ދިވެހިރާއްޖެއަކީ ލިޔެވިފައިވާ ތާރިޚަށް އެކަނި ބެލިޔަސް މީލާދީ ގޮތުން މީގެ 870 (އަށްސަތޭކަހަތްދިހަ) އަހަރު ކުރިން މީހުން ދިރިއުޅެމުން އައިސްފައިވާ ޤައުމެއްކަން އެނގެން އެބައޮތެވެ. އެއީ މީލާދީ ގޮތުން 1153 ގައި ދިވެހިރާއްޖެ އިސްލާމްދީނުގެ ހިދާޔަތަށް ދިޔަ ހިސާބުންނެވެ. އަދި ދިވެހިރާއްޖެ ގުދުރަތީ ގޮތުން މިއޮންނަ އަށި، މޯލްޑިވްސް ރިޖުގެ އެންމެ ދެކުނުގައިވާ ރަށްތަކަކީ ފޯޅަވަހީގެ ރަށްތަކެވެ. ދިވެހިރާއްޖޭގެ ތާރީޚުގެ އެކިއެކި ހިސާބުގައި ފޯޅަވަހީގެ ވާހަކަ އެކިގޮތްތަށް ލިޔެވިފައި އެބަހުއްޓެވެ.
ދިވެހީން، ޚާއްޞަކޮށް ދިވެހިރާއްޖޭގެ ދެކުނުގައި ދިރިއުޅޭ އަހުލުވެރީން ފޯޅަވަހީގެ ވާހަކަ ދައްކާ އުޅެއެވެ. އަދި ދެކުނުގެ މަޝްހޫރު މާލިމީން އެބައިމީހުންގެ ނިޔަމި ފޮތުގައި ފޯޅަވަހި ހިމަނާފައި ވަނީ ފޯކުލޯރ ވާހަކައެއްގެ ގޮތުގައެއް ނޫނެވެ. މިގޮތުން އައްޑޫ ހުޅުދޫ އަރާއިރަގޭ މާލިމީ މޫސާ ތައްކާނުގެ ނިޔަމި ފޮތުން މިކަން އެނގެން އޮވެއެވެ. އަދިވެސް ފާހަގަ ކުރެވޭ އަނެއްކަމަކީ ފޯޅަވަހީގައި އަދި ސީޝެލްސްގައިހެދޭ ތާވަށް ކާށީ ނުވަތަ ލޮޑޯޝިއާ މޯލްޑިވިކާ (Lodoicea maldivica) އަކީވެސް ދިވެހީންނަށް އެންމެ ކުރިންފެނިފައިވާ އަދި އެއަށް އިނގިރޭސި ނަމެއް ދިވެހިރާއްޖެއާއި ގުޅުވާފައި ދީފައިވުމެވެ. އެއީ ދިވެހި ރަސްރަސްކަލުން ހަދިޔާއެއްގެ ގޮތުގައި ދުނިޔޭގެ އެހެނިހެން ވެރީންނަށް ވެދުމަށް ފޮނުވާފައި އެއްޗެއްކަންވެސް އިހުގެ ތާރީޚީ ލިޔުންތަކުން އެނގެއެވެ.
ދިވެހިރާއްޖެ އަށް މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައެވެ. އަދި މޮރިޝަސް ކިޔާ ޤައުމެއް މުޅި ދުނިޔެވެސް ބަލައިގެންފައި ވަނީ 12 މާރިޗު 1968 ގައެވެ. 14 ޑިސެމްބަރ 1960ގައި ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ އިން ފާސްކުރި 1514 ރިޒޮލިއުޝަންގެ ދަށުން ފޯޅަވަހި ޖެހޭނީ ޑީކޮލޮނައިޒް ކުރާށެވެ.
އިސްވެ ބަޔާން ކުރެވުނު ޔުނައިޓެޑް ނޭޝަންސްގެ ޤަރާރުންވެސް އެނގެނީ ފޯޅަވަހީގެ ރަށްތަށް ޑީކޮލޮނައިޒް ކުރުމުން އެރަށްތައް ލިބޭނީ ދިވެހިރާއްޖެ އަށް ކަމުގައެވެ. އެހެނީ މި ޤަރާރު ފާސްކުރެވުނުފަހުން އެންމެ ފުރަތަމަވެސް މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައިވަނީ ދިވެހިރާއްޖެ އެވެ. އުރުފީ ޤާނުނު ނުވަތަ ކަސްޓަމަރީ ލޯއަށް ބެލިކަމުގައި ވިޔަސް ދިވެހިރާއްޖެ އޮތް އޮޅީގައި ވުމާއި މި ޞަރަޙައްދުގައި އެންމެ ފުރަތަމަ އެތައް ސަތޭކަ އަހަރު ވަންދެން އަބާދުވެފައިވާ އެންމެ ދޮށީ ޤައުމަކީވެސް ދިވެހިރާއްޖެކަން ފާހަގަ ކުރެވެއެވެ.
އައްޑު އަތޮޅު މީދޫ އުނިސާރިގޭ އަޙްމަދު މުޖުތަބާގެ ފޯޅަވައްސާ ގުޅޭގޮތުން ވަރަށް ފުންކޮށް ފީނުއްވައިގެން ހައްދަވާފައިވާ ދިރާސީ ލިޔުއްވުމެއް އެބައޮތެވެ. ތިރީގައި މިނަކަލު ކޮށްލަނީ އެލިޔުމުގެ ލިންކެވެ.
ފޯޅަވަހި ޞަރަޙައްދުގައިވާ ގުދުރަތީ މުއްސަނދިކަން.
އިންޑިއާ ކަނޑުގެ ތަހުލީލުތައް ކުރެވުނު ހިނދު މި ކަނޑުގައި ޕޮލިމެޓަލިކް ނޮޑިއުލްސް އެންމެ ގިނައިން ހުރީ ފޯޅަވަހި ޞަރަޙައްދުގައެވެ. މި ނޮޑިއުލްސްތަކުގައި ޤުދުރަތީ މައުދަންތައް ކަމުގައިވާ ނިކެލް، ކޮބަލްޓް އަދި މެންގަނީސް އެބަހުއްޓެވެ. މިތަކެތީގެ މިހާރުގެ ބާޒާރުގެ އަގަކީ 100 (ސަތޭކަ) ބިލިއަން ޑޮލަރެވެ. މި މައުދަންތަކުގެ ތެރެއިން ނިކެލް އަދި ކޮބަލްޓް އަކީ މިވަގުތު ދުނިޔޭގެ އުފެއްދުންތެރިކަމުގެ ކާރުޚާނާތަކަށް ވަރަށް މުހިންމު ދެ މައުދަނެވެ. އެގޮތުން ނިކެލް އަކީ ސްޓެއިންލެސް ސްޓީލް ހެދުމަށް އަދި ކޮބަލްޓް އަކީ ރިޗާރޖް ކުރެވޭ ބެޓެރި އަދި ތިމާވެށި ރަހުމަތްތެރި އިލެކްޓްރިކް ގޮތުން ދުއްވާ ކާރުތަށް ފަދަ ތަކެއްޗަށް ނުހަނު ބޭނުންތެރި މައުދަނެވެ.