ރާއްޖޭގައި އެއްފަހާރާ އެންމެ ގިނަ އަދަދަކަށް އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ގާއިމްކުރުމަށް ބަޔަކާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖޭގައި އެއްފަހަރާ އެއްމެ ގިނަ އަދަދަކަށް އިރުގެ އަލިން ހަކަތަ އުފެއްދާ ނިޒާމް ގާއިމް ކުރުމަށް ތައިލެންޑް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ހުޅުލެ އާއި ހުޅުމާލެ ގުޅުނު ސަރަހައްދުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ހަކަތަ އުފައްދާ މި ނިޒާމް ގާއިމްކުރުމަށް ހަވާލުކުރުމުގެ ގޮތުން މިއަދު ވަނީ ތައިލެންޑްގެ އެންސިސް ކޯ ލިމިޓެޑައީއެކު އެއްބަސް ވުމެއްގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަންއެވެ. އަދި ތައިލޭންޑްގެ އެންސިސް ކުންފުނިން ފަރާތުން ސޮއިކުރީ އެކުންފުނީގެ އެގްޒެކްޓިވް ޑިރެކްޓަރ ޗުމްޕުލް ޕަޓަނުކުމެވެ.

އެންވަޔަރަމެން މިނިސްޓްރީން ބުނީ މިއީ ވޯލްޑް ބޭންކާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ގުޅިގެން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދެ ވަނަ ފިޔަވަހީގެ ދަށުން ގާއިމް ކުރުމަށް ހަމަޖައްސާފައިވާ ސޯލާ ވީޕީ ސިސްޓަމެއްކަމަށެވެ.

މިއަދު ސޮއިކުރެވުނު އެސްޕަޔަރގެ ދެ ވަނަ ފިޔަވަހިން އެކަނިވެސް ދައުލަތުން ތެލަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން އަންދާޒާކުރެއެވެ. އެގޮތުން މި ފިޔަވަހީގެ 5 މެގަވޮޓްގެ ސޯލާއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 މިލިއަން އަހަރަކު ރައްކާކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން އަންދާޒާ ކުރެއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މިއަދު ސޮއިކުރެވުނު 5 މެގަވޮޓްގެ ސޯލާއިން އުފައްދާ ކަރަންޓް ސްޓެލްކޯއަށް އެއްބަސްވުމުގެ ދަށުން ގަންނަން ލިބެނީ މީގެ ކުރީން ސޯލަރ ހަކަތައިން އުފައްދާ ކަރަންޓް ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި އަދަދަށެވެ.

މި ނިޒާމް ޤާއިމުކޮށް އޭގެއިން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ.
އެސްޕަޔަރ ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިންގް ޔުނިޓްތަކުގައި ޤާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި އެސްޕަޔަރގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުލެ ހުޅުމާލޭގައި ފަސް މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމުކުރަން ހުޅުވާލި ފުރުސަތުގައި 21 ކުންފުންޏަކުން ޝައުޤުވެރިކަން ފާޅުކުރިއެވެ.

އެ މިނިސްޓްރީން ހާމަކުރާގޮތުގައި ސޯލަރ ޕީވީގެ ނިޒާމް ހުޅުލެ އަދި ހުޅުމާލޭ ގުޅުވައިދޭ ލިންކް ރޯޑްގައި ގާއިމުކުރާ ސްޓަރަކްޗަރ ޑިޒައިންކޮށްފައި ވަނީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް އަދި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ޕޭވްމެންޓް ބޭނުންކުރެވޭ ގޮތަށެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ސޯލަރ ޕީވީގެ ނިޒާމް ގާއިމުކޮށްފައިވާ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއްވެއްޖެ ހާލަތެއްގައި ސްޓަރަކްޗަރ މަރާމާތްކޮށް ބެލެހެއްޓުމަކީ އެއްބަސްވުމުގެ ދަށުން ސޯލަރ ހަކަތައިގެ ނިޒާމު ގާއިމުކުރާ ކުންފުނީގެ ޒިންމާއެކެވެ.

މި ނިޒާމން ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވެނީ 2021 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ތިމާވެއްޓާބެހޭ މިނިސްޓްރީން ހާމަކުރެއެވެ.

އެސްޕަޔަރ މަޝްރޫއަކީ، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށްކުރާ ޚަރަދު ކުޑަކޮށް ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވާރލްޑް ބޭންކްގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ މަޝްރޫއެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް