކިޔަވައިގެން މޮޅުބަޔަކަށްވާން ބޭނުމެއްނުވެއެވެ. އެއް ސަބަބަކީ ގިނަ ބަޔަކު މަތީތަޢުލީމު ހާސިލުކޮށްފިނަމަ ދެން ސިޔާސީ މީހުން ދައްކާ ހުރިހާ ވާހަކައަކަށް އެ މީހުން ”އާދެ! މަސާހިބާ“ ކިޔެކިޔެ ނުތިބޭނެއެވެ. އަދި އެގޮތަށް އުޅެން އެ ފަންތީގެ ގިނަ ބަޔަކު ބޭނުމެއްވެއް ވެސް ނުވާނެވެ. އެ ބިރު އޮތަތީވެ މުޅި ދިވެހި ރާއްޖޭގެ ތަޢުލީމީ ނިޒާމުވަނީ މަތީ ތަޢުލީމަށް ފުރުސަތު ވަރަށް ވެސް ހަނިކޮށްފައެވެ. މަތީ ތަޢުލީމޭ މިދަންނަވަނީ ފުރަތަމަ ޑިގުރީއަށްވުރެ މަތީ ޑިގުރީތަކުގެ ވާހަކައެވެ. މީގެ ބައެއް ހެކިތައް ދަންނަވާލާނަމެވެ.
އެކެއް: ބައެއް ފަނޑިޔާރުން ހަފްތާ ބަންދުގައި ކިޔެވުމަށް ވެސް މީގެ ކުރީން ހުއްދަ ނުދެއްވާކަން ފާހަގަ ކުރެވެއެވެ. އަދި މަތީ މަރުޙަލާގެ ތަޢުލީމަށް ރާއްޖެއިން ބޭރަށް ދާން ޝައުޤުވެރިވާ ފަނޑިޔާރުންނަށް އެފަދަ ކަންކަމަށް ބޭނުންވާ މާލީ އެހިތެރިކަމާއި އަދި ފަންނީ އެހީތެރިކަމުގެ އެއްވެސް އަތެއް ފޯރުކޮށްދިނުމުގެ ނިޡާމެއް ޖުޑިޝަރީގައި ޤާއިމް ކުރެވިފައި ނެތި އޮއްވާ މީގެ ދުވަސްކޮޅެއްކުރިން އެ ފުރުސަތު ކޮންމެވެސް ބަޔަކު ހަޅޭލަވާގެން ކަމުގައި ވިޔަސް ހުޅުވިއްޖެއެވެ. ނަމަވެސް އަދި އެ ކަން ފަޑިޔާރުންނަށް ރަނގަޅަށް ނޭގެނީސް އެއޮތީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ބަންދުކޮށްލާފައެވެ. ބެނުމަކީ ފަނޑިޔާރުގޭގައި ޖާހިލުން ބައިތިއްބަގެން ތިމާމެން ބެނުން ކުޅިގަނޑެއްޖަހާށެވެ.
ދޭއް: ދިވެހިރާއްޖޭގައި މުދައްރިސުންގެ ޢިލްމީ ޞަލާޙިއްޔަތު ވަނީ ގަސްތުގައި ބަލިކަށިކުރެވިފައެވެ. އެއީ ގެންގުޅޭ ސިޔާސަތެއްގެ ދޯހަޅި ކަމުންނެވެ. ދިވެހިން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް ގަޔާވާ ގޮތަށް ނުކުރެވޭތީއެވެ. ބައެއް މަޤާމުތަކަށް އެކަށީގެންވާ ދިވެއްސަކު ނުލިބުމުން ދެން ގެންނަން ޖެހޭނީ ކޮންމެވެސް ގައުމަކުން ބޭރު މީހަކެވެ. ދެން އެ ބޭރު މީހާ މުސްކުޅި ވަނީ ވެސް ހަމަ އެ ވަޒީފާގައެވެ. އެ ތަނަށް ދިވެއްސަކު ކޮލިފައިވާ ގޮތެއް ދުވަހަކު ވެސް ނުވެއެވެ. އެއީ ގަސްތުގައި ދިވެހިންނަށް އެފުރުސަތު ހަނިކޮށްފައިވާތީއެވެ. މިކަމުގައި ޒިއްމާ އުފުލަންޖެހޭ ބަޔަކީ ކޮބައިކަން ހޯދައިބަލައި މީޑިޔާގައި ސުވާލުކުރަން ޖެހެއެވެ. އެ މީހަކު ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހެއެވެ. އާދެ! ކޮންމެއަކަސް ބުއްދިވެރި ސިޔާސަތަކަށް ވާންވާނީ ދިވެއްސަކު ނުލިބިގެން ބޭރު މީހަކު ގެންނަ ވަޒީފާއަކަށް ވީހާ ވެސް އަވަހަކަށް ދިވެއްސަކު އަހުލުވެރި ކުރުމަށް މަސައްކަތް ކުރުމެވެ. މިސާލަކަށް ޔުނިވަރުސިޓީގެ ގަވާއިދުގެ ދަށުން ދިވެހި މީހާ އެ މަގާމަކަށް އަހުލުވެރިނުވީ އެ މީހާގެ އަތުގައި ވަކިވައްތަރެއްގެ ފާހެއް ނެތިގެން ކަމުގައި ވެއްޖެ ނަމަ ސަރުކާރުން ކިތަންމެ ބޮޑު ޚަރަދެއްކޮށްގެންވިޔަސް އެ މީހާ ދުނިޔޭގެ ކުރިއަރާފައިވާ ޔުނިވަރުސިޓީއަކަށް ފޮނުވައިގެން އެކަމެއް ފުރިހަމަ ކުރުވުމެވެ. ސަރުކާރުން ބޮޑު ޚަރަދުކޮށްގެންނޭ ބުނި ބަހުގެ މާނައަކީ އެ ގޮތަށް އަހުލުވެރި ކުރަން ޖެހޭ މީހާގެ އަނބިދަރީން ތިބެއްޖެ ނަމަ އެ ޚަރަދުތައް ވެސް ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ނުވަތަ ރީތި، ލުއި، ފަސޭހަ އުސޫލެއްގެ ދަށުން އަނބުރާ ދައްކާ ގޮތަށް ވިޔަސް އުފުލުމެވެ. ކިޔެވުމަށް ފުރުސަތު ދިނުމަކީ އެއީއެވެ. މިއީ ދިވެހިރާއްޖޭގެ އިގުތިސާދަށް ބަލާއިރު ނުކުރެވޭނެ ވަރުގެ ކަމެއްނޫނެވެ. ނަމަވެސް ހިތާމައަކީ ނުކުރެއެވެ.
އޭ ލޮބުވެތި ރައްޔަތުންނޭވެ. ނިކަން ވިސްނަވާށެވެ. އީދު ބޮކި ދިއްލަން ޚަރަދުކުރަން ފައިސާ އެބަހުއްޓެވެ. ފައިސާ ނެތީ ފަޑިޔާރުން ކިޔަވާށެވެ. އީދު ބޮކި ދިއްލިއްޖެނަމަ ނިމުނީއެވެ. ރައްޔަތުންނަށް ބޭސް ނުލިބުނަސް އެންމެ ރަނގަޅެވެ. މިއީ ސަރުކާރުގެ ސިޔާސަތެވެ.
ތިނެއް: ގާނޫނު އަސާސީ ބުނަނީ އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ނެތި އުނގެނުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ. އަދި މަޤާމަކަށް ސިވިލް ސަރވިސްގައި ހިމެނޭ މީހަކުވިޔަސް އަދި ނުހިމެނޭ މީހަކުވިޔަސް ޢައްޔަނު ކުރަންޖެހޭ މިންގަނޑަކީ މެރިޓް ކަމަށް ބަލައިގެންކަމަށް ގާނޫނުގައި ބަޔާންކުރެވިފައިވާ އަސާސު ބިނާވެފައިވަނީ ވަޒީފާގެ ޝަރުޠުތައް ފުރިހަމަވުމާއި ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ހުނަރަށް އަދި މަސައްކަތުގެ ތަޖުރިބާގެ މައްޗަށެވެ. ހުރިހާ ދާއިރާއަކަށް ވެސް އެ މިންގަނޑު މުހިންމެވެ. ތައުލީމީ ދާއިރާއަށް ބެލިކަމުގައި ވިޔަސް ގަނޫނު ބުނަނީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި މަސައްކަތްކުރާ މުދައްރިސުން ވާންވާނީ، ކަމަށް އެކަށޭނަ ސަނަދު ލިބިފައިވާ ފެންވަރު ރަނގަޅު މުދައްރިސުންކަމުގައެވެ. ވަޒީފާއާބެހޭ ޤާނޫނުން ކަށަވަރުކޮށްދޭ ކަންކަމުގެ އިތުރުން މުދައްރިސުންނަށް ލިބިދެވޭނެ ޢިނާޔަތްތަކާއި ރައްކާތެރިކަމާގުޅޭ މިންގަނޑުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މިނިސްޓްރީން ކަނޑައަޅަންވާނެކަމަށެވެ. ނަމަވެސް މައްސަލައަކީ ސަރުކާރުގެ ވަޒިފާއަަކަށް ވަނުމަށްފަހު ތަޢުލީމީ ފެންވަރު މަތިކުރުމަށް ޓަކައި ދިވެހި ޒުވާނުންނަށް ސަރުކާރުން ފުރުސަތު ގަސްތުގައި ނުދެއެވެ. ނުވަތަ އޮންނަނީ ވަރަށް ވެސް ހަނިކޮށްފައެވެ. އެ ގޮތުން ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް ތަޢުލީމީ ފެންވަރު މަތިކުރުމުގެ އިންސާނީ ހައްގާ މެދު ސަރުކާރުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައެވެ. އެގެ ހަގީގަތަކީ:
ފުރަތަމަ ހަގީގަތަކީ: ބުރަ މަސައްކަތް ކޮށްގެން އަދި ދަރަނިވެރިވެގެން މަތީ ތައުލީމުގެ ރޮގުން ފުރަތަމަ ޑިގުރީ ނަގާގެން ދިއުމުން ބައެއް ފަހަރަށް ވަރަށް ފަސޭހައިން ސަރުކާރުގެ ވަޒީފާތަކަށް ވައްދާލައެވެ. މިސާލަކަށް ފުރަތަމަ ޑިގުރީ ނަގައިގެން އަންނަ މެޑިކަލް ޑޮކުޓަރުންނާއި ޓީޗަރުން އަދި ނޫންވެސް ޕުރޮފިޝަނަލް މުވައްޒަފުންނެވެ. ދެން އެ މުވައްޒަފަކު ހުންނާނީ އެ ވަޒީފާމަތީގައި ރައްޔަތުންގެ ޚިދުމަތުގައެވެ. އެ ވަޒިފާއަަށް ވަނުމަށްފަހު ތަޢުލީމީ ފެންވަރު މަތިކުރުމަށް ޓަކައި އިތުރު ފުރުސަތެއް ނޮއެވެއެވެ. އެގޮތަށް ތިބެގެން ބައެއް މީހުންގެ އުމުރު ހުސްވެގެންދެއެވެ. ޕެންޝަން ލިބޭ އިރު ދެން ޖެހޭނީ ހުސް ދެއަތާ ގޭގައި މަޑުކޮށްލާށެވެ. ޕުރޮފިޝަނަލް މީހުންގެ ޖަރަދައަކަށް ވާންޖެހޭނީ ޕެންޝަން އުމުރަށްދާއިރު އެ ދާއިރާއަކުން އެންމެ މަތީ އިލްމީ ފާހެއް ލިބިފައިވުމުގެ އިތުރުން ލިބިފައިވާ ހުނަރާއި ތަޖުރިބާގެ ވަސީލަތުން އެ ދާއިރާއަކުން ކޮންސަލްޓެއްޓެއްގެ ދަރަޖަ ލިބިފައިވުމެވެ. ނަމަވެސް މުވައްޒަފުންގެ ތަޢުލީމީ ފެންވަރު މަތިކުރުމުގައި ސަރުކާރު އިހުމާލުވެފައިވާތީ އެ ފުރުސަތު ދިވެހި ޒުވާނުންނަށް ވަނީ ގެއްލިފައެވެ.
ދެވަނަ ހަގީގަތަކީ: މަތީ ތައުލީމުގެ ރޮގުން ފުރަތަމަ ޑިގުރީ ނަގާގެން ރައްޔަތުންނަށް ޚިދުމަތްކުރުމަށް ސަރުކާރަށް ވަންނަ މުވައްޒަފުންގެ ތެރެއިން އަމިއްލަ ޚަރަދުގައި އިތުރަށް ކިޔެވުމަށް ދާން ބޭނުންވާ މުވައްޒަފުންނަށް ޕޭލިވު ހަމަޖެހިގެން ދިއުމަކީ ވަރަށް ވެސް ނާދިރުކަމެކެވެ. ގިނަފަރަށް އެފަދަ އިސްލްތިމާސެއް މުވައްޒަފަކު ކޮށްފި ނަމަ ޖަވާބަކަށް އޮންނަނީ ”ކިޔަވަން ބޭނުން ނަމަ ވަޒީފާ ދޫކޮށްލާ ނުވަތަ ނޯޕޭލިއުއަކަށް ދޭ “ ފަދަ ހަރުކަށި ޖަވާބެކެވެ. ނަމަވެސް ކިޔަވަން ބޭނުންވާ ގިނަ މުވައްޒަފުންނަކީ އަނބިދަރީންގެ ޚަރަދުބަރަދުގައި ޒިއްމާ އުފުލަން ޖެހިފައިވާ ބަޔަކަށްވާތީވެ މުސާރަ ނުލިބޭގޮތަށް ކިޔަވަން ވީއްލިގެން ތިބުން އޮންނަނީ ވަރަށް ވެސް އުނދަގޫ މައްސަލައަކަށްވެފައިއެވެ. ނަތީޖާއަކަށް ވަނީ ރައްޔަތުންނަށް ޚިދުމަތް ދިނުމުގައި ކޮންމެ ހެންމެހެން ވެސް ބޭނުންވާ އިލްމީ މައުލޫމާތާއި ތަޖުރިބާ މަދުވުމުގެ ސަބަބުން ޚިދުމަތް ފުރިހަމައަށް ރައްޔަތުންނަށް ނުލިބުމެވެ. އެކަމުގެ ސަބަބުން ދިމާވާ އެއް ދައްޗަކީ މިސާލަކަށް މެޑިކަލް ޑޮކުޓަރަކަށް އިސްޕެޝަލައިޒު ވުމުގެ ފުރުސަތު ގެއްލިފައިވުމުގެ ސަބަބުން އޭނާގެ ބަލިމީހާއަށް ރާއްޖެތެރޭގައި ނަމަ މާލެ ދާން ޖެހުމެވެ. ނުވަތަ ރާއްޖެއިން ބެރަށް ދާން ޖެހުމެވެ. އެ ހިނދު ޚަރަދުވާ ފައިސާއަކީ އެ ބަލި މީހާގެ ޖީބުން ޚަރަދުކުރިކަމުގައި ވިޔަސް ދައުލަތުގެ ބައިތުލްމާލުން ގެއްލިގެންދާ އެއްޗެކެވެ. އޭގެ އަނެއް މިސާލަކީ މުދައްރިސަކަށް އިތުރަށް އުނގެނުމުގެ ފުރުސަތު ގެއްލިފައިވުމުގެ ސަބަބުން އޭނާގެ ދަރިވަރަށް ލިބެންޖެހޭ ފުރިހަމަ މައުލޫމާތު ނުލިބުމެވެ. ނުވަތަ ތައުލީ ޖީލަށް އިލްމީގޮތުން ބަލިކަށިކަން ވާރުތަވުމެވެ. ރާއްޖޭގައި ތައުލީމީ ދާއިރާގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ވެސް ނިމޭ ދަރިވަރުންގައި ހުރުން ލާޒިމުކުރާ އިލްމީ ފެންވަރު ނެތުމެވެ. މުދައްރިސުންގެ ފެންވަރު ރަނގަޅު ނުވެ ދަރިވަރުންގެ ފެންވަރު ރަންގަޅު ނުވާނެކަމާމެދު އެއް ވެސް އޮޅުމެއްނެތެވެ. ކަމުގެ ހަގީގަތާ ހަމަޔަށް ވާސިލުވުމަށް ޓަކައި ތައުލީމީ މުއައްސާތަކުގެ ޚާއްޞަކޮށް ޔުނިވަރިސިޓީތަކުގެ މުދައްރިސުންގެ ތައުލީމީ ވަނަވަރު މުރާޖާކޮށްލައްވާށެވެ. މިދުވަސްވަރުގެ ޝަރުޠަކީ އެންމެ ދަށްވެގެން ޔުނިވަރުސިޓީ ލެކުޗަރާރެއް ނަމަ އެ ދާއިރާއަކުން ޕީ.އެޗް.ޑީ. އޮތުމެވެ. ނަމަވެސް ހާލަތު ހުރިގޮތް އަމިއްލަ އަތުން ހިފައި އަމިއްލަ ލޮލުން ދެކެލާށެވެ. ބައިނަލްއަގުވާމީ ކެޓަގަރީއަށް ޔުނިވަރުސިޓީތަކުގެ މުދައްރިސުންގެ ޝަރުޠު ފުރިހަމަވޭތޯއެވެ؟ ނުވަތަ ދިވެހިން އެ ވަޒީފާއަށް ޝަރުޠު ފުރިހަމަ ނުވާތީ ގެންގުޅެން ޖެހިފައިތިބީ ކިތައް ބިދޭސިންތޯއެވެ؟ މިއީ ސަރުކާރުގެ ސިޔާސީ ފެންވަރުގައި ވިސްނައި ފިކުރުކޮށް ރަނގަޅުކުރަން ޖެހިފައިއޮތް ކަމެކެވެ.
ތިންވަނަ ހަގީގަތަކީ: އަމިއްލަ ޚަރަދުގައި ތަޢުލީމީ ފެންވަރު މަތިކުރުމަށް އެދޭ މުވައްޒފުންގެ ތެރެއިން ޕޭލީވު ލިބެނީ ވަރަށް ވެސް މަދުބަޔަކަށެވެ. އަޅުގަނޑާ މައުލޫމާތު ހިއްސާކުރާ މީހުން ގަބޫލުކުރާގޮތުގައި ކިޔެވުމަށް ޕޭލިވު ހަމަޖެހެނީ ސަރުކާރުތެރެއިން ގަދަފަދަ ނުފޫޒެއް އޮންނަ ބަޔަކަށް އެކަންޏެވެ. ދެރަ ނިކަމެތި ރައްޔަތަކަށް ވެއްޖެ ނަމަ ކިޔަވުމަށް ޕޭލިވު ލިބުމުގެ އުއްމީދު ވަރަށް ވެސް ކުޑައެވެ. ސަރުކާރުގެ މުވައްޒަފުންގެ ތައުލީމީ ގާބިލުކަން ބަލިކަށިވެފައިވަނީ އެކަމުގެ ސަބަބުންނެވެ.
ހަތަރުވަނަ ހަގީގަތަކީ: ދިވެހި އެތަކެއް ޒުވާނުންތަކެއް ޕުރައިވެޓު ސެކުޓަރުގައި ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާތައް އަދާކުރެއެވެ. ސަރުކާރުގެ ވާޖިބަކަށްވާންވާނީ އެ ޒުވާނުންގެ ތަޢުލީމީ ފެންވަރު މަތިކުރުމަށް އަމިއްލަ ޚަރަދުގައި ކިޔަވަން ދާންބޭނުންވާ މީހުންނަށް ޕޭލީވު ލިބޭނެ އުސޫލެއް ވަޒީފާ ދޭފަރާތްތަކަށް ލާޒިމުކުރާގޮތަށް ގާނޫނާއި ގަވާއިދު ހެދުމެވެ. ނަމަވެސް އެއީ މިއަދާއިހަމަޔަށް ސަރުކާރު ވިސްނާފައިވާ ކަމެއް ނޫނެވެ.
މިވާހަކައިން ވާސިލުވި ނަތީޖާއަކީ ވަޒީފާގައި ތިބެގެން ޒުވާނުންނަށް އިތުރަށް ކިޔެވޭނެ ހުރިހާ ދޮރުތަކެއް ރާއްޖޭގައިވަނީ އުނދަގޫ ކޮށްފައެވެ. ނުވަތަ ވަށްތަރަކަށް ބަންދުކޮށްފައެވެ. ވަކާވަކާ ފަރުދަކަށް ވަޒީފާގައި ހުރެގެން އިތުރަށް ކިޔެވުމަށް ޕޭލިވު ލިބިފައިވަނީ ސިޔާސީ ނުފޫޒުގެ ސަބަބުންނެވެ. އާއްމު ނިކަމެތީންނަކަށް އެ ފުރުސަތެއް ނެތެވެ. އެހެންކަމުން ވަޒިފާގައި ތިބެގެން ޒުވާނުންނަށް އިތުރަށް ކިޔެވޭނެ މަގު ފަހިކުރުމަށް ޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް އިސްލާހުތަކެއް ގެންނަންޖެހެއެވެ.
ނިންމާލާނީ: އަމިއްލަ ޚަރަދުގައި ތަޢުލީމީ ފެންވަރު މަތިކުރުމަށް ޓަކައި ވީއްލޭ މުވައްޒަފުންނަށް ދޭ ޕޭލީވުގެ ފުރުސަތު މިހާރު ހަނިކުރެވިފައިއޮތްއޮތުން ނިމުމަކަށް ގެނަސް އެމަގު މުވައްޒަފުންނަށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރާއި ކަމާބެހޭފަރާތްތަކަށް އިލްތިމާސުކުރަމުންނެވެ.
2 Responses
ތައުލީމާއި ތަޖުރިބާ ލިބިފައިވާ ދިވެހިން ގެ ވިސްނުން އެބަޖެހޭ ބަދަލު ކުރަން ތައުލީމާއި ތަޖުރިބާ ނެތް ސިޔާސީން އެމީހުންގެ އަމިއްލަ އެދުމާގެން ގައުމު ހަލާކުގެ ތެރެއަށް ވަށްޓާލާއިރު ވެސް ހަމަ ބަލަން ތިބެނީތޯ؟ ހަމަ އަޅާވެސް ނުލާ . ހެޔޮނުވާނެ މިގައުމުގަ ތިއްބެވި އިލްމީ ދަރީން އިސް ސަފަށް ނުކުމެ މާތްވެގެންވާ އިސްލާމްދީނާ މިގައުމާއި ލޯބިވާ ރައްޔިތުންގެ ހައްގުގައި އިސްލާހީ މަސައްކަތް ފަށަން ވެއްޖޭ
މިހާރު އޮފީސް ތަކުގައި ތިބެނީ ކިޔަވާ ކުދިންނާއި ކުޅިވަރު ކުޅޭކުދިން. ކޮންމެވެސް ކޯހެއްގައި އެސައިންމަންޓު ހަދާނީ އޮފީހުގައި މަޑުކޮށްލެވޭ ވަގުތު. މަސައްކަތްތައް ކުރަންޖެހޭނީ ދެމީހަކު. ދެން އުޅޭ އެކި މުބާރާތްތަކުގައި. މިކަންކަމަށް ހައްލެއް ގެންނަންޖެހޭ އެބަ.