ދިވެހިރާއްޖޭގެ ތަރައްގީގެ ތަސައްވަރު -2

Loading

Facebook
Twitter
WhatsApp

https://sandhaanu.today/53885/ އާއި ގުޅޭ…..

ކަން މިހެން ހުރުމާއެކު ޢުމުރާނީ ތަރައްގީއަށް ރަނަގަޅު ތަސައްވުރެއް މި ގައުމަށް ބޭނުންވެއެވެ. 

އެކެއް:  ބޯހިޔާވެހިކަމުގެ ތަސައްވުރު :  

ހ- ދިވެހިރާއްޖެގެ އަތޮޅުތަކާއި ރައްތަކުގައި އާބަދީގެ ނިސްބަތުން ބޯހިޔާވެހިކަމުގެ ބިޔަ މަޝްރޫއެއް ހަދައި އެކަން ރާއްޖެތެރެއަށް ތަންފީޒުކުރުމެވެ.       

ށ- ބޯހިޔާވެހިކަމުގައި ހުންނަންޖެހޭ އަސާސީ ޝަރުޠުތަކާއި ބޯހިޔާވެހިކަމުގެގޮތުން ކުރެވޭ އިމާރާތްތަކުގައި ހުންނަންޖެހޭ އަސާސީ ސިފަތައް ގާނޫނަކުން ލާޒިމުކުރުމެވެ. އޭގެތެރޭގައި މިސާލަކަށް ޢިމާރަތާއި ކޮޓަރިތަކުގެ ބޮޑުމިން ކަނޑައެޅުމާއި ކޮންމެ ޢިމާރަތެއްގައި މިނީޖިމެއް ހުރުމާއި، މިނީ މާޓެއް ހުރުމާއި، ނަމާދުގެއެއް ހުރުމާއީ އެ ޢިމާރަތެއްގައި ތިބޭނެ މީހުންގެ ނިސްބަތަކުން އެއްވެވޭނެ ހޯލެއް ހުރުމާއި  އެ ޢިމާރަތެއްގައި ހުރި ކޮންމެ އެޕާޓުމެންޓަކަށް އެ ޢިމާރަތެއްގެ ދަށުގައި ކާރު ގަރާޖެއް ހުރުމެވެ. 

އަދި ޢިމާރަތުގައި ދިރިއުޅޭ މީހުންގެ ސިކުރިޓީއަށް ބުރަނައަރާފަދަ ތަންތަނުގައި އިޖުތިމާއީ ޚިދުމަތަށް ޖާގަ ހުރުމާއި ފަޔަރ ސާވިސްގެ ވަސީލަތްތައް ހުރުމާއި ޢިމާރަތުގެ ހުރި އެޕާރޓުމެންޓު ތަކުގެ ނިސްބަތަކުން ލިފިޓުތައް ހުރުމާއި ޢިމާރަތުގެ މެނޭޖުމެންޓު ހިންގޭނެ ތަނެއް ހުރުމާއި އިމާތަރުގެ ވަށައިގެން ގަސްއިންދާނެ ޕުލޭނެއް އޮތުމާއި އަދިވެސް އިތުރު ކަންކަމެވެ. 

ނ- ޢާއްމުންގެ ބޯހިޔާވެހިކަމަށް ފަންނީ އެހީތެރިކަމާއި މާލީ ހެއީތެރިކަން ދެވޭ ނިޒާމެއް އަތޮޅުތަކުގައި ގާއިމުކުރުމެވެ. މިހާރުވެސް ގެދޮރު އެޅުމަށް ލޯނުގެ ނިޒާމެއް ވަނީ ތައާރަފު ވެފަައެވެ. ނަމަވެސް ފައްނީ އެހީތެރިކަމުގެ އަތެއް ނެތެވެ. އޭގެ ނަތީޖާ އަކަށް ވަނީ ރާއްޖެތޭރޭގެ މީހުން ދަރަނިވެރި ވެގެން ނަގާ ލޯނުތަކުން ބިނާކުރެވޭ ގެތަކުގައި ހުންނަންޖެހޭ އެތެރޭގެ ރީތިކަމާއި ބޭރުގެ ފުރިހަމަކަން ނެތުމެވެ. އެހެންކަމުން ލުއި އަގެއްގައި ޢާއްމުންނަށް ބޯހިޔާވެހިކަން ޕުލޭންކޮށްދީ މަޝްވަރާދޭވެނެ ނިޒާމެއް އަތޮޅުތަކުގައި އުފެއްދުމަށް ޒުވާނުންނަށް ހިތްވަރުދިނުމެވެ. 

އެގޮތުން އެންމެފުރަތަމައަށް އެކަމަށް ބޭނުންވާ ތައުލީމަށް މަގުފަހިކޮށްދިނުމެވެ. އެއަށްފަހު އެ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ޒުވާނުންނަށް ދިނުމެވެ.  

ދޭއް: މަގުތައް ހެދުމުގެ ތަސައްވުރު : 

  ދިވެހިރާއްޖޭގައި މަގުތައް މިހާރު ހަދާ ގޮތަކީ އަވަސްއަރުވާލައިގެން ކުރީގައި ހެދިފައިހުރި މަގުތަކަށް އެހުރިގޮތަކަށް ބަހަށްޓައިގެން ތާރުއަޅައި އޮމާންކޮށްލުމެވެ. އަދި އާއްމުންގެ އަތަށް ދޫކޮށްލުމެވެ. ދެން އާއްމުން އޭގެ މާތީގައި ހިތުހުރި ގޮތަކަށް ދުއްވާތަކެތި ދުއްވަންފެށުމުގެ ނަތީޖައަކަށް ވަނީ މަގުމަތީގެ ޙާދިސާތައް ގިނަވުމާއި ހިނގައިބިގައިއުޅޭ މިހުންނަށް އަނިޔާލިބުމެވެ. 

އެކަމަށް ޙައްލެއް ގެނައުމުގެގޮތުން މަގުތައް ހެދުމުގެ އިސްޓޭންޑަޑު އެކުލެވައި އެއަށް ގާނޫނީ ޙައިސިއްޔަތު ދިނުމެވެ. އަދި ބޭނުންވާ ފަންނީ އެހީތެރިކަން ދުނިޔޭގެ އެރޮގުން ކުރިއަރާފައިވާ ގައުމުތަކުން ލިބިގަތުމެވެ. މަގެއް ހަދަނީ ނަމަ ކޮންމެހެންވެސް ކަށަވަރު ކުރުރަން ޖެހޭ މުހިންމު ކަންތައްތައް ޔޫރަޕުގެ އިސްޓޭންޑަށް ބިނާކޮށް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ. 

ހަތަރެއް: ދީނީ ތަސައްވުރު :

ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމުން އުޅެންޖެހޭގޮަތަށް އުޅެމުން ދިޔަ ބައެކެވެ. ނަމަވެސް އިޖްތިމާޢީ ގޮތުންނާއި އަޚްލާޤީ ގޮތުން ބަލާއިރު މިހާރު މިއޮތީ އަޚްލާޤީ ބަލިތަކުގެ ޝިކާރައަކަށް ވެފައެވެ. ދިރިއުޅުމަކީ ފަސޭހަކަމަކަށް ނުވާ ދަރަޖައަށް ޒުވާނުންގެ އަޚްލާޤު ވަނީ ފާސިދުވެފައެވެ. 

މިގޮތުން ވައްކަން ކުރުމާއި ފޭރުމާއި ލޫޓޫވުމާއި، މީހުން މެރުމާއި، ރޭޕްކުރުމާއި، މަސްތުވާ ތަކެތި ބޭނުން ކުރުމާއި، އަދި މީހުންގެ ޙައްޤުތަކަށް އަރައިގަތުން ވަނީ ޢާއްމުކަމަކަށް ވެފައެވެ. މުޖުތަމަޢުގައި އެއްވެސް ހަމަޖެހުމެއް ޞުލްޙަ މަސަލަސްކަމެއް ނެތެވެ. މިކަން މިގޮތަށް ދިމަވާ އެންމެ ބޮޑު އެއް ސަބަަބަކީ މިސްކިތުން ދަރީންނަށް ލިބެންޖެހޭ ތަރުބިއްޔަތު ލިބުމުގެ ދޮރު މުޖުތަމައަށް ހުޅުވާލެފައިނުވަތީއެވެ. 

ދަރީންނަށް ތަރުބިއްޔަތު ލިބޭނީ ތިންތަނަކުންނެވެ. އެއީ މަދުރަސާއީ ގެއާއި މިސްކިތެވެ. މީގެތެރެއިން މިސްކިތުން ދަރިންނަށް ލިބެންޖެހޭ ރަތުބިއްޔަތުގެ އެއްވެސް މިންވަރެއް ރާއްޖޭގައި ހުޅުވާލެވިފައިނުވެއެވެ. ކަންމިހެން އޮތުމާއެކު މިކަން ހައްލުކުރަންޖެހެއެވެ. ނަމަވެސް މިކަންތައް ހައްލުކުރެވޭނީ ދުރު ރާސްތާގެ ރަނގަޅު ދީނީ ތަސައްވުރެއް އޮވެގެންނެވެ. ފަސާދުވެފައި މި ދިވެހި އުއްމަތް އަނބުރާ އިސްލާހުކުރުމަށް ދިނީ ގޮތުން ކުރެވޭ ތަސައްވުރު ތިރީގައި އެވަނީއެވެ. 

ހ- މިސްކިތުގައި ތަރުބަވީ މާހައުލެއް ގާއިމުކުރުން : 

މިސްކިތުގެ ދައުރު އިހުޔާކޮށް މިސްކިތުން ލިބެންޖެހޭ ތަރުބިއްޔަތު މުޖުތަމައަށް ލިބިދިނުމަށް ޓަކައި ޤުރުއާން ހިތުދަސްކުރުމުގެ ކަރަކިއުލަމަކާއި އިސްލާމީ އަޚްލާޤުގެ މައްޗަށް ބިނާކުރެވިފައިވާ ހަދީސްގެ ތަރުބަވީ ކަރުކިއިލަމަށް (ގުރޭޑު 4ން ގުރޭޑު 8އަށް އަމާޒުކޮށްގެން) އުފައްދައި ސަރުކާރުގެ ޚަރަދުގައި އެ ކުލާސްތައް ރާއްޖޭގެ މިސްކިތްތަކުގައި ހިންގުމެވެ.  

އެގޮތުން މިސްކިތުގައި ސަރުކާރުން އުފައްދާ ޤުރުއާން ހިތުދަސްކުރުމުގެ ކުލާހާ ބައިވެރިވެގެން ތަރުތީބުން ކުލާހަށް ހާޒިރުވެ ކޮންމެ ހަފުތާއަކު އެއް ސަފުހާ ހިތުދަސްކުރާ ކުދީންނަށް ކޮންމެ މަހަކު ޕޮކެޓުމަނީއެއްގެ ގޮތުގައި އެވަގުތަށް ސަރުކާރުން ކަނޑައަޅާ ފައިސާގެ މިންވަރެއް ދިނުމެވެ. ސަރުކާރުގެ އަމާޒަކަށް ވާންވާނީ ގުރޭޑު 8އަށް ދަރިވަރު ދާއިރު ގުރުއާން ހިތުދަސްވެފައި ހުރުން ނުވަތަ ހިތުދަސްވާން ކައިރިވެފައިވުމެވެ. އަދި މިސްކިތުގައި ސަރުކާރުން އުފައްދާ އިސްލާމީ އަޚްލާޤުގެ މައްޗަށް ބިނާކުރެވިފައިވާ ހަދީސްގެ ތަރުބަވީ ކަރުކިއިލުގައިވާ ޙަދީސް ހިތުދަސް ކުރުމުގެ ކުލާހާ ބައިވެރިވެގެން ތަރުތީބުން ކުލާހަށް ހާޒިރުވުމެވެ. 

އަދި ކޮންމެ ހަފުތާއަކު ކަނޑައެޅިފައިވާ މިންވަރަށް ޙަދީސްގެ މަތަނާއި ތަރުޖަމާ ހިތުދަސްކުރާ ކުދީންނަށް ކޮންމެ މަހަކު ޕޮކެޓުމަނީއެއްގެ ގޮތުގައި އެވަގުތަށް ސަރުކާރުން ކަނޑައަޅާ ފައިސާގެ މިންވަރެއް ދިނުމެވެ. މި ޕޮރުގުރާމު ތަންފީޒު ކުރެއްވިއްޖެ ނަމަ ދަރީން ފާސިދުވެދާނެތީ މައިން ބަފައިން މިހާރު ގަންނަ ބިރު ގަންނާކަށެއް ނުޖެހޭނެއެވެ. ކުއްޖާ ހަތް އަހަރުން ފެށިގެން ބޮޑުވަނުން ދާނީ އިސްލާމީ މާޙައުލެއްގައެވެ.   

ށ- މުޖުތަމަޢުގައި އިސްލާމީ ސަގާފަތް ފެތުރުމަށްޓަކައި ބޭނުންވާ މައުލޫމަތު އެކުލެވޭ ކަރުކިއުލަމެއް ތައްޔާރުކޮށް ވައުޟު ނަސޭހަތާއި މީޑިޔާގެ ވަސީލަތް މެދުވެރިކޮށް އެތަކެތި މުޖުތަމައުގައި ވަށާދައުރުވާގޮތަކަށް އިންތިޒާމު ކުރުމެވެ. 

ނ- މިސްކިތްތަކުގައި އުފައްދާ އިސްވެ ދެންނެވުނު ގުރުއާން ހިތުދަސްކުރުމުގެ ޕޮރޮގުރާމަށާއި ހަދީސް ހިތު ދަސްކުރުމުގެ ޕޮރުގުރާމަށް ބޭނުންވާ ފައިސާ ދެމެހެއްޓެނިވި ގޮތަކަށް ލިބިލިބި ހުންނަ ގޮތް ހެދުމަށްޓަކައި މިސްކިތު އަވަށު ކޮމެޓީތައް ގާނޫނަކުން އުފައްދައި އެ ކޮމެޓީގެ ޒިއްމާގެ ދަށުން އަވަށްތަކުގައި އިސްލާމީ ވަގުފު އުފައްދައި އެއިން ލިބެ އާމުދަނީތައް އެކަމަށް ޚަރަދުކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.    

ފަހެއް: ޖުޑިޝަރީގެ ތަސައްވުރު

ހ- ޤާނޫނު އަސާސީގެ 158 ވަނަ މާއްދާ އިޞްލާޙު ކުރުމެވެ. އެގޮތުން ޖޭ.އެސް އަކީ ހަމައެކަނި ރިޓަޔަޑު ފަނޑިޔާރުންގެ މައްޗަށް އެކުލެވިފައިވާ ކޮމިޝަނަކަށް ހެދުމެވެ. 

ށ- ޤާނޫނު އަސާސީގެ 147-148 ދެ މާއްދާ އަށް އިޞްލާޙު ގެނައުމެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަން ކުރާނީ ރައީސުލްޖުމުހޫރިއްޔާކަމުގައި އޮތް މާއްދާ އިސްލާހުކޮށް އެކަންކުރާނީ ފަނޑިޔާރުންގެ ޢާއްމު ވޯޓަކުން ކަމަށް އޮތުމެވެ. ނުވަތަ ޖޭ.އެސް.ސީ ގައި ފަނޑިޔާރުން ތިބެގެން އެމީހުންގެ މެދުގައި ނެގޭ ވޯޓަކުން ކަމަށް ހަމަޖެއްސުން އަދި އުއްތަމަ ފަނޑިޔާރު ކޮންމެ ފަސް އަހަރަކުން ބަދަލުވާ ގޮތަށް ހެދުމެވެ. 

ނ- ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ތަޢުލީމީ ޙާލަތު ރަނގަޅުކުރުމެވެ. އެގޮތުން ފަޑިޔާރެއްގެ އަސާސީ ޝަރުޠަކީ ދިވެހިރާއްޖޭގެ އެމް.ކިއު.އޭ. ގަބޫލުކުރާ ޔުނިވަރުސިޓީއަކުން ޝަރްޢީދާއިރާއިން ޕީ.އެޗް.ޑީ. އޮތުންކަމުގައި ހަމަޖެއްސުމެވެ. 

ރ- އެއް މަރުހަލާގެ ކޯޓުން އަނެއް މަރުހަލާއަކަށް ބަދަލުކުރުމުގައި އަސާސީ ޝަރުޠަކީ  އެއަށްވުރެ ދަށުގެ ހުރިހާ މަރުހަލާއެއްގައި ކޮންމެ މަރުހަލާއެއްގައި މަދުވެގެން ފަސްއަހަރުގެ ޚިދުމަތް ކޮށްފައިވުންކަމަށް ހަމަޖެއްސުމެވެ. 

ހަޔެއް: ދަނޑުވެރިކަމުގެ ތަސައްވުރު 

 ދުޅަހެޔޮ ސިއްހަތަކަށް ޓަކައި ކުރަންޖެހޭ އެއް ކަމަކީ ރައްޔަތުންނަށް ދުޅަހެޔޮ ސިއްހަތެއް ލިބުންއެދިގެން ތަރުކަރީއާއި މޭވާ އަގުހެޔޮކޮށް ލިބޭނެގޮތެއް ހެދުމެވެ. އެހެންކަމުން ދިވެހިރާއްޖެ ވަނީ ދެމެހެއްޓެނިވި ދަނޑުވެރިކަމަށް މުހުތާދުވެފައެވެ. ދިވެހިރާއްޖޭގައި ހުރިހާ ބާވަތެއްގެ ތަރުކާރީއާއި މޭވާ އުފެއްދުން ދަތިކަމަކަށް ވިޔަސް ތަރުކާރީތަކާއި މެވާގެ ބައެއް ބާވަތް ހެއްދިދާނެކަމަށް ފެނެއެވެ. މިސާލަކަށް ޓޮމާޓޯ، ކިއުކަމްބަރ، އަދި ބައެއް ބާވަތުގެ ތަރުކާރީވިނަތައް މިހާރަށްވުރެ ރަނގަޅަށް ހެއްދިދާނެކަމަށް ފެނެއެވެ. ނަމަވެސް މިކަމަކީ ދަނޑުވެރިކަމުގެ މަތީތައުލީމު ބޭނުންވާކަމަކެވެ.  

ދިވެހިރާއްޖެއަކީ ބިމުގެ ދަތިކަން އޮތް ތަނަކަށްވިޔަސް ހޮލެންޑު ފަދަ ކުދި ގައުމުތައް ވެސް ތަރުކާރީއާއި މޭވާ އުފެެއްދުމުގެ ރޮގުން ކުރިހޯދާފައިވާތިވެ، ކަމުގެ ޕުރޮފިޝަނަލް މީހުންގެ އެހީގައި ދިވެހިރާއްޖެއަށް އަމާޒުކޮށްގެން ދިރާސާއެއް ހެދިދާނެކަމަށް ފެނެއެވެ. ބިމުގެ ދަތިކަން އޮންނަތަންތަނުގައި މިހާރު ދަނޑުވެރިކަމަށް ބޭނުންކުރަނީ ބިލްޑިންގުތަކެވެ. އެހެންކަމުން ދިވެހިޒުވާނުންނަށް ދަނޑުވެރިކަމުގެ މަތީތައުލީމު ދެވިއްޖެ ނަމަ މުސްތަގުބަލުގައި އެކުދީންނަށް ދަނޑުވެރިކަމުގެ ރޮގުން ރަނގަޅު ނަތީޖާއެއް ނެރެދެވިދާނެކަމަށް ފެނެއެވެ.

ނިސްބަތުން ގިނަ ޒުވާނުންތަކެއް މިހާރު ތިބެނީ ކުރާނެކަމެއްނެތިގެން ނުވަތަ އަދާކުރާނެ ވަޒިފާއެއްނެތިގެން މަގުމަތިވެފައެވެ. މަސްތުވާތަކެތީގެ ވަބާއި ކުށުގެ ވެށިތައް ގިނަވާން މެދުވެރިވާ އެއް ސަބަބަކީ ވެސް ޒުވާނުން ބޭކާރުވެފައިތިބުމެވެ. އިސްވެދެންނެވިފަދަ ދަނޑުވެރިކަމުގެ މަޝްރޫއުތައް އަތޮޅުތަކުގައި ގިނަވެއްޖެ ނަމަ ފަޒީފާގެ ފުރުސަތު އިތުރުވާނެކަންކަށަވަރެވެ. އަންދާސާކުރެވޭގޮތުން ކޮންމެ އަތޮޅެއްގައި އެ ފަދަ މަޝްރޫއު ހިންގަންފަށައިފި ނަމަ މަދުވެގެން ތިރީސްހާސް ވަޒިފާގެ ފުރުސަތު ހުޅުވައިލެވިދާނެއެވެ. އަދި ޒުވާނުން މަސްތުވާތަކެއްޗާއި ދުރުކުރުގެ ފުރުސަތު ބޮޑުކުރެވިދާނެއެވެ. ސަބަބަކީ މިފަދަ ދަނޑުވެރިކަމުގެ މަޝްރޫއުތަކަކީ އެ ފަންނުގެ ޓެކުނިކަލް މީހުން ގިނަ އަދަދަކަށް ބިނާކުރަން ޖެހޭ ކަމަކަށްވަތީއެވެ. ޒުވާނުން ބިނާކުރުން ގިނަވާވަރަކަށް މަސްތުވާތަކެއްޗާއި ކުށުގެ ވެށިތަކުން  ޒުވާނުން ސަލާމަތްކުރެވޭނެކަމަށް ފެނެއެވެ.  

އަނެއް ކޮޅުން ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތެއް އޮންނަތަނެކެވެ. ބޭނުންވާ ތަރުކާރީއާއި މޭވާގެ މާރުކޭޓު މުޅީންހެންވެސް އޮންނަނީ އަވަށްޓެރި ގައުމުގަތުގެ ނުވަތަ ބޭރުގައުމުތަކުގެ ނުފޫޒުގެ ދަށުގައެވެ. ދަނޑުވެރިކަމުގެ މަޝްރޫއުތައް އަތޮޅުތަކުގައި ރަނގަޅަށް ހިނގަންފަށައިފި ނަމަ އާއްމުންނަށް ބޭނުންވާވަރަށްވުރެ އިތުރަށް އުފެއްދޭ ތަކެތި އެ އަތޮޅެއްގެ ކާރި  ރިސޯޓުތަކަށް ވިއްކައިގެން ދިވެހިވިޔަފާރި ފުޅާކޮށްލެވިދާނެކަމުގެ އުއްމީދު ބޮޑެވެ.   

އިސްވެދެންނެވުނު ކަންތައްތަކަށް ރިއާޔަތްކުރުމާއެކު ތީގައި މިދަންނަވަނީ އެގުރިކަލްޗަރުގެ ރޮގުން ދުނިޔޭގެ ރަނގަޅު ގައުމަކަށް ދިވެހިރާއްޖެ ހެދުމުގެ ތަސައްވުރެވެ.

އެކެއް: އެގުރިކަލްޗަރުގެ ރޮގުން މަތީތައުލީމު ހޯދަން ބޭނުންވާ ޒުވާނުންނަށް އެގުރިކަލްޗަރުގެ ރޮގުން ދުނިޔޭގެ ކުރިހޯދާފައިވާ ގަމުތަކުގައި ކިޔެވުމުގެ ފުރުސަތު  ހުޅުވައިލުމެވެ.   

ދޭއް: ޒަމާނީ ޓެކުނޮލެޖީގެ އެހީގައި ތަރުކާރީއާއި މޭވާ އުފެއްދުމުގެ މަޝްރޫއެއް ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގާއިމުކުރުމަށް ޒުވާނުންނަށް ފަންނީ އެހީތެރިކަމާއި މާލީ ހެހީތެރިކަން ފޯރުކޮށްދިނުމެވެ.  

ތިނެއް: ޒަމާނީ ޓެކުނޮލެޖީގެ އެހީގައި ގެރި ފާމެއް އުފެއްދުމުގެ މަޝްރޫއެއް ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގާއިމުކުރުމަށް ޒުވާނުންނަށް ފަންނީ އެހީތެރިކަމާއި މާލީ ހެހީތެރިކަން ފޯރުކޮށްދިނުމެވެ.  މިވަގުތު ދިވެހިރާއްޖޭގެ ގިނަ ރައްޔަތުން ބޭނުންކުރަން ޖެހެނީ ބޭރުން އެތެރެކުރާ ހިކިކިރެވެ. ދިވެހިރާއްޖޭގައި މުނިފޫހިފިލުވަން އަސް ގެންގުޅެވޭ ނަމަ ފާމެއް ހަދައިގެން އަތޮޅުތަކަށް ބޭނުންވާނިސްބަތަކުން ގެރި ބަކަރި ވެސް ގެންގުޅެވިދާނެކަމަށް ފެނެއެވެ. 

ހަތަރެއް: ޒަމާނީ ޓެކުނޮލެޖީގެ އެހީގައި ކުކުޅު ފާމެއް އުފެއްދުމުގެ މަޝްރޫއެއް ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގާއިމުކުރުމަށް ޒުވާނުންނަށް ފަންނީ އެހީތެރިކަމާއި މާލީ ހެހީތެރިކަން ފޯރުކޮށްދިނުމެވެ. ދިވެހިރާއްޖެއަކީ މަސްވެރިކަމުގެ ސިނާއަތެއް އޮންނަތަނަކަށް ވާތީވެ މަހުން އުކާލެވޭ ކަށްޓާއި އެހެނިހެންތަކެއްޗަކީ ކުކުޅުގެ ކާނާތައްޔާރުކުރުމަށް ބޭނުންކުރެވިދާނެ ތަކެއްޗެވެ. 

ތިނެއް: ދިވެހިރާއްޖޭގެ ރަށްތަކުގެ މަގުތަކުގައި ގަސް އިންދުމުގެ މަޝްރޫއެއް ގާއިމުކުރުމެވެ. އާއްމު މަގުތަކުގައި އާލާކުރެވިދާނެ މޭވާ ލިބޭނެ ވައްތަރުގެ ގަސްތަކަކީ ކޮބައިތޯ ބަލައި އެފަދަ ގަސްތައް އިންދުމަށް އިސްކަންދިނުން މުހިންމުކަމަށް ފެނެއެވެ.

ހަތެއް: ކަރަންޓުގެ ތަސައްވުރު

ކަރަންޓަކީ އަސާސީ ޚިދުމަތެކެވެ. އެ ހަކަތަ ވިއްކާ އަގު ހެޔޮކުރެވިގެންނޫނީ އާއްމު ދިރިއުޅުމަށް ބޭނުންވާ ލުއިފަސޭހަތަކެއް ނުލިބޭނެއެވެ. އަދި އުފެއްދުންތެރިކަމަށް ބޭނުންވާ ކުރިއެރުމެއް ވެސް ނުލިބޭނެއެވެ. ނަމަވެސް ގިނަ ސަބަބުތަކަކާހުރެ ދިވެހިރާއްޖޭގެ ކަރަންޓުގެ އަގު ވަނީ އާއްމުންގެ އަތް ނުފޯރާފަށަށް އަރާފައެވެ. ކޮންމެއަކަސް ދިވެހިރާއްޖޭގެ ރައްޔަތުންނަށް މިވަނީ ކަރަންޓުގެ ދަތިކަން ފޯރާފައެވެ. އެހެންކަމުން އެކަން ހައްލުކުރެވޭތޯ މަސައްކަތެއް ކުރެވެން ޖެހެއެވެ. އެގޮތުން ކުރެވޭ ތަސައްވުރު ތިރީގައިއެވަނީއެވެ.

އެކެއް: ކޮންމެ ރަށެއްގައި ކަރަންޓަށް ވަގުފެއް އުފެއްދުމެވެ. އަދި އެއިންލިބޭ މަންފާ ކަރަންޓަށް ސަބުސިޓީސްގެގޮތުގައި ޚަރަދަކުރުމެވެ. ވަގުފާބެހޭ ބައެއް މައުލޫމާތު ތިރީގައި އެވާ ލިންކުން ވިދާޅުވެލައްވާށެވެ. 

ދޭއް: ކޮންމެ އަތޮޅަކުން އެއް ރިސޯޓު ކަރަންޓަށް ސަބުސިޓީސް ދިނުމަށް ކަނޑައެޅުމެވެ. އަދި އެއިން ލިބޭ ކުލިއާއި ޓެކުސް އެ އަތޮޅެއްގެ ކަރަންޓަށް ލިބޭގޮތަށް ގާނޫނަކުން ލާޒިމުކުރުމެވެ. 

ތިނެއް: ކަރަންޓުގެ ކުންފުންޏަށް ސިޔާސީ މަގާމުތައް ގާނޫނަކުން މަނާކުރުމެވެ.  

އަށެއް: ދިވެހި ސަގާފަތް ދިރުމުގެ ތަސައްވުރު 

ސަގާފަތަކީ އިންސާނީ އެއްޖަމާޢަތެއް އަނެއް ޖަމާޢަތަކާ ވަކިކޮށްދޭ އިންފާރެވެ. ދިވެހިންނަކީ ބަހުގެ ސަގާފަތެއް އޮތް ބަޔެކެވެ. އަންނައުނު ލައިއުޅޭ ގޮތަށް ބަލާއިރު ދިވެހީންނަކީ ސަގާފަތެއް އޮތްބަޔެކެވެ. އަދި ކިއެއްތަ! ދިވެހީންނަކީ އެއް ޒަމާނެއްގައި މަތިވެރި ޙަޟާރަތެއްގެ ވެރިބައެކެވެ. ނަމަވެސް އެކަން އެއްދުވަހުން އަނެއް ދުވަހަށް މިދަނީ ގެއްލެމުންނެވެ. ނުވަތަ ގެއްލި ނިމިއްޖެއެވެ. މިކަން ދިރުވުމަށްޓަކައި ކުރެވޭ ތަސައްވުރު ތިރީގައި އެވަނީއެވެ.

ހ- އަތޮޅުތަކާއި ރަށްތަކުގައި ދިވެހި ސަގާފީގޮތަށް އެ ދުރުގެތައް އުފައްދައި އެކަމަށް ޓީޗަރުން އަހުލުވެރިކޮށް ގުރޭޑު 1 ން 3 އަށް ދަރިވަރުންގެ އިސްކޫލުގެ ޤުރުއާން މާއްދާއި އިސްލާން މާއްދާ އިސްކޫލުން ކިޔަވައިދިނުމުގެ ބަދަލުގައި އެދުރުގެތަކުން ކިޔަވައިދިނުމެވެ. އަދި އެތަނުގެ މުދައްރިސުންނާއި ދަރިވަރުންގެ ޔުނިފޯމަކީ ދިވެހި ސަގާފީ ހެދުންކަމުގައި ކަނޑައެޅުމެވެ. 

ށ- ދާޚިލީ، ޚާރިޖީ، ރަސްމީ، ނުރަސްމީ ޖަލްސާތަކުގައި ދިވެހި ބަހުން ވާހަކަ ދެއްކުން ލާޒިމުވާގޮތަށް ސަގާފީ ގާނޫނަށް އިސްލާހުގެނައުމެވެ. 

ނ- ދާޚިލީ، ޚާރިޖީ، ރަސްމީ، ނުރަސްމީ ޖަލްސާތަކުގައި ދިވެހި ސަގާފީ ހެދުން އެޅުން ލާޒިމުވާގޮތަށް ސަގާފީ ގާނޫނަށް އިސްލާހުގެނައުމެވެ. 

ރ- ދީނީ ނަސީހަތް ދިނުން، އިމާމުކަން، ކަށުކަމާކެމީގެ ކަން، ހުކުރު ޚުޠުބާ ކިއުން، ޖަލްސާތައް ޝަރަފުވެރިކޮށް ދިނުން، ތަންތަނުގެ ބިންގާ އެޅުން، ތަންތަން ހުޅުވުމުގެ ރަސްމިއްޔަތު ގައި  ދިވެހި ސަގާފީ ހެދުން އެޅުން ލާޒިމުވާގޮތަށް ގާނޫނަށް އިސްލާހުގެނައުމެވެ. 

ނިންމާލުން: ދިވެހިރާއްޖެ ތަރައްގީ ކުރުމަށް ބޭނުންވާ އިތުރު ކިތަންމެ ކަންތައްތަކެއް ހުންނާނެއެވެ. ޚިޔާލެއް އޮތް ނަމަ ހިއްސާކޮއްލަދެއްވުން އެދެމެވެ. ޝުކުރިއްޔާ!  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް