ޔޫރަޕްގެ ގައުމުތަކުގެ ލީޑަރުންގެ ބައްދަލު ކުރެއްވުމުގެ ޕްލިނަރީގައި ވާހަކަފުޅު ދައްކަވަމުން ޔޫކްރެއިންގެ ރައީސް ޒެލެންސީ ވިދާޅުވެފައިވަނީ ކްރެމްލިނުންވެސް ހަނގުރާމަ ނިންމަން ބޭނުން ވެފައިވާއިރު ރަޝިޔާއިންވެސް ކޮންމެވެސް ވަރަކަށް ދޫ ދޭން ތައްޔާރަށް ތިބި ކަމަށްވާނަމަ ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމްކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. ރަޝިޔާއާ ދެކޮޅަށް ތިން އަހަރުވާންދެން ހަނގުރާމަ ކޮށްފައިވާއިރު އެމެރިކާއިން ފޯރުކޮށްދިން އެހީއަށް ޝުކުރުވެރިވެ ވަޑައިގަންނަވާ ކަމަށާއި ކުރީ ދުވަހު ވައިޓްހައުސްގައި ހިނގާދިޔަ ކޯޅުންގަނޑާ ގުޅިގެން ރައީސް ޓްރަމްޕް އާދޭތެރޭ އެއްވެސް ޒާތީ ހަސަދައެއް ނެތްކަމަށްވެސް ވިދާޅުވިއެވެ.
ޔޫކްރެއިނުން ހަނގުރާމަ ހުއްޓާލަން ބޭނުން ނުވާކަމަށް ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދެވިޔަސް ޔޫކްރެއިނުން މިހާރުވެސް މިތިބީ ދާއިމީ ސުލްހައަށްޓަކައި ކުރެވޭ ކޮންމެ މަޝްވަރާއަކަށް ތައްޔާރަށެވެ. އަހަރެމެން މިތިބީ ރައީސް ޓްރަމްޕް އާއިއެކުވެސް ސުލްހައިގެ މަޝްވަރާތަކުގައި ކުރިއަށް ދާން ތައްޔާރަށެވެ. އެކަމަކު އޭގެ ކުރިން ހަނގުރާމައިގާ ހައްޔަރުކޮށްފައިތިބި އަސީރުން މިނިވަން ކުރުމާއި އަދި އާންމުންގެ އަމާޒުތަކަށް ދުރު ރާސްތާ މިސައިލާއި ޑްރޯނުން ހަމަލާ ދިނުމާއި ބޮން އެޅުމާއި ކަނޑުމަގުން ދެމުންގެންދާ ހަމަލާތައް ދެފަރާތުންވެސް ހުއްޓާލަން ޖެހޭނެއެވެ.
ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން އެމެރިކާއިން ކަށަވަރުކޮށްދޭނެ ނަމަ މައުދަން އެކުލެވޭ ވެލި އެމެރިކާއަށް ފޯރުކޮށްދިނުމަށްވެސް ޔޫކްރެއިން އޮތީ ތައްޔާރަށެވެ. މިދިޔަ ހުކުރު ދުވަހު ވައިޓްހައުސްގައި ބޭއްވުނު ބައްދަލުވުމުން އެއްވެސް ރަނގަޅު މަގްސަދއް ހާސިލު ނުކުރެވުނު ކަމުގައި ވިޔަސް އެމެރިކާއިން ފޯރުކޮށްދިން ޖުވެލިން މިސައިލްގެ ސަބަބުން ހަނގުރާމައިގެ މައިދާނުން ރަނގަޅު ނަތީޖާއެއް ފެނުނުކަން ގަބޫލު ކުރަމެވެ.
ރައީސް ޒެލެންސްކީ ކޮންމެ ދުވަހަކު ހަވީރު ދެއްވަމުން ގެންދަވާ ވީޑިއޯ މެސެޖްގައި ވިދާޅުވެފައިވަނީ އެމެރިކާއިން ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލިއަސް ޔޫކްރެއިނުން އެ ގައުމު ދިފާއު ކުރާނެ ކަމަށެވެ. އެހެންނަމަވެސް އެމެރިކާއާއެކު ގާތްގުޅުމެއް ބާއްވަން ބޭނުން ފުޅުކަން ތަކުރާރު ކުރެއްވިއެވެ. އަދި ހަނގުރާމަ ނިންމުމުގެ މަޝްވަރާތަކުގައިވެސް އެމެރިކާގެ ބައިވެރިވުމާއި އެއްބާރުލުން ވަރަށް ބޭނުމެވެ.
ރައީސް ޒެލެންސްކީގެ ވާހަކަފުޅަށް ޔޫރަޕްގެ ހުރިހާލީޑަރުންގެ ތާއީދު ލިބުނެވެ.
ރަޝިޔާއިން އެންމެފަހުން ބުނެފައިވަނީ އެމެރިކާއިން ޔޫކްރެއިނަށް ހަތިޔާރު ދިނުން ހުއްޓާލަން ނިންމުމާ ގުޅިގެން ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމް ކުރުމުގެ އުންމީދު ލިބިއްޖެ ކަމަށެވެ. އެހެންނަމަވެސް ކްރެމްލިންއަށް ބޭނުންވާ ޔޫކްރެއިންގެ ސަރަހައްދުތަކާބެހޭގޮތުން ރަޝިޔާގެ ވިސްނުން ބަދަލުކުރަން ބޭނުމެއް ނުވެއެވެ. ކްރެމްލިންގެ ރަސްމީ ތަރުޖަމާނު ޕެސްކޯވް ވިދާޅުވަމުން ގެންދަވަނީ ރައީސް ޒެލެނެސްކީ ހަނގުރާމަ ހުއްޓާލަން ބޭނުންފުޅުވާހެން ހީ ނުވާކަމަށެވެ. އަދި ވޯޝިންގްޓަނުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތި ކުރުމުގެ ފިޔަވަޚުތަކަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށާއި އެ ފިޔަވަޅުތައްވެސް އުވާލަން ޖެހޭނެ ކަމަށެވެ.
ޕޯލޭންޑުގެ ބޮޑުވަޒީރު ޑޮނާލްޑް ޓަސްކް ވިދާޅުވެފައިވަނީ އެމެރިކާއިން ޔޫކްރެއިނަށް ހަތިޔާރު ދިނުން ހުއްޓާލުމުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަމުން ދާ ކަމަށެވެ. ދެ ގައުމުގެ ބޯޑަރުގައި ހުރި އަހަރެމެންގެ ޖަޝޮންކާއިން ލިބޭ ރިޕޯރޓްތަކުން އެކަން ކަށަވަރު ކުރެވެއެވެ.
ޔޫރަޕްގެ ގިނަ ގައުމުތަކުން ދެކެނީ އެމެރިކާއިން ޔޫކްރެއިނަށް ހަތިޔާރު ދިނުން ހުއްޓާލުމަކީ ވަރަށް އަނިޔާވެރި ނިންމުމެއް ކަމަށެވެ.