ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ކުރިމަގަށް ފައިދާހުރި އެކިއެކި ދާއިރާތަކުން ތަޖުރިބާ ހިއްސާކުރެއްވުމަށް އެ ޖަމުޢިއްޔާގެ މެންބަރުން ތައްޔާރަށް ތިއްބެވިކަން ހާމަކުރެއްވިއެވެ. އަދި އެ ޖަމުޢިއްޔާ ހިންގުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާއި، އެ ޖަމުޢިއްޔާގެ މެންބަރުންގެ ކަންބޮޑުވުންތައް ރައީސްއާއި ހިއްސާކުރެއްވިއެވެ.
އިސްރަށްވެހިންގެ ނާދީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެތަނުގައި އިސްރަށްވެހިންނަށް ޚާއްޞަކޮށް ހިންގޭ އެކިއެކި ޕްރޮގްރާމްތަކުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމަށްވެސް މަޝްވަރާކުރެއްވިއެވެ.
ރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާ ފަދަ އަމިއްލަ ޖަމުޢިއްޔާތައް ހިންގުމަށް ބޭނުންވާ އޮފީސް ޖާގަ ހޯދުމުގައި ހުރި ދަތިތައް އެ ބޭފުޅުން ރައީސް މުޢިއްޒުއާއި ހިއްސާކުރެއްވިއެވެ.
މިގޮތުން ރައީސް ވަނީ އަމިއްލަ ޖަމުޢިއްޔާތައް ހިންގުމަށް ސަރުކާރުން އެހީތެރިކަން ދެއްވުމަށް އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކުރައްވާފައެވެ. ޖަމުޢިއްޔާތަކަށް އޮފީސް ޖާގަ ހޯއްދަވައިދެއްވުމަށް އޮފީސް ކޮމްޕްލެކްސްއެއް ޢިމާރާތް ކުރެއްވުމަކީ އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ ކަންކަން ތަރުތީބުވެގެން އަންނަ އުސޫލުގެ ތެރެއިން ބަޖެޓުވެގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.