މަގުފޭރުމުގެ ތައުބާ
އެކެއް: މަގުފޭރުމުގެ މާނަ
މަގުފޭރުމަށް އަރަބި ބަހުން ކިޔާ ނަމަކީ الحرابة އެވެ. އަރަބި ބަހުގައި الحرابة ގެ މާނައަކީ މުދާ ފޭރިގަތުމެވެ.[ الفيروز آبادي ، القاموس المحيط، ج،1 ص180] އިޞްޠިލާޙުގައި الحرابةގެ އެއް މާނައަކީ އެއީ ކުށްވެރީން ނިކުމެ ބިރުދައްކައިގެން ނުވަތަ މީހަކު މަރައިލައިގެން މުދާ ގަދަކަމުން ފޭރިގަތުމެވެ.[ الكاساني ، بدائع الصنائع،ج 7 ، ص9] އަނެއް މާނައަކީ އެއީ ބަޔަކަށް މަދަދެއް ނުހޯދޭފަދަ ގޮތަކަށް ހިފަހަށްޓައިގެން މުދާ ފޭރިގަތުމަށް ޓަކައި ކުރާ ކޮންމެ އަމަލެކެވެ.[ ابن فرحون ،تبصرة الحكام في أصول الأقضية و مناهج الحكام ،المرجع السابق ،ج2 ، ص271] އަނެއް މާނައަކީ އެއީ ހަތިޔާރުން ބިރުދައްކައިގެން މުދާ ފޭރިގަތުމެވެ. [ القرطبي ، أحكام القرآن، ج،2 ص 59]
ދޭއް: މަގުފޭރުމުގެ ޙައްދު
މަގުފޭރުމުގެ ޙައްދު ޤުރުއާނުގައިވަނީ އަންނަނިވިފަދައިންނެވެ. (إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَنْ يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُمْ مِنْ خِلَافٍ أَوْ يُنْفَوْا مِنَ الْأَرْضِ ۚ ذَٰلِكَ لَهُمْ خِزْيٌ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ)[ المائدة 33] މާނައީ: اللَّهއާއި، އެކަލާނގެ رسولއާއާ ހަނގުރާމަކޮށް އުޅޭ މީހުންނާއި ބިމުގައި ފަސާދަކުރުމަށް މަސައްކަތް ކޮށްއުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެއުރެން މެރުމެވެ. ނުވަތަ ސަލީބަށް އެރުވުމެވެ. ނުވަތަ ތަފާތުކޮށް އެއުރެންގެ އަތްފައި ބުރިކުރުމެވެ. (އެބަހީ: ކަނާތާއި ވާތުފައި ނުވަތަ ވާތާއި ކަނާތުފައި ބުރިކުރުމެވެ.) ނުވަތަ ރަށުން ފޮނުވައިލުމެވެ. އެއީ އެއުރެންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި آخرةގައި އެއުރެންނަށް ބޮޑުވެގެންވާ عذابހުށްޓެވެ.
(إِلَّا الَّذِينَ تَابُوا مِنْ قَبْلِ أَنْ تَقْدِرُوا عَلَيْهِمْ ۖ فَاعْلَمُوا أَنَّ اللَّهَ غَفُورٌ رَحِيمٌ)[ المائدة 34] މާނައީ: އެއުރެންގެ މައްޗަށް ތިޔަބައިމީހުން ގަދަވެގަތުމުގެ ކުރިން، توبةވި މީހުން މެނުވީއެވެ. ފަހެ، ހަމަކަށަވަރުން اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ ރަހީމުވަންތަ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!
ތިނެއް: މަގުފޭރޭ މީހުން ތައުބާވާނެގޮތް
މަގުފޭރުމުން ތައުބާވެއްޖެ މީހެއްގެ އަލާމަތާމެދު ފިޤުހު އިލްމުވެރީން ޖުމުލަގޮތެއްގައި ތިން ގޮތަކަށް ވިދާޅުވެފައިވެއެވެ.[ إبن رشد ، بداية المجتهد ، ح2 ص343،] ފުރަތަމައީ: ތައުބާވެއްޖެ މީހެއްގެ އަލާމަތަކީ މަގުފޭރުން ހުއްޓައިލުމެވެ. އެއީ ވެރިޔާއާ ނަފުސު ހަވާލު ނުކުރިކަމުގައިވިޔަސް މެއެވެ. ނުވަތަ ހަތިޔާރު އަޅައިލުމަށްފަހު ވެރިޔާއާ ނަފުސު ހަވާލުކުރުމެވެ. ދެވަނައީ: ތައުބާވެއްޖެ މީހެއްގެ އަލާމަތަކީ މަގުފޭރުން ހުއްޓައިލުމަށްފަހު އެހުރިތަނެއްގައި އިށީދެގަތުމެވެ. އަދި އަވަށްޓެރިންނަށް އެ ޚަބަރުކުރުމެވެ. ތިންވަނައީ: ތައުބާވެއްޖެ މީހެއްގެ އަލާމަތަކީ ވެރިޔާއާ ނަފުސު ހަވާލުކުރުމެވެ.
އައްޝައިޚް އައްޒަރުޤާނީ ވިދާޅުވިއެވެ. ”މަގުފޭރޭ މީހާ ތައުބާވުމުގައި މަގުފޭރުން ހުއްޓައިލުމާއި ހަތިޔާރު އަޅައިލުމަށްފަހު ވެރިކަމުގެ ފަރާތުން ގަދަވެގަތުމުގެ ކުރިން ތިމާގެ ނަފުސު ވެރިަކަމުގެފަރާތާ ހަވާލުކުރަންޖެހޭނެއެވެ.“ [ الزر قاني محمد بن عبد الباقي ، شرح الزرقاني على الموطأ، ط.د (لبنان ، بيروت : دار المعرفة ، 1978-1398)،ج ،8 ص.116] އެބަހީ އެނހިދު ބޭރުފުށުން އިސްލާހުގެ ސިފަތައް ފެންނަން ނެތްކަމުގައިވިޔަސް ހަތިޔާރު އަޅުމަށްފަހު ވެރިޔާއާ ހަވާލުވެގެންފި ނަމަ ތައުބާ ގަބޫލުކުރެވޭނެ ވާހަކައެވެ. ނަމަވެސް ބައެއް ފިޤުހު ޢިލްމުވެރީން ވިދާޅުވާގޮތުގައި ބޭރުފުށުން އިސްލާހުގެ ސިފަތައް ފެންނަންޖެހެއެވެ.[ ابن عابدين محمد أمين ،حاشية رد المحتار على الدر المختار، ط.د ( بلد بدون ، دار الفكر 1985-1395، ) ج ،2 ص23]
ހަތަރެއް: ވެރިކަމުގެފަރާތުން ގަދަވެގަތުމުގެ ކުރިން ތައުބާވެއްޖެ ނަމަ ހައްދަށްކުރާ އަސަރު
އިބުނު ޤުދާމާ ވިދާޅުވިއެވެ. ވެރިކަމުގެފަރާތުން ގަދަވެގަތުމުގެ ކުރިން މަގުފޭރޭ މީހަކު ތައުބާވެއްޖެ ނަމަ އެ މީހެއްގެ ކިބައިން ހައްދު ކެނޑިގެންހިނގައިދާނެއެވެ. އެއީ ﷲގެ ހައްގަކަށްވާތީއެވެ. ނަމަވެސް އެ ތައުބާއަކުން އިންސާނުންގެ މާލީ ހައްގެއް ނުވަތަ ނަފުސުގެ ހައްގެއް، އެ މީހުން މާފުނުކުރާހާހިނދެއްގައި ކެނޑިގެނެއްނުދާނެއެވެ. އަދި އެކަމާމެދު އިތުރު ރައުޔެއް ދަންނަބޭކަލުންގެ މެދުގައި ވާކަމެއް ތިމަންމެންނަކަށް އެނގިފައެއްނުވެއެވެ. އަދި އިމާމު މާލިކާއި އިމާމު ޝާފިޢީއާއި އިމާމު އަބޫޘައުރު ވެސް ވިދާޅުވަނީ އެފަދައިންނެވެ.[ ابن قدامه، المغني،ج8 ،ص 295]
ފަހެއް: ވެރިކަމުގެ ފަރާތުން ގަދަވެގަތުމަށްފަހު ތައުބާވެއްޖެ ނަމަ ހައްދަށްކުރާ އަސަރު
އިބުނު ޤުދާމާ ވިދާޅުވިއެވެ. ވެރިކަމުގެފަރާތުން ގަދަވެގަތުމަށްފަހު މަގުފޭރޭ މީހަކު ތައުބާވިޔަސް އެ މީހެއްގެ ކިބައިން އެއްވެސް ހައްދެއް ކެނޑިގެނެއްނުދާނެއެވެ. އެހެނީ އާޔަތުގައި އިސްތިސްނާވެފައިވަނީ ވެރިކަމުގެފަރާތުން ގަދަވެގަތުމުގެ ކުރީގައި ތައުބާވެއްޖެ މީހެއްގެ ހައްދެވެ. އަދި ވެރިކަމުގެފަރާތުން ގަދަވެގަތުމަށްފަހު އެ މީހެއްގެ ތައުބާގެ ބޭނުމެއްނެތެވެ. ސަބަބަކީ އެ މީހަކު އެ ވަގުތު އެހެރީ ކުށްކުރުމަށް ނުކުޅެދިފައިކަމަށްވާތީއެވެ.[ ابن قدامة ، المغني، ح8 ،ص 2]
ޤުރުޠުބީ ވިދާޅުވަނީ ވެރިކަމުގެފަރާތުން ގަދަވެގަތުމަށްފަހު ވެވޭ ތައުބާގައި ދޮގުވެރިކަމުގެގޮތުން ވެވުނު ތައުބާއެއްކަމުގެ ތުހުމަތު އުފެދޭކަމަށް ޓަކައި ގަބޫލު ނުކުރެވޭނެކަމަށެވެ.[ القرطبي، الجامع لأحكام القرآن :ج ،2 ص.15]
ހަޔެއް: ތައުބާއިން މަގުފޭރުނު މިހާ ކޮށްފައިވާ އިތުރު ކުށްތަކުގެ ހައްދަށް ކުރާ އަސަރު
މަގުފޭރުމުގެ އިތުރުން މަގުފޭރުނު މިހާ ކޮށްފައިވާ އެހެނިހެން ކުށްތަކަށް އެ ތައުބާއިން ކުރާނެ އަސަރާމެދު ފިޤުހު ޢިލްމުވެރީން ހަތަރު ޤައުލަކަށް އިޚްތިލާފުކުރައްވާކަމަށް އިބުނު ރުޝްދު ނަގުލުކުރައްވައެވެ.[ ابن رشد أبو الوليد ، بداية المجتهد ،ج 2 ،ص343]
ފުރަތަމަ ޤައުލު: މަގުފޭރުނު މީހާގެ ތައުބާއިން ކެނޑޭނީ ހަމައެކަނި މަގުފޭރުމުގެ ހައްދެވެ. އޭގެ އިތުރުން ކޮށްފައިވާ ކުށްތަކަށް އޮންނަ ދިނީ ހައްދުތަކާއި އަދި އަދި އާދަމުގެ ދަރީންގެ ހައްގުތައް ކެނޑިގެނެއްނުދާނެއެވެ.
ދެވަނަ ޤައުލު: މަގުފޭރުނު މީހާގެ ތައުބާއިން މަގުފޭރުމުގެ ހައްދާއި އޭގެ އިތުރުން ކޮށްފައިވާ ކުށްތަކަށް އޮންނަ ދިނީ ހައްދުތައް ކެނޑިގެންހިނގައިދާނެއެވެ. ނަމަވެސް އެ ތައުބާއަކުން އިންސާނުންގެ މާލީ ހައްގެއް ނުވަތަ ނަފުސުގެ ހައްގެއް، އެ މީހުން މާފުނުކުރާހާ ހިނދެއްގައި ކެނޑިގެނެއް ނުދާނެއެވެ.
ތިންވަނަ ޤައުލު: މަގުފޭރުނު މީހާގެ ތައުބާއިން މަގުފޭރުމުގެ ހައްދާއި އޭގެ އިތުރުން ކޮށްފައިވާ ކުށްތަކަށް އޮންނަ ދިނީ ހައްދުތައް ކެނޑިގެންހިނގައިދާނެއެވެ. ނަމަވެސް ލޭގެ ހައްގުތައް ދެމިއޮންނާނެއެވެ. އަދި މަގުފޭރުނު މީހާގެ އަތުން އެ ވަގުތު ފެނުނު މުދަލެއްގެ މާލީ ހައްގުތައް ދެމިއޮންނާނެއެވެ. އަދި އެ ވަގުތު ނުފެންނަ މުދަލެއްގެ މާލީ ހައްގުތަކެއް އަލުން ނުނެގެވޭނެއެވެ.
ހަތަރުވަނަ ޤައުލު: މަގުފޭރުނު މީހާގެ ތައުބާއިން މަގުފޭރުމުގެ ހައްދާއި އޭގެ އިތުރުން ކޮށްފައިވާ ކުށްތަކަށް އޮންނަ ހުރިހާ ދިނީ ހައްދުތަކާއި ލޭގެ ހައްގުތަކާއި މާލީ ހައްގުތައް ކެނޑިގެންހިނގައިދާނެއެވެ. ދެމިއޮންނާނީ މަގުފޭރުނު މީހާގެ އަތުން އެ ވަގުތު ފެނުނު މުދަލެއްގެ މައްޗަށް އޮންނަ މާލީ ހައްގެކެވެ. އެއީ އިބާޟީ މަޒުހަބުގެ ރައުޔެކެވެ.[ عبد العزيز التميمي ،النيل وشفاء العليل ، تعليق: بكلًي عبد الرحمان بن عمر،ط 2 (بلد بدون: الدار بدون ، 1389 – 1969) ج 4 ، ص. 643] ނަމަވެސް އަބޫޒުހުރާ އެ ރައުޔަތް އިއުތިރާޒުކުރެއްވިއެވެ. ވިދާޅުވިއެވެ. އެ ރައުޔަކީ ޝަރީޢަތުގެ އުސޫލުތަކާ ފުށުއަރާ ރައުޔެކެވެ. އެހެނީ ލޭގެ ކުށުގައި މައާފުކުރުމުގެ ހައްގު ލިބިފައިވަނީ ހަމައެކަނި އަނިޔާލިބުނުފަރާތަށްކަމަށްވަތީއެވެ. އަދި ހަމައެހެންމެ ތައުބާއަކުން މީހެއްގެ މުދަލެއް ހުއްދަނުކުރެވޭނެތީއެވެ.[ أبو زهرة ،محمد، الجريمة والعقوبة في الفقه الإسلامي ، ص246]
އިމާމު ޠަބަރީ ދެކެލައްވާގޮތުގައި އެންމެ ރަނގަޅުކަމަށް ފެންނަނީ މަގުފޭރުނު މީހާގެ ތައުބާއިން ހުރިހާ ކުށެއްގެ ހައްދުތަކާއި ލޭގެހައްގުތަކާއި މާލީހައްގުތަކުގެ އަދަބުތައް ނެތިގެންދާނެކަމަށެވެ.[ ابن جرير الطبري ، جامع البيان عن تأويل آي القرآن ، ح،10ص .] އަދި ފަހުގެ ޢިލްމުވެރީންގެ ތެރެއިން ސައްޔިދު ޤުޠުބުގެ ރައުޔަކީވެސް މަގުފޭރުނު މީހާގެ ތައުބާއިން ހުރިހާ ކުށެއްގެ ހައްގުތަކެއް ނެތިގެން ހިނގައިދާނެކަމަށެވެ.