ދިވެހިރާއްޖޭގެ ތަރައްގީގެ ތަސައްވުރު : ޑރ. ޢަބުދުﷲ ފާރޫޤް އިބްރާހީމް

Loading

March 13, 2025
Facebook
Twitter
WhatsApp

މިވަގުތުގެ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އަމަލުތަކާއި ހާލަތުއޮތީ ރައްޔަތުންނަށް ވަރަށް ވެސް ދެރަގޮތަކަށެވެ. އެއްވެސް ޕާޓީއަކުން ރައްޔަތުންގެ ފުދުންތެރިކަމާއި ސިއްހަތާއި ބޯހިޔާވެހިކަމާއި އިޖުތިމާއީ ޚިދުމަތް ދެމެހެއްޓެނިވި ގޮތަކަށް ފަރުމާކުރުމަށް މަގުޗާޓެއް ކުރަހާފައެއްނުވެއެވެ. ރާއްޖޭގެ ހުރިހާ ތަނަވަސްކަމަކާއި މަންފާތައް ނަގަނީ ބޭރު ގައުމުތަކާއި ދިވެހި ޚާއްސަ ވަކިބަޔެކެވެ.

އެހެންކަމުން ގައުމު ސަލާމަތްކުރުމަށްޓަކައި އިޚުލާސްތެރިކަމާއެކު މަސައްކުރާނެ އިތުރު ބަޔަކު ވުޖޫދުވުވެ ރަނގަޅު ތަސައްވުރެއް އޮތުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.

ނަން: ދިވެހިރާއްޖޭގެ ތަރައްގީގެ ތަސައްވުރު (ނުވަތަ މިވެނި ޕާޓީއެއްގެ މެނިެސްޓޯ)

އަސާސް: އިސްލާޙުގެ މަގަށް ގައުމަށާއި ރައްޔަތުންނަށް މަގުފަހިކޮށް ދިނުމެވެ.  

ލަނޑުދަނޑި: ގާނޫނު އަސާސީ ޙިމާޔަތްކުރުމެވެ.  

މަންހަޖު: ދިވެހި މުޖުތަމައާ ފުށުއަރާ އެއްވެސް ކަމެއް ނުކުރުމާއި އަބަދުވެސް ދިވެހި ރައްޔަތުންގެ މަސްލަޙަތަށް އިސްކަންދިނުމާއި ޝަރުޢީ ވާޖިބުތަކުގެ ޒިއްމާ ނެގުމެވެ.  

ތަރައްގީގެ ތަސައްވުރު :

އެކެއް: އިގުތިސާދީ ތަސައްވުރު

ރައްޔަތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ އެ މީހުންގެ އަމިއްލަ ވަޒަނުގައި ތިބެގެން އާމުދަނީ ނުލިބުމުގެ ވަސީލަތްތައް ނެތަތީވެ އާމުދަނީއަށް ޓަކައި އުފަން ރަށާއި އަނބި ދަރީން ދޫކޮށް އެހެން ތަންތަނަށް ހިޖުރަކުރަންޖެހުމެވެ.

އޭގެ ނަތިޖާއެއްގެ ގޮތުން އަނބި ދަރީންގެ މެދުގައި ތަފާތު އެތަކެއް އިޖުތިމާޢީ މައްސަލަތަށް އުފެދި ޢާއިލާތައް ބިކަވެ ދެރަގޮތްތައް މެދުވެރިވެއެވެ. އަނެއްކޮޅުން ލިބޭ ކުޑަ އާމުދަނީކޮޅުން ހުރުމާއި ނިދުމާއި ކެއުމަށް ކަނޑާލާއިރު އަނބި ދަރީންނަށް ފޮނުވަން ލިބެނީ ދެކޮޅު ނުޖެހޭވަރުގެ މަދު މިންވަރަކެވެ.

މި ދަތި ޙާލުގައި ދިވެހި ޒުވާނުން އުޅެންޖެހުމުގެ ސަބަބުން އެ މީހުންގެ ދިގު އުމުރުވަނީ ކުރުވެފައެވެ. އެ މީހުންގެ ވަށައިގެން ވަނީ ހާސްކަމާއި ނުތަނަވަސްކަމެވެ. ނާމާންކަމައި ބިރުވެރިކަމެވެ. މިކަން ޙައްލުކުރުމަށް ޓަކައި އަހުރެންގެ ވިސްނުމަކީ ރައްޔަތުންނަށް އެ މީހުންގެ ވަޒަނުގައި ތިބެގެން އާމުދަނީ ލިބެނެގޮތަކަށް ރާއްޖޭގެ އަތޮޅުތަކަށްރާއްޖޭގެ އިގުތިސާދީ ރިސޯސްތަށް ބަހާލުމާއި އަތޮޅުތަކުގައި އިގުތިސާދީ މަޝްރޫޢުތައް ގާއިމުކުރުމެވެ.

އެގޮތުން ކުރާނެކަންތައްތައް:

އެކެއް: ފަތުރުވެރިކަމުގެ ސިނާއަތު އަތޮޅުތަކުގައި ތަރައްގީކުރުން

ހ- އަތޮޅުތަކަށް ޓޫރިޒަމް ގެނައުމަށްޓަކައި އަތޮޅުތަކަށް ކުރެވޭ ވައިގެ ދަތުރުތަކަށް ކޮލިޓީ ބަޖެޓު އެއަރަލައިންތަށް ތަޢާރަފުކޮށް އެފަދަ އެއަރލައިން ތަކަށް ފުރުސަތު ހުޅުވުމެވެ. އަދި ކަނޑުގެ ދަތުރުތަކުގެ ކޮލިޓީއާއި ސަލަމަތާއި ރައްކަތެރިކަން ގާނޫނަކުން ކަށަވަރުކުރުމެވެ. އަދި އެއްގަމުގެ ދަތުރުގެ ނިޒާމު ހަރުދަނާކޮށް އަގުހެޔޮކުރުމަށް ބޭނުންވާ ސަބުސިޑީއެއްގެ ގޮތުން އެއްގަމުގެ އުޅަދުގެ ތަކުގެ ޑިއުޓީ ކުޑަކުރުން ނުވަތަ ސުން ޕަސެންޓަށް ދަށްކުރުމެވެ.

ށ- އަތޮޅުތަކުން ޓޫރިޒަމަށް ދޫކުރެވޭ ބިންތައް ދޫކުރުމުގައި ކޮންމެ އަތޮޅެއްގެ ވެސް އެއަތޮޅުގެ ރައްޔަތުންނަށް އިސްކަން ދިނުމާއި އެ ބިންތައް އެ އަތޮޅެއްގެ ރައްޔަތުންނަށް ހެޔޮއަގުގައި ދޫކުރުމާއި އެފަދަ ބިންތައް ތަރައްގީ ކުރުމަށްޓަކައި ބޭނުންވާ ޕުލޭންތަކާއި ޑިޒައިންތައް ކޮށްދިނުންފަދަ ފަންނީ އެހީތެރިން ދިވެހި ޒުވާނުންނަށް ދިނުމާއި އަދި އެކަމަށް ބެނުންވާ މާލީ އެހީތެރިކަން ސަރުކާރުން އެ އަތޮޅަކަށް ދައުލަތުން ކަނޑައަޅާ އަދަދެއްގެ ރިސޯޓުތަކާއި ހޮޓާތަކަށް ސަރުކާރުގެ ލުއިލޯނު އުސޫލުން އެ ޒުވާނުންނަށް ފޯރުކޮށްދިނުމެވެ.

ނ- ފަތުރުވެރިކަމަށް އަމާޒުކޮށްގެން އަތޮޅުތަކުގައި ބޭނުންކުރުމަށް ބަނދެވޭ އެއަތޮޅަކަށް ސަރުކާރުން ކަނޑައަޅާ އަދަދެއްގެ ސަފާރީތަކަށް ކުރެވޭ ހޭދަ ވަގުތުން ސަރުކާރުން ދެއްކުމަށްފަހު އެއެއްޗަކުން ލިބޭ އާމުދަނީއަކުން ދައްކައި ދަރަނި ޚަލާސްކުރާ ނިޒާމެއް ކޮންމެ އަތޮޅެއްގައި ތައާރަފުކޮށް ގާއިމުކޮށް ދިނުމެވެ.

ދޭއް: މަސްވެރިކަމުގެ ސިނާއަތު އަތޮޅުތަކުގައި ތަރައްގީކުރުން

ހ- މަސްވެރިކަމަށް އަމާޒުކޮށްގެން އަތޮޅުތަކުގައި ބޭނުންކުރުމަށް ބަނދެވޭ އެއަތޮޅަކަށް ސަރުކާރުން ކަނޑައަޅާ އަދަދެއްގެ އުޅަނދުތަކަށް ކުރެވޭ ހޭދަ ވަގުތުން ސަރުކާރުން ދެއްކުމަށްފަހު އެއެއްޗަކުން ލިބޭ އާމުދަނީއަކުން ދައްކައި ދަރަނި ޚަލާސްކުރާ ނިޒާމެއް އަތޮޅުތަކުގައި ތައާރަފުކޮށް ދިނުމެވެ.

ށ- އަތޮޅުތަކުން ބާނާ މަސްތަކުގެ ތެރެއިން ރައްޔަތުންގެ ބޭނުމަށްވުރެ އިތުރުވާ މަސްތައް ގަނެ ދަޅުގައި ބަންދުކުރެވޭނެގޮތް އަތޮޅުތަކުގައި ގާއިމުކުރުމެވެ.

ނ- މަސްވެރިކަމުގެ ތަރައްގީއަށް ގެނެވޭ ތަކެތީން ޑިއުޓީ މާފުކުރުމެވެ.

ރ- އަތޮޅުތަކުގައި އުފެއްދޭ އިގުތިސާދީ ސިނާއަތަށް (ޓޫރިޒަމާއި، މަސްވެރިކަމާއި، އެހެނިހެން މަސައްކަތަށް) ބޭނޫންވާ ފަންނީ މީހުން ބިނާކުރާނެ ވަކި މުއައްސަސާއެއް ގާއިމުކުރުމެވެ.

ދޭއް: ސިއްޙީ ތަސައްވުރު

މިހާރު ދިވެހިރާއްޖޭގެ ސިއްޙީ ޚިދުމަތް ދިނުން ބައްޓަންވެފައިވަނީ ރާއްޖެތެރޭގެ ނިކަމެތީން މާލެ ނައިސް ބޭސްފަރުވާ ނުކުރެވޭ ގޮތަށެވެ. ޒުވާނުން އެ މީހުންގެ އަނބި ދަރީން ގޮވައިގެން މާލެއައިސް ބޭސް ކޮށްނިމޭއިރު ހުންނަނީ އުމުރުން ފައިތުވި ދުވަސްތަކުގައި ލިބުނު ޢާމުދަނީއަކުން ފަހަށް ރައްކާކުރެވުނު ހުރިހާއެއްޗެއް ގޮސްފައެވެ. އަދި ކުރިޔަށް އޮންނަ ދެ ތިން އަހަރަށް ދަރަނި ދައްކަން ޖެހިފައެވެ.  

ރާއްޖެތެރެއިން ބޭސްފަރުވާ ކުރުމަށް މާލެ އަންނަ ގިނަ މީހުންނަށް ދިމާވާ ގޮތަކީ ބޮޑު ޚަރަދު ކޮށްގެން މާލޭގައިހުރެ ބޭފަރުވާ ކުރަމުންގޮސް އަތްމަތި ހުސްވާ ހިސާބުން ދެންކިރިޔާ މިއެނގެނީ ބޭރުގައުމަކަށް ގޮސްގެންނޫނީ ރަނގަޅު ނުވާނެކަމެވެ. ދެން އާދޭސްކޮށް މަޖިލިސް މެންބަރުންނަށް ދަންނަވައި ވަޒީރުންނަށް ދަންނަވައި އާދޭސްކުރަން ފެށުމުން ބައެއް މީހުންނަށް އާސަންދަ ލިބިދެއެވެ.

 އަވަށްޓެރި ގައުމުތަކަށް އާސަންދަ ލިބޭ މީހުންގެ ޙާލަކީ، ނުކެވިގެން ނުބޮވިގެން ހޮޓަލުކުލި ނުދެއްކިގެން ސަލާން ޖަހަން ޖެހުމެވެ. އާސަންދައިގެ ފައިސާ މިލިޔަނުން މިލިޔަނުން ގޮސް ވަންނަނީ ބޭރު މީހުންގެ ޖީބަށެވެ. ހިތާމައިގެ ކޮޅެއްނެތެވެ. ދިވެހި ޒުވާނުންގެ މުސްތަގުބަލުގެ ބަނަކަމާއެވެ! ގައުމުގެ ޒުވާނުންނަށް ހުރި ނާމާން ކަމެއްގެ ބޮޑުކަމާއެވެ!  

އިސްވެދެންނެވުނު އަނދަވަޅުން ދިވެހި ޒުވާނުން ސަލާމަތް ކުރުމަށް ޓަކައި ގައުމީ ތަސައްވުރަކަށް ވާންޖެހޭނީ ސިއްޙީ ރޮގުން ދުނިޔޭގެ ނަމޫނާ ގައުމަކަށް ރާއްޖެ ހަދައި ބޭރު ގައުމުތަކަށް ބޭސްފަރުވާ ހޯދަން ދާން ނުޖެހޭ މިންވަރަކަށް ހެލްތާއި ޕަބުލިކު ހެލްތު ތަރައްގީކުރުމެވެ.އެގޮތުން ކުރާނެކަންތައްތައް ތިރީގައި އެވަނީއެވެ.

އެކެއް: ޕަބުލިކު ހެލްތުގެ ތަސައްވުރު :

ހ- ދިވެހިރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ތެރެއިން ދުޅަހެޔޮ ސިއްޙަތަށް ބޭނުންވާ ކާބޯތަކެތީގެ ޑިއުޓީއާއި ޖޭއެސްޓީ % ސުންޕަސެންޓަށް ތިރިކުރުމެވެ. މިސާލަކަށް އޮލިވު އޮއިލް، އާޓާފުށް، މާމުއި، ކިރު، އަދި ރާއްޖެއަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެދިފައިނުވާ ތަރުކާރީއާއި މޭވާގެ ބަވަތްތަކެވެ.

އެފަދަތަކެތީގެ އަގު ކުޑަ ކުރުމަށް ޓަކައި އެތަކެތި އެތެރެކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ތުރާތައް ފިލުވައިދި ނުމާއި ސަރުކާރުން އެފަރާތްތަކަށް ދެވެންއޮތް ހުރިހާ ލުޔެއް ދިނުމެވެ. އަދި އެއީ ވަގުތީ ޙައްލެއްގެ ގޮތުން ސަބުސިޑީސް ދީގެންކަމުގައި ވިޔަސްމެއެެވެ.

ދޭއް: ފަސޭހަކަމާއެކު އާއްމުންނަށް ކަސްތަރުކުރެވޭ ގޮތަށް މީހުން ދިރިއުޅޭ އަވަށްތަކުގައްޔާއި ޢިމާރާތްތަކުގައި މިނީ ޖިމުތައް ގާއިމުކުރުމެވެ.

ތިނެއް: ކަސްރަތު ސިވިލްސާވިސަށް ވެއްދުމެވެ. ދިވެހި ޒުވާނުންގެ ދުޅަހެޔޮކަން ކަށަވަރުކޮށް ދިނުމަށް ޓަކައި ސިވިލްސާވިސްގެ އޮފީސްތަކުގައި ދެ ޖިންސަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުގެ މުބާރާތްތަށް ވަޒިފާގެތެރެއަށް ވެއްދުމެވެ. އަދި ސިއްޙަތަށް އަމާޒުކޮށްގެން މުވައްޒަފުންނަށް ކުރިއެރުން ދިނުމެވެ.

މިސާލަކަށް ބަރުދަން ގިނަ މީހަކު އަމިއްލަ މަސައްކަތުން ބަރުދަން ލުއިކޮށްފި ނަމަ ވަޒީފާގެ ކުރިއެރުމަށް ޕޮއިންޓު ދިނުންފަދަ އިސްލާޙްތަކެވެ. ނުވަތަ ސިގިރެޓްބޯ މީހަކު އެ ކަމުން ދުރުވެއްޖެ ނަމަ ވަޒީފާގެ ކުރިއެރުމަށް ޕޮއިންޓު ދިނުންފަދަ ކަންތައް ކޮށްގެން ސިވިލްސާވެންޓުންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމެވެ.  

ތިނެއް: ދިވެހިރާއްޖޭގެ ބައެއް ހިސާބުގައި މީހުން ދިރިއުޅެނީ ވަރަށް އުނދަގޫ އަދި ދަތި ތަންތަނުގައެވެ. އެކަމުގެ ސަބަބުން ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބަލިކަށިވުން ގާތެވެ. ދިރިއުޅޭ ތަން ތޯހިރުވެ ލުއިފަސޭހަ ވުމަކީ ދުޅަހެޔޮ ކަމަށް މަގު ފަހިކޮށްދޭނެ ކަމެކެވެ. އެހެންކަމުން ބޯހިޔާވެހިކަމުގެ ގޮތުން ކުރެވޭ ޢުމުރާނީ މަސައްކަތައި ޢިމާރާތްތަކުގައި ހުންނަންޖެހޭ އަސާސީ ޝަރުޠުތަކެއް ގާނޫނަކުން ލާޒިމުކުރުމެވެ.

އޭގެތެރޭގައި މިސާލަކަށް އިމާރަތާއި ކޮޓަރިތަކުގެ ބޮޑުމިން އެކަށީގެންވާ މިންގަޑަށް ހުރުމާއި ކޮންމެ ޢިމާރަތެއްގައި ޖިމެއް ހުރުމާއި، މިނީ މާޓެއް ހުރުމާއި، ނަމާދުގެއެއް ހުރުމާއީ އެ އިމާރަތެއްގައި ތިބޭނެ މީހުންގެ ނިސްބަތަކުން ތަފާތު ޙަރަކަތްތަކަށް އެއްވެވޭނެ ހޯލެއް ހުރުމާއި  އެ ޢިމާރަތެއްގައި ހުރި ކޮންމެ އެޕާޓުމެންޓަކަށް އެ ޢިމާރަތެއްގެ ދަށުގައި ނުވަތަ އެއްފަރާތުގައި ކާރު ގަރާޖެއް ހުރުމާއި އިމާރަތުގައި ދިރިއުޅޭ މީހުންގެ ސިކުރިޓީއަށް ބުރޫ ނައަރާފަދަ ތަނެއްގައި ޕަބުލިކު ކެފޭ، ކޮފީޝޮޕް ފަދަ ޚިދުމަތް ހިންގޭނެ ޖާގަ ހުރުންފަދަ ކަންކަމެވެ.

ދޭއް: ސިއްޙީ ޚިދުމަތުގެ ތަސައްވުރު :

ސިއްޙީ ޚިދުމަތް ހޯދުމަށް ރާއްޖެތެރޭގެ ނިކަމެތީން މާލެ ނައިސް ބޭސްފަރުވާ ނުކުރެވޭގޮތަށް އޮތް ނިޒާމު އިސްލާޙު ކުރުމަށާއި އަދި ބައެއް އަވަށްޓެރި ގައުމުތަކަށް ބޭސްފަރުވާއަށް އަޅުވެތިވާން ޖެހޭޖެހުން ނިމުމަކަށް ގެނައުމަށާއި އަދި ސިއްޙީ ރޮގުން ދިވެހިރާއްޖެއަކީ ވެސް ދުނިޔޭގެ ރަނގަޅު ގައުމެއްކަމުގައި ހެދުމަށް އަންނަނިވި ކަންތައްކުރުމެވެ.

ހ- ސިއްޙީ ދާއިރާއިން ފުރަތަމަ ޑިގުރީ ޙާސިލުކުރުމަށް ބޭނުންވާ ދަރިވަރުންނަށް ޓަކައި އަންލިމިޓެޑު ބަޖެޓެއް ހުޅުވައިލުމެވެ.

ށ- ސިއްހީ ދާއިރާއިން އިސްޕެޝަލައިޒު ވުމުގެ ފުރުސަތު އެމެރިކާ، ކެނެޑާ، ޔޫ.ކޭ ފަދަ ކުރިއަރާފައިވާ ގައުމުތަކުން ޖާގަ ހޯދާ ދަރިވަރުންނަށް ސަރުކާރުން ޒިންމާ އުފުލުމެވެ.

ނ- ދިވެހިރާއްޖޭގައި ބޭސްކުރުމުގެ ނިޒާމު ތިން މަރުޙަލާއަކަށް ބައިކުރުމެވެ. އެއީ ޕްރައިމެރީ ކުލިނިކު (އަވަށު ކުލިނިކު) އާއި ސެކަންޑަރީ ހޮސްޕިޓަލް (އަތޮޅު ހޮސްޕިޓަލް) އާއި ޓާޝިއަރީ (ސަރަޙައްދީ ހޮސްޕިޓަލް) އެވެ. އަދި އަވަށު ކުލިނިކުން ރެފަރަލް ލިބިގެން ރީޖަނަލް ހޮސްޕިޓަލަށް ދެން ސަރަޙައްދީ ހޮސްޕިޓަލަށް އާސްންދަ ލިބޭ ގޮތަށް ތަރުތީބު ކުރުމެވެ.

ރާއްޖޭގެ ތިން ސަރަޙައްދަކަށް ބަހައި އުތުރާއި މެދުރާއްޖެއާއި ދެކުނުގައި ސަރުކާރުގެ ޓާޝިއަރީ (ސަރަޙައްދީ ހޮސްޕިޓަލް) ތައް ހުރުމެވެ. މިއީ ސަރުކާރުން ރައްޔަތުންގެ ފައިސާ ޚަރަދުކޮށްގެން ކުރާކަމަކަށް ވާތީވެ މިފަދަ ހޮސްޕިޓަލްތަކުގެ ލޮކޭޝަން އިންސާފުން ކަނޑަައެޅުން މުހިންމެވެ. މިސާލަކަށް ކޮންމެ ސަރަޙައްދެއް ވެސް ހަމަޔަށް ބަހައި މެދައްވަނީ ކޮންރަށެއްތޯ ބަލައި އެ ތަނެއްގައި އެ ހޮސްޕިޓަލެއް އެޅުމެވެ.

 އެ ގޮތުން ދިމާވާ ރަށަކީ މިވަތު އާބާދީ މަދު ނިކަމެތި ރަށަކަށް ވިޔަސް މިފަދަ މަޝްރޫއެއްގެ ސަބަބުން އެ ސަރަޙައްދެއް ތަރައްގީވުން ވެސް އެކަށިގެންވެދާނެ ކަމުގެ ތަސައްވުރާވެސް އެކުގައެވެ.

ރ- ދިވެހިރާއްޖޭގައި ޕްރައިމެރީ ޙެލްތުކެއާ އާއި ފެމިލީ މެޑިސިންގެ ނިޒާމު އުފައްދައި ބަލިން ރައްކާތެރިވެ، ބަލިތައް މޭނޭޖުކޮށް، ސިއްޙީ ޚިދުމަތް އިސްރާފު ކުޑަގޮތުގައި ބޭނުން ކުރެވޭނެ ގޮތް ކަށަވަރު ކުރުމެވެ. އެގޮތުން އަވަށު ކުލިނިކުތައް އުފެއްދުމެވެ. އާސަންދާގެ ދަށުން ބަލިމީހާ އެންމެ ފުރަތަމަ ބޭސްކުރުމަށް ދާންޖެހޭނެ ތަނަކީ އަވަށު ކުލިނިކުކަމުގައި ހަމަޖެެެސުމެވެ.

އަވަށުގައި ތިބޭ ހަކުރުބަލީގެ މީހުންގެ ވަކި ނިޒާމަކުން ހަކުރު ޗެކުކޮށް ދޭންޖެހޭ ފަރުވާ ފޯރުކޮށްދީ ހެދުމަކީ އަވަށު ކުލިނިކުގެ މަސްޢޫލިއްޔަތެއް ކަމުގައި ގަނޫނަކުން ކަނޑައެޅުމެވެ. އަދި ލޭގެ ބައްޔާއި ކޮލެސްޓުރޯލް މޮނިޓަކޮށް އަވަށުގެ މީހުން ދުޅަހެޔޮކުރުމަކީ ވެސް އަވަށުކުލިނިކުގެ މަސްޢޫލިއްޔަތެއް ކަމުގައި ގަނޫނަކުން ކަނޑައެޅުމެވެ.

ތިނެއް: މިހާރު ރާއްޖޭގައި ބޭސްފަރުފާއަށް ޚަރަދުކުރާ މޮޑެލް ( ނެޝަނަލް ހެލްތު އިންޝުއަރެންސް ) އިން ބެވަރިޖު މޮޑަލަށް ބަދަލުކުރުމެވެ. ނެޝަނަލް ހެލްތު އިންޝުއަރެންސް މޮޑަލްއަކީ ސަރުކާރާއި ޕްރައިވެޓް ހޮސްޕިޓަލްތަކުން ޚިދުމަތް ލިބިދެވޭ މޮޑެލްއެކެވެ. މިހާރު ރާއްޖޭގައި މި އޮތް އާސަންދަ މޮޑެލަކީ  ނެޝަނަލް ހެލްތު އިންޝުއަރެންސް މޮޑެލެކެވެ. އެއީ ވަރަށް ގިނަ ފަހަރަށް ކޮރަޕްޝަނާއި ޕްރައިވެޓް ކުންފުނިތަކުގެ ޏުފޫޒު ވަދެދާ މޮޑެލެކެވެ.

އެއާއިޚިލާފަށް ބެވަރިޖު މޮޑަލަކީ މައިގަނޑުގޮތެއްގައި ސަރުކާރުގެ ހޮސްޕިޓަލުތަކުން  ޚިދުމަތް ލިބިދެވޭ މޮޑަލެކެވެ. ޕުރައިވެޓު ހޮސްޕިޓަލަކުން އެ މޮޑަލުގެ ދަށުން ފަރުވާއެއްލިބޭނީ ދެވަނަގޮތެއް ނެތްހާލަތެއްގައެވެ. ރާއްޖޭގެ އާސަންދަ ވެސް ބެވަރިޖު މޮޑަލަކަށް ހަދައިގެން ކޮރަޕްޝަނާއި ޕްރައިވެޓް ކުންފުނިތަކުގެ ޏުފޫޒުން ސަލާމަތްކުރުމެވެ.

ހަތަރެއް: އާސަންދާގެ ޚަރަދު ކުޑަކުރުމަށް ޓަކައި ދިވެހިރާއްޖެއަށް ބޭނުންވާ ސްޕެޝަލިސްޓު ޑޮކްޓަރުންނާއި ނަރުހުން ތަމުރީނުކޮށް ، އެހެން ގައުމުތަކަށް މުހުތާދުވެފައިވާ މިންވަރު ކުޑަކުރުމެވެ. ރާއްޖޭގެ އާބާދީއަށް ބޭނުންވާ ސްޕެޝްލިސްޓް ޑޮކްޓަރުންގެ ނިސްބަތް ވަރަށް މަދެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށް ޓަކައި ބޭނުންވާ ޑޮކްޓަރުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުން ތަމުރީނުކޮށް އެ މީހުން ލައްވާ ރާއްޖޭގައި އެ ޤައުމުތަކާ އެއްފެންވަރަށް މުހިންމު ދާއިރާތަކުގެ ސްޕެޝަލައިޒޭޝަން ތަމްރީނުކުރާން ފެށުމެވެ.

ތިނެއް: ޢުމުރާނީ ތަރައްގީގެ ތަސައްވުރު :

އުމުރާނީ ތަރައްގީއަކީ އިންސާނުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން އިމާރާތް ކުރުމުގައްޔާއި މަގުތައް ހެދުމުގައި އިންސާނުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ. ނަމަވެސް މިހާރު މީހުން ދިރިއުޅުމަށް ދޫކުރެވޭ ޢިމާރާތްތަކާއި އެތާނގެ ވަށައިގެންވާ މާޙައުލުތަކަކީ އިންސާނުން ދިރިއުޅުމަށް އެކަށީގެންވާ ތަންތަން ކަމުގައި ނުބެލެވެއެވެ.

ތަންތަނުގައި ޖާގައިގެ ދަތިކަމާއި ކޮޓަރިތައް ކުޑަކަމާއި އަދި ބައެއް އިމާރާތްތަކަށް އަރަން ލިފުޓުގެ ދަތިކަމާއި އަދި އެނޫނަސް ކިތަންމެ ކަމެއް ފާހަގަކުރެވެއެވެ. އަދި ރާއްޖޭގެ މަގުތައް ހެދިފައިވާގޮތުން ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކުރެވިފައި ވާކަމަކަށް ނުބެލެވެއެވެ. ކަން މިހެން ހުރުމާއެކު ޢުމުރާނީ ތަރައްގީއަށް ރަނަގަޅު ތަސައްވުރެއް މި ގައުމަށް ބޭނުންވެއެވެ.

  • ނުނިމޭ …

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް