ނޫސް މަޖައްލާތަކުގެ މައުލޫމާތު އަޕްޑޭޓް ކުރަން މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން އެދިއްޖެއެވެ.
ޔޫތު މިނިސްޓްރީން އަޕްޑޭޓުކުރަން އެދިފައިވާ މަޢުލޫމާތުތަކުގެ ތެރޭގައި ނޫސް މަޖައްލާގެ އިދާރާގެ ނަމާއި ނޫސް މަޖައްލާގެ ނަމާއި ޑޮމައިން އަދި މަސްއޫލުވެރިއާގެ ނަމާއި ގުޅޭނެ ފޯން ނަންބަރު ހިމެނެއެވެ. އަދި މަސްއޫލުވެރި ފަރާތަކީ ކުންފުންޏެއްނަމަ ކުންފުނީގެ ނަމާއި ގުޅޭނެ ނަންބަރާއި މަޖައްލާއަށް ޒިންމާވާ ފަރާތުގެ ނަމާއި ގުޅޭނެ ނަންބަރާއި، އެޑިޓަރުގެ ނަމާއި ގުޅޭނެ ފޯން ނަންބަރު އަޕްޑޭޓުކުރަން ވަނީ އެދިފައެވެ.
އެ މިނިސްޓްރީން ވަނީ އީމެއިލް މެދުވެރިކޮށް އެ މަޢުލޫމާތުތައް އަޕްޑޭޓުކުރުމަށްފަހު ހުށަހެޅުމަށް އެދިފައެވެ.
ޔޫތު މިނިސްޓްރީން ބުނީ މަޢުލޫމާތު އަޕްޑޭޓުކުރުމަށްފަހު އެ މިނިސްޓްރީއަށް ހުށަހެޅުމުގެ ސުންގަޑި އަކީ 20 މާރިޗު 2025 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކަމަށެވެ.