ޒެލެންސްކީ އަތްޕުޅުގައި އޮތީ މަޝްހޫރު ކާލާ މަންނައެވެ.

Loading

March 5, 2025
profile
Facebook
Twitter
WhatsApp

ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާއެކު ވައިޓްހައުސް ގައި ހިނގާދިޔަ ޒުވާބަށްފަހު ދުނިޔޭގެ ކަންކޮޅުތަކުގައިތިބި އެމެރިކާގެ ބައިވެރިންނަށް ވަރަށް ނުރައްކާތެރި މެސެޖެއް ވައިޓްހައުސްގެ ރޫޒަވެލްޓް ރޫމްގައި ހުންނަވާފައި ރައީސް ޓްރަމްޕް ދެއްވައިފިއެވެ. އެ މެސެޖްގައި ވަރަށް ސާފު ބަހުން ވިދާޅުވެފައިވަނީ އެ މަނިކުފާނަށް ރައްޓެހިންނަށްވުރެން ބޮޑަށް ބޭނުމީ ބާރާއި ނުފޫޒު ކަމަށެވެ.   

                             

 ދެވަނަ ބޮޑު ހަނގުރާމައަށްފަހުން ފާއިތުވެގެންމިދާ 80 އަހަރުގެ ތެރޭގައި އެމެރިކާއިން މަސައްކަތް ކޮށްފައިވާނީ ޖުމުލަކޮށް މުޅި ދުނިޔޭގެ އަމާންކަމާއި ސުލްހަ ދެމެހެއްޓުމަށާއި ޑިމޮކްރެސީގެ ހަމަތަކުގެ މަތީގައި އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށެވެ. ރައީސް ޓްރަމްޕް މާނަކުރައްވާ މިނިވަން ދުނިޔޭގެ ބައެއް ގައުމުތަކުން އެ ގައުމުތަކަށް ބަރޯސާވެފައިވާ ފަގީރު އަފްޣާނިސްތާނާއި ވިއެޓްނާމަ ފަދަ ގައުމުތަކަށް ކުރިން ދެމުންގެންދިޔަ އެހީތެރިކަން މަދުކޮށްލައި އޭގެ ބަދަލުގައި ޗައިނާއާއި ތައިވާންގެ ގުޅުން މުހިންމު ވެއްޖެއެވެ.             

ރައީސް ޓްރަމްޕްގެ ވާހަކަފުޅަށް މިއަދުވެސް ކުރީދުވަހު އޯވަލް އޮފީހުގައި ޔޫކްރެއިންގެ ރައީސް އާއެކު ދެކެވުނު ހޫނު ވާހަކަތަކުގެ ހިޔަނި އޮތީ އެޅިފައެވެ. އެމެރިކާގެ މޮޔަ ޚާރިޖީ ސިޔާސަތުގެ ސަބަބުން އެތައް ބަޔަކު މަރުވެގެން ހިނގައްޖެ ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވިއެވެ. ޔޫކްރެއިންގެ ރައީސް އަށް ބަހުގެ ހަމަލާތަކެއް އެ ދުވަހު ދެއްވިއެވެ. ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ހަނގުރާމައިގެ ދުވަސްވަރު ރިޔާސީ އިންތިޚާބު ނުބާއްވަން ނިންމެވުމުން ތިޔައީ ޑިކްޓޭޓަރެކޭ ވިދާޅުވެ ބަހުގެ ހަމަލާތައް ދެއްވިއުރ 25 އަހަރު ދުވަސްވާންދެން ރަޝިޔާގެ ވެރިކަން ކުރައްވަމުން ގެންދަވާ ރައީސް ޕޫޓިން އަށް ކުރެއްވީ ތައުރީފެވެ. ކުރީގެ ރައީސް ޖޯ ބައިޑްންގެ ސިޔާސަތަށް ފާޑުވިދާޅުވަމުން ރަޝިޔާއާއި ޗައިނާއެކޭ އެއްގޮތަށް އެމެރިކާއިންވެސް ގައުމު އިސްކުރުމަށް ޚާރިޖީ ވަޒީރު ރުބިއޯގެ ވާހަކަފުޅުގައި ބާރު އެޅުއްވިއެވެ.                                        

ނޭޓޯއިން އުޅެނީ ހުރިހާ ބުރައެއް އެމެރިކާގެ ބޮލަށް ކަނޑާލާފައި ހަމައެކަނި ފޮނިކޮޅު ބޯލަންކަން ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވަމުން ގެންދެވިނަމަވެސް ނޭޓޯގެ އެއްބައިވަންތަކަމަށް އެމެރިކާއިން ޚަރަދުކުރަން ތައްޔާރަށް ހުންނެވިކަމަށް މިދިޔަ ހަފުތާގައި ރައީސް ޓްރަމްޕް ވިދާޅުވިއެވެ. ޔޫކްރެއިނުން ރަޝިޔާ ބޭނުންވާ ތަންތަން ލިބިދިނުމާއި އެމެރިކާއިން ގްރީންލޭންޑާއި އަދި ޕެނަމާ ކެނަލް ހަނގުރާމަކޮށްގެންވެސް އަތުލުން އެއްފަދައެއް ނޫނެވެ. ގްރީން ލޭންޑާއި ޕެނަމާ ކެނަލަކީ އެމެރިކާގެ ތަންތަނޭ ވިދާޅުވިއެވެ.                       

ސެންޓަރ ފޯރ ސްޓްރަޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒްގެ ރަޝިޔާއާއި ޔުރޭޝިޔާގެ  ޕްރޮގްރާމުގެ ޑިރެކްޓަރ މެކްސް ބަރގްމަން ދެކޭގޮތުގައި އެމެރިކާގައި މިހާރު ޑިމޮކްރެސީގެ ކަންފުޅެއްވެސް ނެތެވެ.  އަދި މުޅި އެމެރިކާއަކީ މުނާފިގް ގައުމެއްކަމުގައި ފާހަގަކުރެވެމުން ދިއުމަކީ ހަގީގަތުގައިވެސް އެކަން އޮތް ގޮތެވެ. އަދި މިހާރު މިފެންނަނީ ބައިނަލް އަގްވާމީ ދުނިޔޭގެ ހަމަހަމަކަމާއި އަދުލު އިނަސާފު ފާލުން ނައްޓާލައިގެން ދިއުމުގެ ކޮޅުމައްޗެވެ.                                                             

ވައިޓްހައުސްގައި ހިނގާދިޔަ ކަންތައްގަނޑަށްފަހު ޖަރުމަނުގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ މިހާރު މިފެންނަނީ ލަދު ހަޔާތް ނެތިދިއުމުގެ އާ ޒަމާނެއްގެ ފެށުން ކަމުގައެވެ. ޔޫރަޕްގެ ލީޑަރުން މިހާރު ގަސްދު ކުރައްވަނީ އެމެރިކާއާއި ނުލައި ޔޫރަޕްގެ ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށެވެ.                             

އެމެރިކާއިން ކަންތައް ކުރަމުން ގެންދާގޮތުން އެންމެ ބޮޑު ނުތަނަވަސް ކަމެއް ކުރިމަތި ވެފައިވަނީ ސޯވިއެޓް ޔޫނިއަނުން ވަކިވި ގަތުމުތަކާއި ތައިވާނަށެވެ. ސޯވިއެޓް ޔޫނިއަނުން ވަކިވި ގައުމުތައް ނޭޓޯގައި ބައިވެރިވީ ރަޝިޔާގެ ނުރައްކަލުން ސަލާމަތް ވުމަށެވެ. ހަމައެފަދައިން ތައިވާނުން އަމިއްލައަށް ޗައިނާއިން ވަކިވެގަތުމަށްފަހު ޑިމޮކްރެސީގެ ހަމަތަކުގެ މަތިން ސަރުކާރެއް ގާއިމް ކުރީ އެމެރިކާގެ ރުހުމާއެކުގައެވެ.                 

މިދިޔަ ހޯމަ ދުވަހު ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ޗައިނާއިން ތައިވާނަށް އަރައިގަތުމަކީ ވަރަށް ބޮޑު މައްސަލައަކަށްވާނެއެވެ. އެމެރިކާގައި މިހާރުވެސް ތައިވާނުގެ ޗިޕް-މޭކިންގ ވިޔަފާރީގައި 100 ބިލިއަން އެމެރިކާ ޑޮލަރ އިންވެސްޓް ކޮށްފައިވާކަމަށް އެ ގައުމުން ގެންދަނީ ބުނަމުންނެވެ.                         

ޖަރުމަނުގެ އިންޑޯ-ޕެސިފިކް ޕްރޮގްރާމްގެ މާރޝަލް ފަންޑްސްގެ މެނޭޖިންގ ޑިރެކްޓަރ ބޮނީ ގްލޭސަރ ދެކޭގޮތުގައި ތައިވާނުން ކަންބޮޑުވާންޖެހޭ ސަބަބުތައް އެބަހުއްޓެވެ. ޔޫކްރެއިންގެ ފަހަތުގައި މުޅި ޔޫރަޕް އޮތްކަން ސިއްރެއް ނުކުރެވޭނެއެވެ. އެކަމަކު އެމެރިކާގެ ހަތިޔާރު ލިބިގެން މެނުވީ ތައިވާން ދިފާއު ނުކުރެވޭނެއެވެ.     

ރައީސް ޒެލެންސްކީއާ ދިމާއަށް ’ ކަލޭ އަތުގައި އެއްވެސް މަންނައެއް ނެތޭ “ ވިދާޅުވެ ރައީސް ޓްރަމްޕް ދެއްކެވި ވާހަކަ ފުޅުތަކަށް ބައެއް ސިޔާސީ ތަޖުރިބާކާރުން ވަނީ ރައްދު ދެއްވާފައެވެ. އެބޭފުޅުން ދެކި ވަޑައިގަންނަވާ ގޮތުގައި ރައީސް ޓްރަމްޕް ކޯފާވެ ވަޑައިގެން އުޅުއްވަނީ ޔޫކްރެއިނުން “ ޚާއްސަ މައުދަން އެކުލެވޭ ވެލި “ ނުލިބިދާނެތީއެވެ. ވެލި ލިބޭނެ މަގު ފަހިވެއްޖެނަމަ ރައީސް ޒެލެންސްކީއަށްވުރެން އަރިސް ބޭފުޅަކު ނުހުންނަވާނެއެވެ. އެހެންވީމާ ހަގީގަތުގައި ރައީސް ޒެލެންސްކީ އަތްޕުޅުގައި އޮތީ އާދައިގެ މަންނައެއްވެސް ނޫނެވެ. މަޝްހޫރު ކާލާމަންނައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް