ސީރިޔާގެ އަލާވީން އެންމެގިނައިން ދިރިއުޅެމުންގެންދާ ސީރިޔާގެ ގޮނޑުދޮށު ސިޓީ އެއް ކަމަށްވާ ބެނިޔާސް އަށް އެ ގައުމުގެ ސިފައިން ވަދެ ހިންގަމުންގެންދާ އަނިޔާވެރި ކަމުގެ ތެރޭގައި ރައްޔިތުންނަށް ގޮތް ހުސްވެއްޖެއެވެ. މިއީ އެގައުމުގެ ކުރީގެ ލީޑަރ ބައްޝާރުލް އަސަދުގެ ވެރިކަން މިދިޔަ ޑިސެމްބަރ މަހު ވައްޓާލުމަށްފަހު އެ ގައުމުގެ ގާތްގަނޑަކަށް %13 އާބާދީ ކަމުގައި ބެލެވޭ އަލާވީންނަށް މިހާރުގެ ވެރިކަމުގެ ފަރާތުން ކުރިމަތިކޮށްފައިވާ މުސީބާތެވެ. އަލާވީން ހިމެނެނީ އެ ގައުމުގެ ބައިމަދު އާބާދީންގެ ތެރޭގައެވެ. ސިފައިންގެ އަނިޔާވެރިކަން އަމާޒު ކޮށްފައިވަނީ އަލާވީންނަށެވެ.
އަހަރެމެން ތިބީ ހުރިހާ އަލިކަމެއް ނިއްވާލައިގެން ފިލަން ނިކުތުމުގެ އިންތިޒާރުގައެވެ. އަލް ގުސޫރު އަވަށުން ނިކުމެގެން ފިލަން ދިޔައިރު މަގުތަކުގައި އުކާލާފައި ހުރި އެތައް ބައިވަރު ގަބުރެއް ކުނިވަމުންދާތަން ދުށީމެވެ. އަހަރެމެންނަށް ރައްކާތެރިކަމާއި ބޯހިޔާވަހިކަން ފޯރުކޮށްދީ ލެބަނަންގެ ބޯޑަރާ ހަމަޔަށް ގެންގޮސްދިނުމުގައި އެހީތެރިވެދިނީ ނަސޯރާއިންގެ އާއިލާއަކުންނެވެ. އަހަރެމެންނަކީ އަލާވީންނަށް ވުން ފިޔަވައި އަހަރެމެންގެ ކުށަކީ ކޮބައި ހެއްޔެވެ. އަދި އަހަރެމެންގެ ޅަ ދަރިން ކުރީ ކޮން ކުށެއްހެއްޔެވެ ؟ އުމުރުން އެންމެ 35 އަހަރުގެ މަންމަ އަކު ކިޔާދީފައި ވެއެވެ.
މި ބޮޑު ލޭއޮހޮރުވުން ހިނގައިގަތީ މިދިޔަ ބުރާފަތި ދުވަހު ރައީސް ބައްޝާރުލް އަސަދަށް ވަފާތެރި އަލާވީއަކު ސީރިޔާގެ މިހާރުގެ ސެކިއުރިޓީ އޮފިސަރަކަށް ހަމަލާ ދިނުމުން ކަމަށް ބުނެވެއެވެ. މިހަމަލާތަކުގައި މިހާތަނަށް ދެފަރާތުންވެސް އެތައް ބަޔަކު ވަނީ މަރާލާފައެވެ.
މިހާތަނަށް ލަތާކިޔާއާއި ޓާރޓަސް ގެ ސަރަހައްދުތަކުން އަލާވީންގެ 745 މީހުން މަރާލާފައިވާކަމަށް ސީރިއަން އޮބްޒަރވޭޓްރީ ފޯރ ހިއުމަން ރައިޓްސް އިން ރިޕޯރޓް ކޮށްފައި ވެއެވެ. މިދިޔަ އާދީއްތަ ދުވަހު ގައުމުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށާއި އާންމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގައުމުގެ ވަގުތީ ރައީސް އަހްމަދު އަލް ޝަރާ ވަނީ ގޮވާލައްވާފައެވެ. އިންޝާ އަﷲ އަހަރެމެންނަށް
އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ދިރިއުޅެވޭނެއެވެ. ދިމިޝްގުގެ މިސްކިތެއްގައި ހުންނަވާފައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ޓައުންތަކާއި އަވަށްތަކުގައި މިހާރުވެސް ވަކި ޝުމާރެއްނެތި މީހުން މެރުމަށް ހުއްޓުމެއް ނާންނަކަމަށް އާންމު ރައްޔިތުން ގެންދަނީ މީޑިއާއަށް މައުލޫމާތު ދެމުންނެވެ.
ބަނިޔާސް ގައި ދިރިއުޅޭ 67 އަހަރުގެ ސާމިރު ހައިދަރު ގެ ވަރަށް ތިމާގެ 2 މީހުންނާއި އެންމެ ގާތް އަވަށްޓެރިޔާވެސް ސިފައިން އެމީހުންގެ ގެއަށް ވަދެ މަރާލާފައިވާ ކަމަށް އޭ އެފް ޕީ އަށް ކިޔާދީފައިވެއެވެ. ސާމިރު ހައިދަރަކީވެސް އަލާވީއެކެވެ.
ލަތާކިޔާ ބަނދަރު ސަރަހައްދުގައި ދިރިއުޅޭ އަލާވީންގެ ގެތަކަށް ސިފައިން ވަދެ އެމީހުން މެރުމަށްފަހު ކަނޑަށް އެކާލަނީ ކަމަށް އެ ސަރަހައްދުގެ މީހުން އޭ އެފް ޕީ އަށް ކިޔާދީފައި ވެއެވެ.
ޔާސިރު ސައްބާހު ކިޔާ މީހަކު ކިޑްނެޕްކޮށްގެން ގެންގޮސް މަރާލުމަށްފަހު އޭނާގެ ގޭ ދޮރުމައްޗަށް އެއްލާލާފައި ވަނިކޮށް އޭ އެފް ޕީ އަށް ވަނީ ދައްކާފައެވެ. ތަންކޮޅެއް ދެކުނުގެ އަވަށެއްކަމުގައިވާ ޖަބްލަހް މިހާރުވަނީ ސިފައިންނާއި ޓެރަރިސްޓުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެ ސަރަހައްދުން ލެބަނަންގެ ބޯޑަރާހަމަޔަށް ފިލައިގެން ގޮސް އުޅޭ އުމުރުން 32 އަހަރުގެ ޖައުފަރ އަލީ ކިޔާދީފައިވަނީ އޭނާގެ ތިމާގެ މީހުންނާއި ރަޙްމަތްތެރިންގެ ތެރެއިން މަދުވެގެން 50 މީހުން މިހާތަނަށް މާރާލާފައިވާކަން އެނގިފައިވާ ކަމަށެވެ. އަހަރެމެންނަށް ކުރެވޭ އެއްވެސް ރަނގަޅު އުންމީދެއްނެތެވެ. މިހާރު މިތިބީ ގައުމަކަށް ނިސްބަތްވާ ހާލުގައި ގައުމެއްނެތް ރެފިއުޖީންތަކަކަށް ވެފައެވެ.